ނައުކޮޅު އޮތްކަމަށް ބުނާތަނުގެ ސްކޭން ސާވޭ ކުރިއަށްދާގޮތުގެ އޭއައި ތަސްވީރެއް.--
ނޫޙުގެފާނުގެ ނައުކޮޅުގެ ފަހުގެ ހޯދުންތައް
ކީރިތި ޤުރުއާނުގެ ޙަޤީޤަތްތަކާއި، މުސްލިމް ދިރާސާވެރިން އަދި ދުރުޕިނާރުގެ ސިއްރުތައް
އިބޫ އެމް 2 އޮކްޓޯބަރ 2026 (ހުކުރު)   06:19
ވޭތުވެދިޔަ ހަތަރު ހާހަށްވުރެ ގިނަ އަހަރުތަކުގެ ތެރޭގައި، ނޫޙުގެފާނުގެ ނައުކޮޅު ބަނދަރުކުރި ތަނަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސިއްރެވެ. އެ ނަވު ބަނދަރުކުރި ތަނާ ބެހޭގޮތުން ކީރިތިޤުރްއާނުގައި ސާފު ބަޔާނެއް ދެއްވާފައިވީ ނަމަވެސް، އެތަނުގެ ޖިއޮގްރަފީ ސީދާ ކަނޑައެޅުމަކީ ޢިލްމުވެރިންގެ މެދުގައި ޒަމާންތަކަކަށް ދެބަސްވުން އުފެދިފައިވާ ކަމެކެވެ. 2026 ވަނަ އަހަރު، ތުރުކީގެ ދިރާސާވެރިންގެ ޓީމަކުން—އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމް ސައިންސްވެރިން ހިމެނޭގޮތަށް—ވަނީ އިރުމަތީ ތުރުކީގައިވާ "ދުރުޕިނާރު" ސަރަޙައްދުގައި ސައިންސީ ގޮތުން އެންމެ ފުޅާ ދިރާސާއެއް ފަށާފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ ނަވު ބަނދަރުކުރި ތަނެވެ.

ޤުރްއާނުން ފެންނަށް އޮތްހެކި: ނައުކޮޅު ބަނދަރުކުރީ ޖޫދީ ފަރުބަދައަށް
ނައު ބަނދަރުކުރި ތަނާ ބެހޭގޮތުން ކީރިތިޤުރްއާނުގެ ބަސްފުޅު ސާފެވެ. ސޫރަތު ހޫދުގެ 44 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ:

"އަދި ބަސްފުޅު އައެވެ. އޭ ބިމެވެ! ތިބާގެ ފެންތައް ދިރުވައިލާށެވެ! އަދި އޭ އުޑެވެ! ވާރޭ ހުއްޓާލާށެވެ! އަދި ފެންގަނޑު ހިނދިއްޖެއެވެ. އަދި ކަންތައް ނިމިއްޖެއެވެ. އަދި އެ ނަވު ޖޫދީ ފަރުބަދައިގެ މައްޗަށް ބަނދަރުކޮށްފިއެވެ. އަދި ބަސްފުޅު އައެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ދުރުކަން ހުއްޓެވެ."

މި އާޔަތަކީ ނައުކޮޅު ބަނދަރުކުރި ތަނާ ބެހޭގޮތުން އިސްލާމީ ޢަޤީދާގެ ބިންގަލެވެ. ބައިބަލްގައި އެ ނަވު ބަނދަރުކުރީ "އަރަރާތު ފަރުބަދަތަކަށް" ކަމަށް ބުނެފައިވީ ނަމަވެސް، ކީރިތިޤުރްއާނުގައި ސީދާ ބަޔާންކުރައްވާފައިވަނީ ތޫފާނުގެ ފެންގަނޑު ހިނދުމުން ނަވު ބަނދަރުކުރީ "ޖޫދީ" (الجودي) ފަރުބަދައަށް ކަމަށެވެ.


