ގދ.ގައްދޫ ކައުންސިލްގެ އިދާރާ؛ އެ އިދާރާއިން ދެމުންއައި ލައިސަންސް ދޫކުރުމުގެ ޚިދުމަތް ވަނީ މެދުކަނޑާލާފައި.-- ފޮޓޯ: ސޯޝަލްމީޑިއާ
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފި
ގިނަ އަދަދަކަށް ލައިސަންސް ދޫކޮށްފައިވަނީ ޒިންމާދާރު ބައެއްގެ އިހުމާލުން މާލީ ބޮޑެތި ފައިދާތަކެއް ހޯދުމަށް: ގައްދޫ ކައުންސިލް
މަރްޔަމް މުޙައްމަދު 22 ސެޕްޓެމްބަރ 2026 (އަންގާރަ)   09:27
ގދ.ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފިކަން ހާމަވެއްޖެ އެވެ.

އެ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން އެހާ ގިނަ އަދަދަށް ލައިސަންސް ދޫކޮށްފައިވަނީ ކައުންސިލުގެ ޒިންމާދާރު ބައެއްގެ އިހުމާލުން، ގާނޫނާއި ގަވާއިދާ ހިލާފަށް މާލީ ބޮޑެތި ފައިދާތަކެއް ހޯދުމަށެވެ.

އެހެންކަމާއެކު އެ ކައުންސިލުން ދެމުން އައި އެއްގަމު ލައިސަންސް އަދި ކަނޑު ލައިސަންސް ޚިދުމަތް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

އެކަން ހާމަކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ފަސް ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތުމުގެ ފަހުން ވެސް ލައިސަންސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ލިބުނު ކަމަށެވެ. މިގޮތުން މި މަހުގެ ހަވަނަ ދުވަހު ގައްދޫ ކައުންސިލްގެ ރައީސަށް ލިބުނު ވަރަށް އިތުބާރުހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ބެލިބެލުމުން ލައިސަންސް ދޫކޮށްފައިވަނީ ޤަވާޢިދާއި، ޚިލާފަށް ލައިސަންސް ނެގިމީހާ މާލޭގައިހުރެ 30 އޮގަސްޓް ގައި ލައިސަންސަށް އެޕްލައިކޮށް 31 އޮގަސްޓް ގައި ގައްދޫ ކައުންސިލުން މިލައިސަންސް އިޝޫކޮށްގެން ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ބެލިބެލުމުން މިކަމަކީ ހަތަރު ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއިއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ. އަދި މިފަދަ ހުރިހާ ކަންކަމާއި ގުޅިގެން އިދާރާގެ ސިވިލްސާވިސްގެ މުވައްޒަފުންނަށް މި ހާލަތުގައި މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަންޖެހި މީގެ ނަތީޖާއަކީ ހުރިހާ ގެއްލުމެއް ތަޙައްމަލް ކުރަންޖެހެނީ އެ މުވައްޒަފުން ކަމުގައި ވެސް ކައުންސިލުން ބުނެއެވެ.

ގައްދޫ ކައުންސިލުން ބުނީ މި މަހުގެ 17 ވަނަ ދުވަހު ކަމާއިގުޅޭ މިނިސްޓްރީގެ އިސް ދެ ބޭފުޅުން އެރަށަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިކަމުގެ ތެރެއިން ޤަވާޢިދާއި، ޚިލާފަށް ގިނަކަންކަން މިކަމުގައި ހިނގާފައިވާކަން އެ ބޭފުޅުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިގޮތުން ގްރޭޓާ މާލޭ ސަރަޙައްދުގައި، މާލެއިން ލައިސަންސް ނަގާފައިވާ ޢަދަދާއި، ދާދި އެއްވަރަކަށް ގައްދޫއިން ލައިސަންސް ދޫކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. ވޭތުވިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫއިން 1600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވެ އެވެ. މިއީ މަހަކަށް 133 ވަރަކަށް ލައިސަންސް އެވެ.

މިކަމުގައި ޙަރަކާތްތެރިވެފައިވާ އެގްޒަމިނަރުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު ހަފްތާއަކަށް ދެތިންމީހުންވެސް ޕްރެކްޓިކަލް ހަދާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެއްގަމާއި، ކަނޑު ލައިސަންސްގެ ޚިދުމަތް ފެށުމަށް ކަމާއި، ގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއި، މަޝްވަރާކޮށް ކައުންސިލުން މަސައްކަތް ކުރަމުންދާކަން އެ ކައުންސިލުން ފާހަގަކޮށް ބުނީ ހިނގަމުންދާ ކައުންސިލްގެ ފަސް ވަނަ ދައުރުގައި މިފަދަ ނާތަހުޒީބު ޖަރީމާތަކާއި، ވައްކަމާއި، ޚިޔާނާތް ގައްދޫ ކައުންސިލުން ނުހިގާނެ ގޮތަށް އިދާރާގެ ކަންކަން އިންތިޒާމްކޮށް، މުޅި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމުގައާއި، އަދި ޤާނޫނާއި، ޤަވާޢިދު ތަންފީޒްކުރުމުގައި ކައުންސިލުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށްވެސް ގައްދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް