
ކީރިތި ގުރުއާނަކީ ޝިފާއެއް
ކީރިތި ގުރުއާނަކީ މިއުންމަތަށް ބާވައިލެއްވުނު އެންމެ ބޮޑު ރަހުމަތާއި ރޫހާނީ ފަރުވާއެވެ. މާތް الله ސުބުހާނޫ ވަތައާލާ ވަނީ ގުރުއާނަކީ މުއުމިނުންގެ ހިތްތަކަށް ހުރި ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ. އިސްރާ ސޫރަތުގެ 82 ވަނަ އާޔަތުގައި މާތްالله ވަހީކުރައްވާފައިވެއެވެ. 'وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ.' މި އާޔަތުގެ މަފުހޫމަކީ، ތިމަންއިލާހު ގުރުއާނުން މުއުމިނުންނަށް ހުރި ޝިފާއެއްކަމުގައްޔާއި، ރަހުމަތެއްކަމުގައި ގުރުއާން ބަވަލެއްވީމެވެ.
ކަންބޮޑުވުންތަކާއި ހާސްކަމުގެ ވަގުތުތަކުގައި ގުރުއާން ކިޔެވުމާއި، އޭގެ މާނައާއިމެދު ފުންކޮށް ވިސްނާ ފިކުރުކުރުމަކީ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބޭ ކަމެކެވެ. އެހެނީ ރައުދު ސޫރަތުގެ ގެ 28 ވަނަ އާޔަތުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ އަންގަވާ ވަހީކުރައްވާފައި ވެއެވެ. 'أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ.' މި އާޔަތުގެ މަފުހޫމަކީ، ﷲ ހަދުމަކުރުމުން ތިޔަބައިމީހުންގެ ހިތަށް ހަމަޖެހުން ނުލިބޭ ހެއްޔެވެ؟
މާތްالله ހަނދުމަކުރުމުން މެނުވީ ހިތްތަކަށް ސަކީނަތްތެރިކަމާއި، އަމާންކަން ނުލިބޭނެއެވެ. ގުރުއާނުގެ އާޔަތްތަކުން އިންސާނާއަށް ހަނދާންކޮށްދެނީ މިދުނިޔެއަކީ އިމްތިހާނެއް ކަމާއި، ކޮންމެ އުނދަގޫކަމަކަށްފަހު ފަސޭހަކަމެއް ވާކަމެވެ. ޝަރަހު ސޫރަތުގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާވަނީ އެކަން ކަށަވަރުކޮށްދެއްވާ، އެކަން ތަުކީދުކޮށް ދެއްވުމުގެ ގޮތުން ތަކުރާރުކޮށް އަންގަވާފައެވެ. 'فَإِنَّ مَعَ الْعُسْرِ يُسْرًا (5) إِنَّ مَعَ الْعُسْرِ يُسْرًا(6)' މި މި ދެ އާޔަތުގެ މަފުހޫމަކީ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަމެއްވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަމެއްވެއެވެ. މިއީ މާޔޫސްކަމުގެ ތެރެއަށް ގެނބެމުންދާ ނަފްސުތަކަށް ދިރުންދޭ، އުންމީދުގެ އަލިގަދަ ދޯދިތަކެކެވެ.
ނަބަވީ ސުންނަތާއި ހާސްކަމުން ސަލާމަތްވުން
ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތީ ހާސްކަމާއި ފިކުރުބޮޑުވުންތަކުން ސަލާމަތްވުމަށް އަމަލީ ގޮތުން ކުރަންވީ ކަންތައްތަކެވެ. އެކަލޭގެފާނު އަބަދުވެސް ހާސްކަމާއި ހިތާމައިން ސަލާމަތްވުމަށް ދުއާކުރެއްވިއެވެ. މިގޮތުން ކީރިތި ރަސޫލުކުރެއްވެވި އެއްދުއާއަކީ؛ 'اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ' މި ދުއާގެ މަފުހޫމަކީ، އޭ އަޅުގެވެރި އިލާހެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ހާސްކަމާއި، ހިތާމައިން އަދި ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން، އަދި ދަހިވެތިކަމާއި ފިޑިކަމުން، އަދި ދަރަނީގެ ބުރަކަމުންނާއި ދުޝްމަނުންގެ ނުބައިކަމުން އިބަ އިލާހުގެ ރައްކާތެރިކަމަށް އެދެމެވެ.