އިސްލާމީ ޢިލްމުވެރިންގެ ނަޒަރުގައި ޖޫދީ ފަރުބަދަ ހުރި ތަން
ޖޫދީ ފަރުބަދަ ހުރި ސީދާ ތަނާ ބެހޭގޮތުން އިސްލާމީ ޢިލްމުވެރިން ތަފާތު ތަފްސީރުތައް ދެއްވާފައިވެއެވެ. ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާ (ޑިޔަނެތ) އިން ހާމަކުރާ ގޮތުގައި، ޖޫދީ ފަރުބަދަ ހުންނަނީ އެނަޓޯލިއާގެ ދެކުނު އިރުމަތީގައި، ތުރުކީއާއި ޢިރާޤު ގުޅޭ ބޯޑަރާ ގާތްގަނޑަކަށް 15 ކިލޯމީޓަރު ދުރުގައެވެ. އެއީ ތަޖްރިސް ކޯރުގެ އައްސޭރީގައިވާ ޖިޒްރޭ ސިޓީއާ 32 ކިލޯމީޓަރު ދުރު، އަދި ޝިރްނާކް ޕްރޮވިންސްގެ މަރުކަޒާ 17 ކިލޯމީޓަރު ދުރުގައެވެ.

ދިޔާނަތު އިދާރާގެ ތަފްސީރުގައިވާ ގޮތުން، ޖޫދީ ފަރުބަދައިގެ ބިމުގެ އޮނިގަނޑާއި ތާރީޚީ މަޢުލޫމާތުތަކަށް ބަލާއިރު، މިއީ ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ފަރުބަދަ ކަމަށް ބެލެވެއެވެ. މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ އަލް-ޠަބަރީގެ ތަފްސީރުގައިވާ ގޮތުން، ނޫޙުގެފާނު ނަވަަށް އަރައިވަޑައިގަތީ ރަޖަބު މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ހަ މަސް ފަހުން، ޢާޝޫރާ ދުވަހު (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު)، ނަވު ޖޫދީ ފަރުބަދައަށް ބަނދަރުކުރިއެވެ.


ދުރުޕިނާރު ސަރަޙައްދު: އުއްމީދާއި ބަޙުޘްގެ މައިދާން
ތާރީޚީ ހޯދުންތައް
ދުރުޕިނާރު ސަރަޙައްދަކީ އަރަރާތު ފަރުބަދައިގެ ދެކުނުން 18 ނުވަތަ 20 މޭލު ދުރުގައި، އާގްރީ ޕްރޮވިންސްގެ ދޯބަޔަޒިތު އަވަށުގައި އޮންނަ ތަނެކެވެ. މިތަން ފުރަތަމަ ފެނުނީ 1959 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ތުރުކީގެ އަސްކަރިއްޔާގެ ކެޕްޓަން އިލްހާން ދުރުޕިނާރު ވައިގެ މަގުން ކުރި ސާވޭއެއްގެ ތެރެއިންނެވެ. ބޯޓެއްގެ ބުރަފަތިބަރީގެ ބައްޓަމަށް އޮންނަ މި ބިމުގެ ދިގުމިނުގައި 157 މީޓަރު (515 ފޫޓު) ހުރެއެވެ. މިއީ ބައިބަލްއާއި ޤުރްއާނުގައި ނަވުގެ ސިފަތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ މިންތަކާ ވަރަށް އެއްގޮތް މިންތަކެއް ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

2026 ވަނަ އަހަރުގެ އާސާރީ ދިރާސާތައް
ނަވު ހޯދުމުގެ މަސައްކަތުގައި އެންމެ ފަހުގެ ކުރިއެރުމެއް ލިބުނީ 2026 ޖޫން 28 ގައެވެ. "ނޯވާސް އާކް ސްކޭންސް" އާއި "ބަޚްތަރު ރިސާޗް އެންޑް އިންޖިނިއަރިންގ" ގުޅިގެން ވަނީ ދުރުޕިނާރު ސަރަޙައްދުގައި ރޭޑާ ސާވޭއާއި ބޯހޯލް ކޮނުމުގެ ބޮޑު މަޝްރޫޢެއް ފަށާފައެވެ.

