އަސްލު އޮޅޭގޮތަށް ބަންދުކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅުނު ބޭރުފައިސާ.-- ފޮޓޯ: ޕޮލިސް
ބޭރު ފައިސާ ބޭރުކުރަން އުޅުނު މީހުންނަށް މަނީ ލޯންޑަރިންގެ ތުހުމަތު
އެ ހަމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައި
ހިޝާމް ހާރޫން 20 ސެޕްޓެމްބަރ 2026 (އާދީއްތަ)   15:09
ޔޭޔޭ ބްރޭންޑުގެ ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަގަށް ބޭރުކުރަން އުޅެނިކޮށް، އެއާޕޯޓުން ހައްޔަރުކުރި ހަ މީހުންނަށް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.

ޖުމްލަ 3.8 މިލިޔަން ރުފިޔާގެ އަގުހުރި ބޭރު ފައިސާއާ އެކު ފުރައިގެން ދާން އުޅެނިކޮށް ހައްޔަރުކުރި ބަންގްލަދޭޝްގެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުން ކުރާކަން ހާމަވީ އެ މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ކޮންމެ މީހަކަށް ނެރުނު އަމުރުތަކުގައި މައްސަލައިގެ ބާވަތުގެ ގޮތުގައި ލިޔެފައި އޮންނަނީ މަނީ ލޯންޑަރިންނެވެ. އަދި އެއިން ކޮންމެ މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން ފެންނަ ގޮތުގައި، މި މައްސަލާގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ ފިރިހެނެކެވެ. އެއީ:

  1. މުހައްމަދު މައީނުއްދީން ސަލާހް، 35 އަހަރު
  2. ރަޖިބް، 31 އަހަރު
  3. މުހައްމަދު އަބްދުﷲ، 38 އަހަރު
  4. އަޖްގޮރް މިރިދާ، 37 އަހަރު
  5. އެމްޑީ މޮހިއްދީން ޗޯދްރީ، 28 އަހަރު
  6. އެމްޑީ ޝައިން މިއާހް، 46 އަހަރު


ފުލުހުން އިއްޔެ ބުނިގޮތުގައި ވެލާނާ އެއާޕޯޓުން މި މީހުން ހުއްޓުވައި، ބަލައިފާސްކުރިއިރު 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނެވެ. ފުލުހުން ބުނީ އަތުލައިގަތް ފައިސާގެ އަގު 3.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެއާޕޯޓުން ހައްޔަރުކުރި ހަ މީހުންގެ މައްޗަށް ވެސް ފުލުހުން މަނީލޯންޑްރިންގެ ތުހުމަތު ކޮށްފައިވާއިރު، މީގެ ތެރެއިން ބައެއް މީހުން ކޯޓުގައި ބުނެފައިވަނީ އެ މީހުން އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމުގައެވެ.

އަނެއް ބައި މީހުން ދިޔައީ މީހަކަށް ޕާރުސަލެއް ހަވާލުކުރަން ކަމަށާއި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ވެސް އެ މީހުން ވަނީ ކޯޓުގައި ބުނެފައެވެ.

ކޯޓު އަމުރުގައި ވާގޮތުން ކޮންމެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އެގޮތުން، ސީން ހިނގައިދިޔަ ގޮތުގެ މައްޗަށާއި ފުލުހުންގެ ބަހުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓަކާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ކޮމެންޓް