މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ އާންމު ޖަލްސާ - ފޮޓޯ: ސިޓީ ކައުންސިލް
އެލްއީޑީ ސްކްރީންތައް ހަރުކުރުމާގުޅޭ ގަވާއިދެއް މާލެސިޓީ ކައުންސިލުން އެކުލަވާލަނީ
މާލެ އާއ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހުރި އެލްއީޑީ ބޯޑުތަކުގެ އަލިގަދަވެގެންނާއި، ދަންވަރު އެ ބޯޑުތަކުން އަޑުގަދަކޮށް އިޝްތިހާރުތައް އަޅުވާކަމުގެ ޝަކުވާތައް ކައުންސިލަށް ލިބޭ – މޭޔަރު އާޒިމް
ހަސަން އިބްރާހީމް 23 ސެޕްޓެމްބަރ 2026 (ބުދަ)   16:48
ރާއްޖޭގެ ވެރިކަންކުރާ ސިތީކަމުގައިވާ، މާލެ ސިޓީގެ މަގުމައްޗަށް ވާގޮތަށް ހަރުކުރާ އެލްއީޑީ (LED) ސްކްރީންތައް ހަރުކޮށް ބެލެހެއްޓުމުގައި އަމަލުކުރާނެ ހާއްސަ ގަވާއިދެއް އެކުލަވާލުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ރެގިއުލޭޓްރީ ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ އާންމު ޖަލްސާގައި އެކަމާގުޅޭ ގަވާއިދެއް އެކުލަވާލުމަށް ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

އެމައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ވިދާޅުވީ، މަގުމަތީގައި މިފަދަ ސްކްރީންތައް ހަރުކުރުމަކީ މިހާތަނަށް އެއްވެސް އުސޫލެއް އަދި ގަވާއިދެއް ނެތި ކުރެވެމުންދާ ކަމެއް ކަމަށާ، އެހެންކަމުން މިހާރު އާންމުކޮށް މަގުތަކުގައި އެލްއީޑީ ސްކްރީންތައް ހަރުކުރަމުންދާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވާލަންޖެހޭ ކަމަށެވެ.

އަދި މި އުސޫލުގެ ތެރޭގައި އެލްއީޑީ ސްކްރީންތަކުގެ އަލިކަން ހުންނަންވީ މިންވަރާއި، އެ ތަކެތި ބެހެއްޓޭނެ އުސޫލުތަކާއި، ހަރުކުރެވޭ މިންގަނޑުތައް ބެލޭނެ ނިޒާމެއް ހިމަނަންޖެހޭ ކަން ފާހަގަކުރައްވާ ލަބާން ވިދާޅުވީ، އެކަމާ ގުޅޭ އުސޫލު އެކުލަވާލުމަށްޓަކައި ރެގިއުލޭޓްރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް ހުށަހެޅުއްވާ ކަމަށެވެ. އަދި ލަބާންގެ މި ހުށަހެޅުއްވުމާ އެއްގޮތަށް މިއަދު ވަނީ އެ ކައުންސިލްގެ ރެގިއުލޭޓްރީ ކޮމިޓީއަށް އެމައްސަލަ ހުށަހަޅުއްވާފައެވެ.

އެކަމާގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް މިއަދު ވިދާޅުވީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެލްއީޑީ ބޯޑުތައް ބެހެއްޓުމުގެ ސަބަބުން، އޭގެ އަލިގަދަވެގެން ކައިރީގައި ހުންނަ ގޭގޭގެ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާ، އޭގެއިތުރުން، ދަންވަރުގެ ވަގުތުތަކުގައި އެލްއީޑީ ބޯޑުތަކުން އަޑުގަދަކޮށް އިޝްތިހާރުތައް އަޅުވާ މައްސަލައިގައި ވެސް އާންމުންގެ ގިނަ ޝަކުވާތަކެއް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން މިއަދު މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ ރެގިއުލޭޓްރީ ކޮމިޓީން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު، އެލްއީޑީ ސްކްރީންތައް ހަރުކުރުމާއި ބެލެހެއްޓުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކަށައެޅުމަށެވެ.

ކޮމެންޓް