މުސްލިމް ދިރާސާވެރިންނާއި ސައިންސްވެރިންގެ ދައުރު
2026 ގެ މި މަސައްކަތުގައި އެންމެ ފާހަގަކޮށްލެވެނީ މުސްލިމް ސައިންސްވެރިންގެ ބައިވެރިވުމެވެ. ސިވާސް ޖުމްހޫރިއްޔާ ޔުނިވަރސިޓީގެ އާސާރީ ޢިލްމުވެރިޔާ ޑރ. ސެންކަރ އަތިލާ މި ޓީމު އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާއިރު، އެންމެ ޒަމާނީ ރޭޑާ ނިޒާމުތަކާއި ކޮނުމުގެ އާލާތްތައް ދަނީ ބޭނުންކުރަމުންނެވެ.

ތުރުކީއަށް އުފަން، އެމެރިކާގެ ދިފާޢީ ސައިންސްވެރިއެއް ކަމަށްވާ ޑރ. ޚުސްރޯ ބަޚްތަރު ދަނީ "ބަޚްތަރު ރޭޑާ" ނިޒާމު ބޭނުންކޮށްގެން ބިމުގެ އަޑީގެ ފޮޓޯތައް ނަގަމުންނެވެ. ޑރ. ބަޚްތަރު ހާމަކުރެއްވި ގޮތުގައި، ބިމުގެ އަޑީގައި އާދަޔާޚިލާފު ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ސީދާ ރޮނގުތަކާއި، ކަނުތަކާއި، އަދި ހޮހަޅަ ފަދަ ހުސް ތަންތަން ހިމެނެއެވެ. މި ހޯދުންތަކުން ދޭހަވަނީ މިއީ ހަމައެކަނި ގުދުރަތީ ހިލަގަނޑެއް ނޫން ކަމެވެ.

އާގްރީ އިބްރާހީމް ޗެޗެން ޔުނިވަރސިޓީގެ ޕްރޮފެސަރު ފާރޫޤް ކަޔާ ފާހަގަކުރެއްވި ގޮތުގައި، އެ ސަރަޙައްދުން ފެނިފައިވާ މަށީގެ ތަކެތީގެ ތަންތަންކޮޅުން އެނގޭ ގޮތުގައި، މީލާދުގެ 5500 އާއި 3000 އަހަރު ކުރިން އެ ސަރަޙައްދުގައި އިންސާނުން އުޅެފައިވެއެވެ.

ރޭޑާ ހޯދުންތަކާއި އޯގަނިކް މާއްދާތައް
މި ޓީމުން ވަނީ ބިމުގެ 18 މީޓަރު (60 ފޫޓު) އަޑިއަށް ކޮނެގެން ސާމްޕަލް ނަގާފައެވެ. އެމީހުން ބުނާ ގޮތުގައި ބިމުގެ އަޑީގެ ފަށަލަތަކުން "މުއްސަނދި އޯގަނިކް މާއްދާތަކެއް" ފެނިފައިވެއެވެ. މިއީ ނަވުގެ ބައިތައް ފީވެގެން އުފެދިފައިވާ މާއްދާތަކެއް ކަމަށް ބެލެވެއެވެ. އަދި މިހާތަނަށް ކޮނުނު ތަންތަނުން ހަރު ހިލައެއް ފެނިފައި ނުވުމަކީ، މިއީ ހަމައެކަނި ގުދުރަތީ ހިލަ ފަރުބަދައެއް ނޫންކަމުގެ ހެއްކެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ޑރ. އަތިލާ ވިދާޅުވި ގޮތުގައި، ފެނިފައިވާ ލަކުޑީގެ ބައިތަކާއި އޯގަނިކް މާއްދާތަކުގެ ކާބަން ޑޭޓިންގ ހެދުމުން، އެއީ ކޮން ޒަމާނެއްގެ އެއްޗެއްކަން އެނގި، އެތަނުގައި ހަޤީޤަތުގައިވެސް ނަވެއް އޮތްތޯ ކަށަވަރު ކުރެވޭނެއެވެ.

