ފުލުހުންގެ ތަހުގީގަށް އީޝާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވަނީ
އީޝާގެ ޝަރީއަތް ފަށައިފި، އަޑުއެހުން ސިއްރު
އީޝާ ވަނީ ތަހުގީގު މަރުހަލާގައި އޭނާއަށް ދިފާއުގައި ވާހަކަދެއްކުމަށް ފުލުހުން ފުރުސަތު ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ވެސް އޭރު ފާޅުކޮށްފައި
ހަސަން އިބްރާހީމް 5 އޮކްޓޯބަރ 2026 (ހޯމަ)   14:16
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފިއެވެ.

އީޝާގެ މައްޗަށް ދައުލަތުން ކުރާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މިއަދު ހެނދުނު ފަށާފައި ވާއިރު، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް ޒިހުނީ ވަނީ، އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ސިއްރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މީޑިއާތަކަށް އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތެއް ވަނީ ނުލިބިއެވެ.

މިއަދު ހެނދުނު 10:00 ގައި އިބްތިދާއީ އަޑުއެހުން ފަށާފައި ވާއިރު، އުމުރުން 24 އަހަރުގެ އީޝާގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއަށް އިންޓަވިއު ދިނީ އީޝާ ކަމަށް ތުހުމަތުކޮށް މީގެ ކުރިން ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުކުރި ނަމަވެސް، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފުލުހުން އޭނާއަށް ދީފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ކުރިން ހުރި އީޝާ ވަނީ ތަހުގީގު މަރުހަލާގައި ދިފާއުގައި ވާހަކަދައްކަން ފުލުހުން ފުރުސަތު ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ވެސް އޭރު ފާޅުކޮށްފައެވެ.

މި ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވާއިރު، މަސްދަރު ހިމާޔަތްކުރުމަށް ތަހުގީގުގައި ހަނުތިބި އެ ދެ ނޫސްވެރިންގެ ޝަރީއަތްވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

އީޝާގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލާފައިވާއިރު، މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރަކު އޭނާއަށް ގުޅައި އިންޒާރު ދީފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އަދި ރައީސް މުއިއްޒުގެ އާއިލީ މެންބަރެއްގެ ފަރާތުން އޭނާގެ އާއިލާއަށް އެކި ގޮތްގޮތުން ދަތިކުރަމުންދާ ކަމަށް ވެސް އީޝާ ތުހުމަތު ކުރެއެވެ.

ރައީސް މުހައްމަދު މުއިއްޒާއެކު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމަށް "އައިޝާ" ޑޮކިއުމެންޓަރީއަށް އިންޓަވިއު ދިން ފަރާތުން ތުހުމަތުކޮށްފައި ވާއިރު، އެ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒުއާ ސުވާލު ކުރުމުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށް ވެސް އޭރު ލީކަން ފާހަގަކޮށްލެވެއެވެ.

ޝަހިޒާން ޖަލަށްލީ އެ މައްސަލައާ ގުޅިގެން ކޯޓުން އެ ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ 'ގެގް' އަމުރެއް ނެރެފައި ވަނިކޮށް އެވާހަކަދައްކާ، ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުއިއްޒުއާ އެކަމާގުޅޭގޮތުން ސުވާލުކުރުމުންނެވެ.

ކޮމެންޓް