ޝާމިން މިއަދު ޖަލުން ދޫކޮށްލުމުން މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނާއި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: މައިމޫން
މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް ޝާމިން ދޫކޮށްލައިފި
ހިޝާމް ހާރޫން 22 ސެޕްޓެމްބަރ 2026 (އަންގާރަ)   19:46
އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމިން އެ ޕާޓީގެ މުޒާހަރާއަށް ގުޅިގެން ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

ޝާމިން މި މަހުގެ 8 ވަނަ ދުވަހު ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހުގެ 28، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޗާންދަނީ މަގާއި ދީދީ ގޯޅިއާ ގުޅޭ ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެއެވެ.

އޭގެ އިތުރުން އޭނާއަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި މުދަލަށް ގެއްލުން ދިނުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށް އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ހިމެނެއެވެ.

ހައްޔަރުކުރަން ބޭނުންވާ ސަބަބުގެ ގޮތުގައި 'މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ' ކަމަށް ކޯޓު އަމުރުގައި އޮތްއިރު އޭނާއާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރަށް އިންޓެލިޖެންސް ރިޕޯޓެކެވެ.

މި މަހުގެ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް ޝާމިންގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ބޮޑު ކުށަކަށްވާތީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖެހި ނަމަވެސް، އެއަށްފަހު މިދިޔަ ހުކުރު ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް އިތުރުކުރިއެވެ.

ޝާމިން ދޫކޮށްލުމުން މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން އޭނާއަށް ބައްދަލުކޮށް މަރުހަބާ ކިއެވެ. 

ޖަލުން މިނިވަން ވުމަށްފަހު އާންމުކުރި ވީޑިއޯ ކޮމެންޓެއްގައި ޝާމިން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި އެ ހައްގު ބޭނުންކުރުމުން އަދުގެ ސަރުކާރުން މި ދޭ އަނިޔާ އޭނާ ބަލައިނުގަންނަ ކަމަށާ، އެމްޑީޕީއިން ކުރާ މަސައްކަތް ދާނީ ބާރަށް ކުރިއަށް ކަމަށެވެ. 

ޝާމިން ދޫކޮށްލާފައި ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، މާލެއިން ބޭރަށް ފުރައިގެން ނުދެވޭނެ ގޮތަށެވެ.

މީގެކުރިން 2024ގެ ޑިސެމްބަރު ފަހުކޮޅުގައި ޓެކްސީ ޑްރަވައިރުން ކުރި މުޒާހަރާއަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރިއެވެ. އޭނާ އޭރު ދޫކޮށްލީވެސް ޝަރުތުތަކާ އެކީގައެވެ.

ކޮމެންޓް