މާތް ރަސޫލާ ﷺ އަށް ބޮޑުކަމެއް ދިމާވާހިނދު، އަވަސްވެވަޑައިގަންނަވަނީ ނަމާދަށެވެ. ނަމާދަކީ ބަންދުވެފައިވާ ދޮރުތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. އަދި ހެއްދެވި އިލާހާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދޭ ވަސީލަތެކެވެ. ކަންބޮޑުވުންތަކުގެ ވަގުތުގައި 'حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ' (ތިމަންމެނަށް الله ފުދެއެވެ. އަދި އެއިލާހަކީ ވަކީލުކުރެވޭ އެންމެ ފުރިހަމަ އިލާހެވެ.) ފަދަ ޒިކުރުތައް ގިނައިން ކިޔުމަކީ އިންސާއަށް ހުރި ވަރަށްބޮޑު ފައިދާއެކެވެ.
ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންގެ ދުއާތަކުން ލިބޭ ސާބިތުކަން
އިންސާނުންނަށް ކުރިމަތިވާނެ އެންމެ ބޮޑެތި މުސީބާތްތަކާއި ހާސްކަމުގެ ވަގުތުތަކާ އެންމެބޮޑަށް ކުރިމަތިލެއްވި އެއްބަޔަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެވެ. އެފަދަ ދަތި ހާލަތްތަކުގައި އެބޭކަލުން ކުރެއްވި ދުއާތަކަކީ އަހަރުމެނަށްއޮތް ބާރުގަދަ ހޫރާނީ ފަރުވާއެވެ. އެގޮތުން ބޮޑު މަހުގެ ބަނޑުގައި ތާށިވެ، އަނދިރިކަމާއި، މާޔޫސްކަމާއި ހާސްކަން ވަށާލިހިނދު ޔޫނުސްގެފާނު ކުރެއްވި ދުއާއަކީ ކޮންމެ އުނދަގޫ ހާލަތުން އަރައިގަތުމަށް އޮތް ރަހުމަތެކެވެ. ޔޫނުސްގެފާނު ވިދާޅުވިއެވެ. 'لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ.' (މަފުހޫމަކީ، އިބައިލާހު މެނުވީ ހައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަހުރެންވީ އަނިޔާވެރިންގެ ތެރެއިންނެވެ.)
ހަމައެހެންމެ، މޫސާގެފާނު ފިރުއައުނުގެ ކުރިމައްޗަށް ވަޑައިގަތުމުގެ ބޮޑު މަސްއޫލިއްޔަތާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ބިރުވެރިކަމާއި ހާސްކަން ފިލުވާލަދެއްވުންއެދި ﷲ ތައާލާގެ ހަޒުރަތުގައި ދުއާ ދެންނެވިއެވެ. 'رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي' (މަފުހޫމަކީ، އަޅުގެ ވެރިއިލާހެވެ! އަޅުގެ ހިތް، މިއަޅާއަށް ތަނަވަސްކޮށްދެއްވާފާނދޭވެ! އަދި މިއަޅާގެ ކަންތައް މިއާޅާއަށް ފަސޭހަކޮށްދެއްވާފާނދޭވެ!)
މީގެ އިތުރުން، އައްޔޫބުގެފާނު އެތައް އަހަރެއްގެ ވަންދެން ބަލިމަޑުކަމާއި ދަތި ހާލަތުގައި ކެތްތެރިވެވަޑައިގެން ހުންނެވިއެވެ. އަދި އެކަމުގެ ހިތްދަތިކަން އެންމެ ބޮޑުވިހިނދު ދެންނެވި ދުއާއަކީވެސް މުސްލިމުންނަށް ހުރި ނަމޫނާއެކެވެ. އައްޔޫބުގެފާނު ދުއާކުރެއްވީ މިފަދައިންނެވެ. 'أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ' (މަފުހޫމަކީ، ހަމަކަށަވަރުން، މިއަޅާއަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އަދި އިބައިލާހީ، ރަހުމްކުރާ އެންމެހާ ފަރާތްތަކަށްވުރެ ރަހުމަތްވަންތަ އިލާހެވެ.)
މި ހުރިހާ ދުއާތަކަކުންވެސް ސާބިތުވަނީ، ކިތަންމެ ބޮޑު ހާސްކަމެއް ކުރިމަތިވި ނަމަވެސް، الله ގެ ހަޒުރަތަށް ދުއާކޮށް ކުއްތަންވުމުން އެ އިލާހު ކޮންމެ ދަތިކަމަކުން ނުކުންނާނެ މަގެއް ދައްކަވާނެ ކަމެވެ.
