އެމްޑީޕީ ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ހިޝާމް ހާރޫން 10 އޮކްޓޯބަރ 2026 (ހޮނިހިރު)   11:21
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީން ނޮވެމްބަރު 27، ގައި ބާއްވާ ގައުމީ މަޖިލިސް އިންތިހާބަށް ފުރުސަތު ހުޅުވާލައި އެ ޕާޓީން ކުރި އިއުލާނު މިއަދު ވަނީ އާންމު ކޮށްފައެވެ. 

މިމަހު ބޭއްވި އެ ޕާޓީގެ 5 ވަނަ ކޮންގްރެސް ގައި  އަސާސީ ގަވާއިދަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. ގައުމީ މަޖިލީހުގެ އިތުރުން ބައެއް އެހެން މަގާމުތަކުގެ އިންތިހާބަށް ވެސް އެމްޑީޕީން ހުޅުވާލި އެވެ. 

އިންތިހާބަށް ހުޅުވާލި މަގާމުތައް:

  • އަތޮޅު އަދި ސިޓީތަކުގެ އިންތިހާބުކުރާ ގައުމީ މަޖިލިސް މެންބަރުން: މި މަގާމުތަކަށް ވޯޓުލާނީ އަތޮޅާއި ސިޓިތަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން
  • ރަށު އަދި ސިޓިތަކުގެ ދާއިދާ ގައުމީ މަޖިލިސް މެންބަރުން: ކޮންމެ ރަށަކުން އެއް މެންބަރުން، 500 އަށްވުރެ އިތުރުވާނަމަ އިތުރު އެކެއް އަދި 1000 އަށްވުރެ އިތުރުވާނަމަ އިތުރު 1 މެންބަރުން. ކޮންމެ ސިޓީއެއްގެ އިންތިހާބީ ދާއިރާއަކުން 2 މެންބަރުން، 500 އަށްވުރެ އިތުރުވެއްޖެނަމަ އިތުރު އެކެއް އަދި 1000 އަށްވުރެ އިތުރުވާނަމަ އިތުރު 1 މެންބަރުން.
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުން
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުން



އެ މަގާމުތަމުގެ ތެރެއިން ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ ހުރިހާ މަގާމަކަށް ކުރިމަތިލާ މެންބަރުން 1,000ރ. ގެ އިދާރީ ފީއެއް އެމްޑީޕީއަށް ދައްކަން ޖެހެއެވެ. 

ނޮވެމްބަރު 27، ގައި އިންތިހާބުގައި ވޯޓުލުން މެންދުރު 14:30 އިން ރޭގަނޑު 20:30 އަށް ކުރިއަށްގެންގޮސް ވަގުތީ ނަތީޖާ އިއުލާންކުރަން ވަނީ ރާވާފަ އެވެ. އެއަށްފަހު ނޮވެމްބަރު 30، ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ވަނީ ހަމަޖެހިފައެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ޕާޓީގެ މެންބަރަކަށްވުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ އޮކްޓޯބަރު 20، ގެ މެންދުރުފަހު 14:00 އެވެ. 


ކޮމެންޓް