ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް
ސަރުކާރުގެ މުދަލަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރުމުން އޭނާ ބުނީ ގެއިން ވެސް ނުނިކުންނަ ކަމަށް
ހަސަން އިބްރާހީމް 10 އޮކްޓޯބަރ 2026 (ހޮނިހިރު)   10:05
ސަރުކާރުގެ މުދަލަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިހާރު ގ. ކަނދުމާގެއާގޭގައި ދިރިއުޅެމުން އަންނަ ސ. ހިތަދޫ، ދެކުލައަރާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އަސްލަމްއެވެ.

އޭނާ ހައްޔަރުކުރުމުން، އެ ހާދިސާ ހިނގި ދުވަހު ގެއިން ވެސް ނުނިކުންނަ ކަމަށް އޭނާ ބުނެފައި ވާއިރު، ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަސްލަމް ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށާ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހާދިސާ ހިނގި ސީނުގައި ތުހުމަތުކުރެވޭ ފަރާތް ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ކެމެރާ ފުޓޭޖްގެ ސްނެޕްޝޮޓް ހިމެނޭ ފޮޓޯ ރިޕޯޓެއް ވެސް ހިމެނޭއިރު، ކޯޓުގެ އަޑުއެހުމުގައި، އެ ހާދިސާ ހިނގި ދުވަހު އޭނާ ގެއިން ބޭރަށް ވެސް ނުނިކުންނަ ކަމަށް އަސްލަމް ބުނެފައިވީ ނަމަވެސް ސީނުގައި އޭނާ ކަމަށް ބެލެވޭ މީހަކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތައް ފުލުހުން ހުށަހަޅާފައިވާ ކަމަށް ބުނުމުން، އިތުރު ވާހަކަ ދައްކަން ނެތް ކަމަށް އޭނާ ބުންޏެވެ.

ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނީ، އަސްލަމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް