މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު.--
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ދައުވާކުރަން އޭސީސީން ނިންމައިފި
މަރްޔަމް މުޙައްމަދު 20 ސެޕްޓެމްބަރ 2026 (އާދީއްތަ)   15:34
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް އޭސީ ޔުނިޓުތަކެއް ގަތުމުގައި ނާޖައިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ.

އޭސީސީން މިއަދު އާންމުކުރި މައުލޫމާތުގައި ބުނީ 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލްއަށް 18 އޭސީ ޔުނިޓު ހޯދީ، އޭރު އެ ކުންފުނިން އަމަލުކުރި ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ގަވައިދާ ހިލާފަށް ކަމަށެވެ. އާންމުކޮށް އިއުލާން ނުކުރާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ވެސް ނެތް ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އޭސީ ޔުނިޓު ހޯދަން ހަވާލުކުރީ އެކަމުގެ ތަޖުރިބާއެއް ނެތް އަދި އެ މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް މީހެއްގެ ވިޔަފާރިއަކަށް ކަމަށެވެ. އެ ތަކެތި ހޯދީ އޭރުގެ މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި 1,083,998ރ. އަށެވެ.

އެހެންވެ، އޭރުގެ ސީއީއޯ ޖުނެއިދު އަދި އެ ކުންފުނީގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ހެޑަކަށް އޭރު ހުންނެވި މ.ހިލްއިންދަގާޑަން/ކ.މާލެ، އަބްދުލްވައްހާބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި 16 ސެޕްޓެންބަރު 2026 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފި ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެ މައްސަލައިގައި އޭސީސީން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖައިޒު މަންފާ ހޯދައިދިނުމާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.

ކޮމެންޓް