
މަރޭގެ އުއްމީދަކަށްވީ ސަރުކާރުގެ ސްޓޭޓް ފާމަސީއެވެ. ރާއްޖެއިން ލިބެންނެތް އެ ބޭސްކޮޅު ގެނެސްދިނުމަށް އެދި ހުށަހެޅިތާ މިއަދަށް ބަރާބަރު މަހެއްވީއެވެ. ކޮންމެ ދުވަހަކު ހޭލާގޮތަށް ފޯނަށް ނަޒަރު ހިންގައި ލެވެނީ އުފާވެރި ހަބަރެއް އޮތްތޯއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު މަރޭ ހަބަރު އޮޅުން ފިލުވާލުމުން ލިބުނީ 'ސޮރީ' ގެ މެސެޖެކެވެ. ލަސްވާތީއެވެ. މަރޭގެ ހިތަށް އެރިއެވެ؛ ސިއްހީ ފަރުވާއަކީ ވަގުތުން ވަގުތަށް ބޭނުންވާ ކަމަކަމެކެވެ. ހަމައެކަނި "ސޮރީ" އެއް ބުނެލުމުން މަންމަގެ ބަލިހާލަތަށް ލުޔެއް ލިބޭނަމަ ތާއެވެ!
އިންތިޒާރުގައި ކުލަނުޖެހި ދިގުލައިގެންދާތީ މަރޭ ދެން ނިންމީ އަމިއްލަ ގޮތުން ބޭސް ގެނައުމަށެވެ. އިންޑިޔާގައި ހުރި އޭނާގެ ގާތް ރައްޓެއްސަކާ ވާހަކަދައްކައިގެން ބޭސް ހޯދޭނެ މަގު ފަހިކުރިއެވެ. ދެން ކުރިމަތިވީ އެއަށްވުރެ ބޮޑު އިމްތިހާނެކެވެ. ބޭހަށް ފައިސާ ދައްކަން ބޭނުންވާ ޑޮލަރުކޮޅު ހޯދުމެވެ. މާލޭގެ ގައި ހުރި، ހުރިހާ މަނީ އެކްސްޗޭންޖްތަކަކަށް ހިނގާ އާދޭސްކުރެވުނެވެ. އެންމެންގެވެސް ޖަވާބަކީ އެއް ޖަވާބެކެވެ؛ 'ވިއްކާނެ އެންމެ ޑޮލަރެއްވެސް ނެތް!' މިއެވެ.
މިއީ ހަމައެކަނި މަރޭގެ ވާހަކައެއް ނޫނެވެ. މިއީ މިއަދު މި ގައުމުގެ އެތައް ސަތޭކަ އާއިލާއެއްގެ ހިތްދަތި ދިރިއުޅުމެވެ. އެއްކޮޅުން އަސާސީ ބޭސްތައް ގައުމުން ހުސްވަނީއެވެ. އަނެއްކޮޅުން، ބޭރުން ބޭސްކޮޅެއް ގެންނަން ބޭނުންވާ ޑޮލަރުކޮޅު ލިބޭނެ ފަސޭހަ ނިޒާމެއް ނެތެވެ. މިފަދަ ހާލަތްތަކުގައި، 'ބޭހެއް ނެތް، ޑޮލަރެއް ނެތް، ދެން އަމިއްލަ ގައުމުގައި މަރުވެދާންވީހޭ؟' މި ސުވާލު އުފެދުމަކީ ނުރައްކާތެރިކަމެކެވެ. މއީ، ނިޒާމު އިސްލާހުކުރަންޖެހިފައިވާ އިންޒާރެކެވެ.
މަރޭމެން ބޭނުންވަނީ ކުށް ހޯދާކަށް ނޫނެވެ. އާންމު ރައްޔިތު މީހާ ބޭނުންވަނީ އަމަލީ ހައްލެވެ. ދައުލަތުގެ މުއައްސަސާތަކުން ބޭސް އެތެރެކުރުމުގެ މަރުހަލާތައް ހަލުވިކުރުމެވެ. ކަރުދާހީ މަސައްކަތްތައް އަވަސްވުމެވެ. ހަމައެއާއެކު، ބޭސްފަރުވާ ފަދަ އިންސާނާގެ ފުރާނައާ ގުޅުންހުރި ޒަރޫރީ ކަންކަމަށް ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހައިން ޑޮލަރު ލިބޭނެ ހާއްސަ ވިންޑޯއެއް ގާއިމްކޮށްދިނުމެވެ.
ރައްޔިތުންގެ ދިރިހުރުމުގެ ހައްގަކީ ހުރިހާ ސިޔާސަތުތަކުގެ އެންމެ ކުރިއަށް ނެރެންޖެހޭނެ ކަމެވެ. 'މާފަށް' އެދުމުގެ ބަދަލުގައި، ރައްޔިތުންނަށް އުއްމީދާއި ރައްކާތެރިކަން ލިބޭނެ ފަދަ ހަރުދަނާ ނިޒާމެއް ބިނާކުރުމަކީ ކަމާބެހޭ އިދާރާތަކުން މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ.




