
ރަސްމާލެ 99 އަހަރަށް ބޭރުބަޔަކަށް މި ސަރުކާރުން ދީފައިވާ ދިނުމާމެދުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިއަދު ސޯޝަލް މީޑިއާގައި މޭޔަރު އާޒިމް ވިދާޅުވީ، ދިވެހިންގެ މުސްތަގުބަލު ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަދާފައިވާ އެ ނުރައްކާތެރި އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލްކުރަންޖެހޭ ކަމަށެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ޖީލަށާއި، އަންނަން އޮތް މާދަމާގެ ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ދިވެހި ފަސްގަނޑާއި، ދިވެހިންގެ މުސްތަގުބަލު ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަދާފައިވާ އެ ނުރައްކާތެރި އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލްކުރަންޖެހޭ ކަމަށެވެ.
މޭޔަރު އާޒިމް މިހެން ވިދާޅުވެފައި މިވަނީ، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން އެއްބަސްވުމެއްގައި ހޯމަ ދުވަހު ސޮއިކޮށްފައިވަނިކޮށެވެ.
މި ސަރުކާރުން ބުނާގޮތުގައި، ރާއްޖޭގެ ތާރީހުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއު ކަމަށް އީގަލް ހިލްސް މަޝްރޫއު ވާއިރު، މި މަޝްރޫއު ރާވާފައި އޮތީ ޑޮލަރު ނުލިބޭ މައްސަލަ ހައްލުވާ ގޮތަށް ކަމަށް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެ ދުވަހު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޒަރީރު ވިދާޅުވީ ރަސްމާލޭގައި ހިންގާ އެ މަޝްރޫއުގައި ތަރައްގީކުރާ ތަންތަނުގެ ލީސް ރައިޓްސް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ވެސް ހުޅުވާލާފައިވާ ކަމަށާ، އެ ގޮތަށް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާ އެކު ގާއިމްކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ.