ދުރުޕިނާރުގައި ނޫޙުގެފާނުގެ ނަވު ހޯދުމުގެ މަސައްކަތް މިހާރު މިވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު އައު މަރުޙަލާއަކަށް ގޮސްފައެވެ. މުސްލިމުންނަށް ނިސްބަތްވާއިރު، ކީރިތިޤުރްއާނުގައިވާ ޖޫދީ ފަރުބަދައަކީ މިކަމުގެ އެންމެ އިތުބާރު ހުރި ޚަބަރެވެ. އެ ފަރުބަދަ ހުރި ސީދާ ތަނާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ތަފާތު ޚިޔާލުތައް ހުއްޓަ

ނަމަވެސް، ތުރުކީގެ އިސްލާމީ ޢިލްމުވެރިންގެ މެދުގައި އެންމެ ބޮޑަށް ބަލައިގަނެވޭ ރައުޔަކީ، ޝިރްނާކް ޕްރޮވިންސްގައިވާ ޖޫދީ ފަރުބަދައަކީ އެއީ ކަމަށެވެ.

ދުރުޕިނާރުން މި ފެންނަ އާދަޔާޚިލާފު ބިމުގެ އޮނިގަނޑަކީ ނޫޙުގެފާނުގެ ނަވު ކަމުގައި ވީނަމަވެސް ނުވަތަ ނޫންކަމުގައި ވީނަމަވެސް، މި ހޯދުންތަކުން ދޭހަކޮށްދެނީ މުޤައްދަސް ފޮތްތަކުގައިވާ ޚަބަރުތަކާއި އިންސާނީ ތާރީޚާ ހުރި ގުޅުން ދެނެގަތުމަށް އިންސާނުން ކުރާ ބޮޑު އުންމީދެވެ. މުސްލިމުންގެ ނަޒަރުގައި ނޫޙުގެފާނުގެ ނަވަކީ ހަމައެކަނި ތާރީޚީ ބިނާއެއް ނޫނެވެ. އެއީ މާތްﷲ ގެ ރަޙްމަތްފުޅާއި، މުއުމިނުންނަށް ދެއްވި ސަލާމަތާއި، އަދި އީމާންކަމުގެ މަތިވެރި ރަމްޒެކެވެ.                   


ކީރިތި ޤުރުއާނުގެ އަލީގައި ނޫޙުގެފާނުގެ ނައުކޮޅު
ކީރިތި ޤުރުއާނުގައި ނޫޙުގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ ވަރަށް ތަފްޞީލުކޮށް، ސައިންޓިފިކް އަދި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފެކްޓްތަކާއެކުގައެވެ.

ނައުކޮޅު ބީހުނު ތަން: ބައިބަލްގައި "އަރަރާތު ފަރުބަދަތައް" ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކީރިތި ޤުރުއާނުގައި ސީދާ ފަރުބަދައިގެ ނަން ވަނީ ބަޔާންކުރައްވާފައެވެ. ހޫދު ސޫރަތުގެ 44 ވަނަ އާޔަތުގައި ވަނީ: "وَاسْتَوَتْ عَلَى الْجُودِيِّ" (އަދި އެ ނައުކޮޅު ޖޫދީ ފަރުބަދައިގެ މައްޗަށް ބީހުނެވެ.) ދުރުޕިނާރު ސަރަހައްދަކީ ތާރީޚީ ގޮތުން ބައެއް މުފައްސިރުން "ޖޫދީ" ފަރުބަދަ ކަމަށް ބަލާ ސަރަހައްދާ ވަރަށް ގާތް ތަނެކެވެ.

