
ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނީ މިއީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ބަޔަކު ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެެއިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔެކެވެ. މި އޮޕަރޭޝަން ހިންގީ، މިކަން ހުއްޓުވަން އުފައްދާފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެލާނާ އެއާޕޯޓުން މި މީހުން ހުއްޓުވައި، ބަލައިފާސްކުރިއިރު 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނެވެ. ފުލުހުން ބުނީ އަތުަލައިގަތް ފައިސާގެ އަގު 3.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެންމެ ފަހުން ހައްޔަރުކުރި މީހުންނާއެކީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މައްސަލަތަކުގައި ހައްޔަރުކުރިކަން އެނގިފައިވާ ބިދޭސީންގެ އަދަދު ވަނީ 15 އަށް ވުރެ އިތުރުވެފަ އެވެ.
ޑޮލަރު މައްސަލާގައި މައުލޫމާތު ދޭން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ 12 ބިދޭސީއެއްގެ މައްސަލަ ބަލަމުންދާ ކަމަށާއި، އޭގެ ތެރެއިން ނުވަ މީހަކު ތިބީ ޑިޓެންޝަނުގައި ކަމަށެވެ.
އޭގެ ފަހުން، މިމަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ހުއްދަ ނުނަގާ އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހަކު ބަންދު ކުރިކަމަށް މައުލޫމާތު އާންމުކޮށްފައެވެ. އެފަހަރު ބުނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް އެ ދެމީހުން އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.
ބޭރުފައިސާގެ ވިޔަފާރި ގަވާއިދާ ހިލާފަށް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ފެށީ ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ދިޔުމުންނެވެ. އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ، ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ ރިސޯޓުތަކުން ކަމަށް ތުހުމަތުކޮށް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކޮށްފައެވެ. އަދި އެ ގާނޫނަށް ގެނައި ބަދަލުގައި ޑޮލަރުގެ އަގު ހަބަރުތަކުގައި ގެނެސްދިނުންވެސް ވަނީ މަނާކޮށްފައެވެ.
މަޖިލީހުން ފާސްކުރި އެ ބަދަލުތައް ހިމެނޭ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ އޮގަސްޓް 31 ގައެވެ. އެ ދުވަހުވެސް ވަނީ ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކާ ހަ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ.




