މަރިޔަމް ދީނާ، މީގެކުރިން ބޭއްވި އަޑުއެހުމެއްގައި އޭނާގެ ވަކީލް އާޒިމާ ޝުކޫރު އާއެކު.--
ފެނަކަ ސައީދަށް ހުކުމް ކުރިތާ އަހަރެއް ފަހުން ދީނާއަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފި
ހަސަން އިބްރާހީމް 13 އޮކްޓޯބަރ 2026 (އަންގާރަ)   22:05
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގި ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލާގައި ސައީދަށް ހުކުމް ކުރިތާ އަހަރު ދުވަސް ފަހުން އެ މައްސަލާގައި ހިމެނޭ ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ދީނާގެ މައްޗަށް ދައުވާކުރަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ.

އެ މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވަނީ ދީނާގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށެވެ.

އެގޮތަށް ކަނޑައެޅުމާއެކު، ދައުލަތުން ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވެންދެން ބަންދުކުރަން އެދިފައެވެ. އެހެންވެ، ގާޒީ ނިންމެވީ މައްސަލައިގެ ހުކުމް އިއްވެންދެން ދީނާ ބަންދުގައި ބަހައްޓާށެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ 2025 ސެޕްޓެމްބަރު 28 ގައެވެ.

ދީނާގެ މައްސަލަ ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއް ވެގެން ދިޔައީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ކަމަށް ކްރިމިނަލް ކޯޓުން ކުރިން ބުނެފައި ވެއެވެ.

ކޮމެންޓް