
އެގޮތުން، ރަށްވެހިންގެ ރަޖިސްޓަރީ ހެއްދުމުގެ ކަންކަން ކުރިއަށްވުރެ ލުއިފަސޭހަކޮށް މާވެހި ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަން އާންމު ރައްޔިތުންނަށް ހާމަކުރުމައްޓަކައި މާލެސިޓީ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެނޫސްބަޔާނުގައި ބުނެފައި ވަނީ، ގިނަ އަދަދެއްގެ ރައްޔިތުން ރަށްވެހިކަން ބަދަލުކުރުމައްޓަކައި އެކައުންސިލްގެ "މާވެހި" ޕޯޓަލްއަށް މެދުވެރިކޮށް ހުށަހެޅުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާ، އަދި ރަށްވެހިކަމުގެ ސެޓްފިކެޓްގައި ޖަހަންޖެހޭ ފޮޓޯ ކައުންސިލް އިދާރާއަށް ހާޒިރުވެ، ފިޒިކަލީ ހުށަހަޅަން ޖެހުމަކީ ވެސް ރައްޔިތުންނަށް ދިމާވި އިތުރު ތަކުލީފެއް ކަމަށެވެ.
އަދި އޮންލައިންކޮށް ރަށްވެހިންގެ ރަޖިސްޓްރީއަށް އެދޭ ފަރާތްތަކަށް ކުރިން ދިމާވިފަދަ ދަތިތަކެއް ނެތި، ފަސޭހަކަމާއިއެކު މި ހިދުމަތް ލިބޭނެ އިންތިޒާމް ކޮށްދެވިފައިވާތީ، ރަށްވެހިކަމުގެ ރަޖިސްޓަރީ ހައްދަން ބޭނުންވާ އެންމެހާ ފަރާތްތަކުން މާލެސިޓީ ކައުންސިލްގެ މާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައި ވެއެވެ.
އެހެންކަމުން އެ ކައުންސިލުން އެންމެ އިސްކަމެއްދެނީ ރައްޔިތުންނަށް ދިމާވާ މިފަދަ ދަތިތައް ދެނެގަނެ، އެކަންކަމަށް އެންމެ އެދެވޭ ހައްލު ހޯދައިދިނުމަށް ކަމަށާ، އަދި ކުރިއަަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި މާލެ ސިޓީ ކައުންސިލް އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ވެސް މި ނޫސްބަޔާނުގައި ވެއެވެ.
މާލެ ސިޓީ ކައުންސިލްގެ މި ނޫސްބަޔާން ނިންމާލާފައި ވަނީ، އެ ކައުންސިލުން ހިދުމަތް ލިބިގަންނަ އެންމެހާ ރައްޔިތުން ކައުންސިލަށް ދެއްވަމުންގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާވެހި ޕޯޓަލް މެދުވެރިކޮށް މާލޭ ރަށްވެހިންގެ ރަޖިސްޓަރީ ހެއްދުމަށް ދަތިތަކެއް ހުރުމުން މާލޭ ސިޓީކައުންސިލުން އައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ހުޅުމާލޭ ފަހި ފްލެޓުތަކުގެ ރަށްވެހިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ކަމަށްވާ "ފަހި ޔޫނިއަން" އާ ގުޅިގެން ވެސް މާލެ ސިޓީކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށް ބައްދަލުވުންތައް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.