ނައުކޮޅުގެ އޮނިގަނޑު: ޤަމަރު ސޫރަތުގެ 13 ވަނަ އާޔަތުގައި ނައުކޮޅު ސިފަކުރައްވާފައިވަނީ "ذَاتِ أَلْوَاحٍ وَدُسُرٍ" (ލަކުޑިފިލާތަކާއި މުސްމާރުތަކުގެ [ނުވަތަ ވާތަކުގެ] ވެރި އުޅަނދު) ގެ ގޮތުގައެވެ. މިއީ އެ ދުވަސްވަރުގެ އިންޖިނިއަރިންގއަށް ބަލާއިރު ވަރަށް ވަރުގަދަ އޮނިގަނޑެއްކަން ދޭހަވާ ކަމެކެވެ.

ނައުކޮޅު ފެންނާނެކަމުގެ ނިޝާން: ޤަމަރު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތްﷲ ވަނީ "وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ" (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް [ނައުކޮޅު] ނިޝާނެއްގެ ގޮތުގައި ބޭއްވެވީމެވެ. ފަހެ، ހަނދުމަކުރާނޭ މީހަކު ވޭހެއްޔެވެ؟) މި އާޔަތުން ދޭހަވަނީ ފަހުގެ ޒަމާނެއްގައި އިންސާނުންނަށް މީގެ ނިޝާންތަކެއް ފެންނާނެ ކަމެވެ.


މުސްލިމް ސައިންޓިސްޓުންގެ ބަސް
މި ދިރާސާގައި އިސްކޮށް އުޅުއްވި ތުރުކީގެ އާގްރީ އިބްރާހީމް ޗެޗެން ޔުނިވަރސިޓީގެ ވައިސް ރެކްޓަރ، ޕްރޮފެސަރު ފާރޫޤް ކާޔާ ވިދާޅުވެފައިވަނީ، ބިމުގެ އަޑީގައިވާ ތަކެތީގެ އުމުރު ބެލުމުން މިކަމަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.

ޕްރޮފެސަރު ފާރޫޤް ކާޔާ ވިދާޅުވިއެވެ:"އަޅުގަނޑުމެން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، މި ސަރަހައްދުގެ ބިމުގެ އަޑީގައި އިންސާނުންގެ މަސައްކަތްތަކެއް ހުރިކަމުގެ ނިޝާންތައް އެބަހުރި. ޚާއްޞަކޮށް މީގެ 5،000 އާއި 3،500 އަހަރު ކުރީގެ އިންސާނީ ހަރަކާތްތައް މި ސަރަހައްދުން ފެނުމަކީ، ނޫޙުގެފާނުގެ ތޫފާނުގެ ޒަމާނާ ދިމާވާ ކަމެއް. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޙަޤީޤަތްތަކާ ސައިންޓިފިކް ހޯދުންތައް ގުޅުވާލުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މިތަނުން ފެނުނު އޯގަނިކް މާއްދާތަކަކީ ނައުކޮޅުގެ ބައިތައް ކަމަށް ސާބިތުވެއްޖެނަމަ، އެއީ މުޅި ދުނިޔެއަށް ލިބޭނެ ވަރަށް ބޮޑު ހައިރާންކަމެއް."

މީގެ އިތުރުން ސިވާސް ޖުމްހޫރިއްޔަތު ޔުނިވަރސިޓީގެ އާސާރީ މާހިރު ޑރ. ސެންކަރ އަތީލާ ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ޖިއޮލޮޖިކަލް އުފެދުމެއް ނޫންކަމަށް ބެލެވޭނެ ވަރުގަދަ ހެކިތަކެއް މިހާރު ވަނީ ލިބިފައެވެ. އޭނާ ވިދާޅުވާ ގޮތުގައި، ބިމުގެ އަޑީގައިވާ އޮނިގަނޑުގެ ބައްޓަމާއި ސައިޒަކީ އިއްތިފާގެއް ކަމަށް ބަލަން ދަތި މިންވަރަށް ނައުކޮޅެއްގެ ސިފަތަކާ ދިމާވާ ކަންކަމެވެ.

ކޮމެންޓް