ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު މަޖިލިސް ޖަލްސާގައި.- ފޮޓޯ: މަޖިލިސް
ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދެއްކި އަދަދު ހަތްދިހަހާހުން މަތީގައި
މަރްޔަމް މުޙައްމަދު 23 ޖޫން 2026 (އަންގާރަ)   12:56
ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދެއްކި މީހުންގެ އަދަދު އުޅެނީ ހަތްދިހަހާހުން މަތީގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން މުޅި ރާއްޖެއިން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން 45،000 މީހުން ޑޮކްޓަރަށް ދެއްކީ މާލެ ސަރަހައްދުން ކަމަށެވެ.

"ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން 25 ގެ ނިޔަލަށް ތިން އަހަރުގެ ތެރޭގައި 70،000 އަށްވުރެ ގިނަ ފަރާތެއް ސައިކޭޓްރިސްޓް އެހީތެރިކަން ހޯދާފައިވޭ. ސައިކޭޓްރިސްޓް ކޮންސަލްޓޭޝަންސް ހޯދާފައިވާ ވާހަކަ އަޅުގަނޑު މިދަންނަވާލީ. މީގެތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން،" ގީލާ ވިދާޅުވިއެވެ.

ގީލާ ވިދާޅުވީ ނަފްސާނީ ބަލި މީހުންނަށް އެހީތެރިވާ ހެލްޕް ލައިން ނަންބަރު 1484 އަށް މިދިޔަ އަހަރު އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުން ގުޅައި އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ފާހަގަކުރައްވާ ގީލާ ވިދާޅުވީ އެކަމަށް 10،000 އަކަ ފޫޓުގެ ބިމެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލް ގާއިމުކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައި ކަމަށެވެ.

ސައިކޭޓްރިސްޓް ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ގދ. ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

ކޮމެންޓް