
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާގޮތުން މި އިންތިހާބު އޮންނާނީ ނޮވެމްބަރު 28، ގަ އެވެ. އޮކްޓޯބަރު 26، ގެ 14:00 އާ ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު ހޮވުނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އޭނާ ފަހުން ގުޅުނީ އެމްޑީޕީއާ އެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
ނަމަވެސް، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އުވައިލިކަން 2026 އޭޕްރިލް 11 ގައި އޮތީ އިލެކްޝަންސް ކޮމިޝަނުން އަންގައިފަ އެވެ.
ޝުޖާއު މީގެ ކުރިން މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލިކަން އެ ޕާޓީއަށް އެންގުމުން ކަމަށެވެ.
"ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ވ.އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރެއްވި ޝުޖާއު ވިދާޅުވެފައި ވެއެވެ.
ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅިއިރު، ޖޫން މަހުން ފެށިގެން އެ ދުވަހާ ހަމައަށް އޭނާ ހުރީ ކައުންސިލް ރައީސްގެ މަގާމުން ސަސްޕެންޑް ކޮށްފައެވެ.
ޝުޖާއުއަކީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކޮށްގެން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރެވެ.