ޒަމާނީ އިލްމީ ހަގީގަތްތަކާއި ދީނީ ފަރުވާ
އިސްލާމްދީނުގައި ލައްވާފައިވާ ރޫހާނީ ފަރުވާގެ ހަގީގަތްތައް މިއަދުގެ ޒަމާނީ ނަފްސާނީ އިލްމާއި ސައިންސްވެސް މި ވަނީ ކަށަވަރުކޮށްދީފައެވެ. ނިއުރޯސައިންސްގެ ދިރާސާތަކުން ދައްކާގޮތުގައި، ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގެ ސަބަބުން ސިކުނޑީގެ އަމިގްޑަލާ (Amygdala) ކިޔާ ބައިގެ ހަރަކާތްތައް މަދުވެއެވެ. މިއީ ބިރާއި ހާސްކަން ކޮންޓްރޯލްކުރާ ބައެވެ. ހަމައެހެންމެ، ނަމާދުގައި ކުރާ ސަޖިދައިގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުވުން އިތުރުވެއެވެ. އޭގެ ސަބަބުބް ހާސްކަން ކުޑަކޮށްދޭ ހޯމޯންތައް ކަމަށްވާ އެންޑޯފިންސް އަދި ޑޯޕަމިން އުފެދުން އިތުރުވެއެވެ. ޒަމާނީ ސައިންސްވެރިން ބާރުއަޅާ މެޑިޓޭޝަން ނުވަތަ ހިތްހަމަޖެއްސުމުގެ ހުރިހާ ސިފަތަކެއް ނަމާދާއި ޒިކުރުގެ ތެރެއިން މުސްލިމުންނަށް ވަނީ ލިބިފައެވެ.
ޒަމާނީ ދިރިއުޅުމާއި ވަކީލު ކުރުމުގެ މުހިންމުކަން
ދިރިއުޅުމުގައި ހާސްކަން އިތުރުވާ އެއްކަމަކީ މާދަމާ ވެދާނެގޮތަކާމެދުވާ ކަންބޮޑުވުމެވެ. އަދި ތިމާގެ ބާރުގެ ދަށުގައިނުވާ ކަންކަން ކޮންޓްރޯލްކުރަން އުޅުމެވެ. އިސްލާމްދީން ދަސްކޮށްދެނީ މިންވަރަށް އީމާންވުމާއި الله އަށް ތަވައްކުލު ނުވަތަ ވަކީލު ކުރުމުގެ މަތިވެރި ސިފައެވެ.
ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު، ނަތީޖާ الله އަށް ދޫކޮށްލުމެވެ. ތިމާއަށް ލިބޭ ކޮންމެ ހެވެއްލިބެނީ الله ގެ ރަހުމަތުންކަމާއި، ދިމާވާ ކޮންމެ މުސީބާތަކީ އިމްތިހާނެއްކަން ގަބޫލުކުރުމުން ހިތުގެ ބިރުވެރިކަން ފިލައިދެއެވެ. ޒަމާނީ ނަފްސާނީ އިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި، ކަންކަން ބަލައިގަތުމުގެ (acceptance) ސިފަ ހުންނަ މީހުންގެ ކިބައިގައި ހާސްކަން ހުންނަ މިންވަރު ދަށެވެ. އިސްލާމްދީނުގެ ތަވައްކުލުގެ ސިފައަކީ މިއީއެވެ.
ގިނަގިނައިން ފާފަ ފުއްސެވުމަށް އެދުން
ގިނަގިނައިން ފާފަ ފުއްސެވުމަށް އެދުމަކީ ރިޒުގު ތަނަވަސްވާކަމެކެވެ. އަދި ދިރިއުޅުމުގެ ދަތިތަކާއި ހާސްކަމުން ސަލާމަތްކޮށްދޭ ކަމެކެވެ. ނޫހު ސޫރަތުގެގެ 10 ވަނަ އާޔަތާއި 11 ވަނަ އާޔާއި 12 ވަނަ އާޔަތުގައި މާތް الله ވަހީކުރައްވާފައިވެއެވެ. 'فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10) يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا(11) وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا(12)' މި އާޔަތްތަކުގެ މަފުހޫމަކީ، ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިއިލާހުގެ ހަޒުރަތުން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، އެއިލާހުއީ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. އޭރުން އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯ ވާރޭ ވެއްސަވާނެތެވެ. އަދި ބައިވަރު މުދާތަކާއި، ދަރިން ދެއްވައިގެން އެއިލާހު ތިޔަބައިމީހުންނަށް މަދަދުދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ބަގީޗާތަކާއި، ކޯރުތައް ލައްވާނެއެވެ.
ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. 'مَنْ لَزِمَ الِاسْتِغْفَارَ جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا، وَمِنْ كُلِّ هَمٍّ فَرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ' މި ހަދީސްގެ މަފުހޫމަކީ، ދާއިމީ ގޮތެއްގައި ތިމާގެ ނަފުސަށް ލާޒުމުކޮށް، އިސްތިގުފާރު ކުރުންމަތީ ދެމިހުރި މީހަކަށް ކުރިމަތިވާ ކޮންމެ ދަތިކަމަކުން ނުކުންނާނެ މަގެއް އަދި ކޮންމެ ހާސްކަމަކުން ނުވަތަ ކަންބޮޑުވުމަކުން ލުއިފަސޭހަކަމެއް الله މިންވަރު ކުރައްވާނެއެވެ. އަދި އޭނާ ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނާއަށް ރިޒުގު ދެއްވާނެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ސަބަބުތަކުގައި ހިފުމާއި ފަރުވާ ހޯދުން
އިސްލާމްދީނަކީ ރޫހާނީ ފަރުވާއަށް ބާރުއަޅާ ދީނެކެވެ. ހަމައެއާއެކު މާއްދީ ގޮތުން ބަލިތަކަށް ބޭސްފަރުވާ ކުރުމަކީވެސް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. އަދި އެކަމަށް އިރުޝާދު ދެއްވާފައިވާ ކަމެއްވެސް މެއެވެ. ނަފްސާނީ ބަލިތަކާއި ހާސްކަން ބޮޑުވެ، ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާ ހާލަތްތަކުގައި ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމަކީ ދީނީ ގޮތުން ހޯދިދާނެ ހައްލެކެވެ. ރަސޫލާ ﷺ ހަދީސްކުރައްވާފައި ވެއެވެ. 'تَدَاوَوْا فَإِنَّ اللَّهَ عَزَّ وَجَلَّ لَمْ يَضَعْ دَاءً إِلاَّ وَضَعَ لَهُ دَوَاءً، غَيْرَ دَاءٍ وَاحِدٍ الْهَرَمُ' މި ހަދީސްގެ މަފުހޫމަކީ، ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ! ފަހެ، ހަމަކަށަވަރުން މާތްކަމާއި މަތިވެރިވެ ވޮޑިގެންވާ މާތް الله ކޮންމެ ބައްޔަކަށް ފަރުވާއެއް ނުވަތަ ބޭހެއް ލައްވާފައި މެނުވީ އެ ބައްޔެއް ނުފޮނުއްވައެވެ. އެއީ ހަމައެކަނި އެއް ކަމަކަށް މެނުވީއެވެ. އެއީ މުސްކުޅިވުމެވެ. ކީރިތި ރަސޫލާ ﷺ ގެ މި ބަސްފުޅުން އެނގެނީ އިންސާނާ ދުވަސްވެ މުސްކުޅިވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި މަރުވުމަކީ ބޭސްފަރުވާއަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމެވެ. ނަމަވެސް، އެ ނޫން ކޮންމެ ނަފްސާނީ އަދި ޖިސްމާނީ ބައްޔަކަށްމެ ދުނިޔޭގައި ފަރުވާ ހުންނާނެކަމުގެ ޔަގީންކަން ކަމެކެވެ.
ނިންމުން
ހާސްކަމާއި ކަންބޮޑުވުންތަކަކީ އިންސާނީ ތަބީއަތުގެ ބައެކެވެ. ނަމަވެސް، އެކަމުގެ ތެރޭގައި ބަންދުވެ، މާޔޫސްވުމަކީ މުއުމިނެއްގެ ސިފައެއް ނޫނެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކުންނާއި، ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ހިތަށް ހަމަޖެހުން ހޯދުމާއި، الله ގެ މިންވަރަށް ފުރިހަމައަށް އީމާންވުމަކީ ނަފުސާނީ ދުޅަހެޔޮކަން ލިބިގެންދާނެ ފަރުވާއެކެވެ. ހަގީގީ ހަމަޖެހުމަކީ ދުނިޔޭގެ މާއްދީ ތަނަވަސްކަމުން ނުވަތަ ވަގުތީ އުފާވެރިކަމުން ލިބޭ އެއްޗެއް ނޫނެވެ. އެއީ الله އާ ކުއްތަންވެ، އެކަލާނގެ ދީނުގެ އަލީގައި ނަފްސު ތަރުބިއްޔަތުކޮށްގެން މެނުވީ ހާސިލުނުކުރެވޭނެ މަތިވެރި ނިއުމަތެއް ނޫނެވެ. މިގޮތުން، ދުއާކުރުމާއި ޒިކުރުކުރުމާއެކު، ސައިންޓިފިކް އަދި މެޑިކަލް ފަރުވާ ހޯދުމަކީ އިސްލާމީ ތަވައްކުލުގެ ތެރެއިން ހިމެނޭ ކަމެއް ކަމެވެ. ދީނީ ފަރުވާއާއި ޒަމާނީ ބޭސްފަރުވާ އެކުވުމުން ނަފްސަށް ލިބޭ ޝިފާ ގެ މޮޅުކަމާއެވެ؟




