
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މި ގަރާރު ހުށަހެޅުއްވާފައި މިވަނީ، ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުންގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ކަނޑައަޅައި، ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމުމާ ގުޅިގެންނެވެ.
ފަނޑިޔާރުން ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ މަގާމުން ވަކިކުރީ ޖޭއެސްސީގެ ލަފަޔާއެކު ނިމިދިޔަ 2025 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ.
ނަމަވެސް، އޭސީސީ (އެންޓި-ކޮރަޕްޝަން ކޮމިޝަން) އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށްފަހު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާކަމަށް ބެލެވެން ނެތުމުން، މި އަހަރުގެ ސެޕްޓެންބަރު 30 ގައި ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ފައިލްކޮށްފަ އެވެ.
އަޒްމިރަލްދާ އާއި މަހާޒު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު، ޖޭއެސްސީން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ނިންމައި، އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލައިގައި، ރައީސް މުހައްމަދު މުއިއްޒު އާއި ބަންޑާރަ ނައިބު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު، ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އެހެންކަމުން، ޖޭއެސްސީ މައްސަލަ ކުރިއަށް ގެންގޮސް މަޖިލީހުން ވަކިކުރީ އަޒްމިރަލްދާ އާއި މަހާޒު އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ.
ކުޑޫ ހުށަހެޅުއްވި މި ގަރާރުގައި، ޕީޖީ އޮފީހުގެ ނިންމުމަށް އިޝާރާތްކޮށް ބުނެފައިވަނީ، "އެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާ" ކަމަށާ، މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ސަބަބުން ޖޭއެސްސީން ޒިންމާދާރުވާންޖެހޭނެކަން ފާހަގަކުރައްވައި ގަރާރުގައި އިތުރަށް ބުނެފައިވަނީ، "ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައިކަމަށް ވުމާއެކު، އެކަމުގެ ޒިންމާ ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އުފުލައި، އެ ކަމަށް ޖަވާބުދާރީވާންޖެހޭނެ" ކަމަށެވެ.




