
އެކަމަނާ މިފަދައިން ވިދާޅުވީ މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ވެލިދޫގައި ހުންނަ ނ.އަތޮޅު ތައުލީމީ މަރުކަޒުގެ ރިހިމާލަމުގައި އޮތް ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވައި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.
"މިހާރު މިރަށުގައި ކުރިއަށްދާ އެންމެބޮޑު އެއް މަޝްރޫއަކީ ތިރީސް އެނދުގެ ޖާގައިގެ ޒަމާނީ އާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މި ދައުރު ނިމުމުގެ ކުރިން އާ ހޮސްޕިޓަލް ހުޅުވި، މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބެންފަށާނެ." ހެލްތު މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވިގޮތުގައި ނ.އަތޮޅުގެ ސިއްހީ ދާއިރާއަށް ދަނީ ބޮޑެތި އިންގިލާބީ ކުރިއެރުންތަކެއް އަންނަމުންނެވެ. އެގޮތުން ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމަށްވެސް ޤީލާ ވިދާޅުވިއެވެ.
އަދި މަނަދޫގައި ހުންނަ ނ.އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއާއި ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތުގެ އިތުރުން ފިޒިއޮތެރަޕީގެ ޚިދުމަތް މިހާރު ފަށައިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭއާއި ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި ވެލިދޫ ސިއްހީ މަރުކަޒުގައިވެސް އެތެރެހަށީގެ ޑޮކްޓަރުންނާއި، ޑަޔަލިސިސް، އެކްސްރޭ، ވޯކްޕާމިޓް މެޑިކަލް އަދި ސީ-އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ނ. އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް ނެތް 8 ރަށުގެ ތެރެއިން 3 ރަށުގައި އެ ހިދުމަތް ގާއިމުކޮށް، ބާކީ އޮތް 5 ރަށުގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ޤީލާ ވިދާޅުވިއެވެ.
ވެލިދޫގައި ތިރީސް އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ވައުދަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ރިއާސީ ވައުދެކެވެ. އެހެންނަމަވެސް، އެ ވެރިކަން ނިމިގެން ދިޔައިރުވެސް އެކަމުގެ އަމަލީ މަސައްކަތެއް ނުފެށެއެވެ. ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުނީ 2025 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށެވެ. ވެލިދޫގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ އާރުޑީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ފެށިނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ ވެލިދޫ ކައުންސިލް ރައީސް ވަނީ އެކަމުގެ ކަންބޮޑުވުން ފިޔެސް އާވެސް ހިއްސާކޮށްފަ އެވެ.




