ބްލާސްފެމީ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ޕާކިސްތާނުގައި ބޭއްވި އެއްވުމެއްގެ ތެރެއިން.--
ބްލާސްފެމީ ދުވަސް: މުސްލިމުންނާ ކުރާ ހަނގުރާމައެއް
މުހައްމަދު ހަލީމް 30 ސެޕްޓެމްބަރ 2026 (ބުދަ)   12:50
އަދުގެ ދުނިޔެއަކީ އިންސާނީ ހައްގުތަކާއި، މިނިވަންކަމުގެ ނަމުގައި ތަފާތު އެކި ޝިއާރުތައް އުފުލާ ވަކާލާތުކުރަމުންދާ ދުނިޔެއެކެވެ. މީގެ ތެރެއިންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން (Freedom of Speech) އަކީ ހުޅަނގުގެ މުޖުތަމައުތަކުން އެންމެ ބޮޑަށް ވަކާލާތުކުރާ އެއް އަސާސެވެ. މި އަސާސުގެ ނިވާފަތްގަނޑުގައި، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް 'ބްލާސްފެމީ ދުވަސް' ނުވަތަ ދީންތަކަށާއި، ﷲ އާއި އެ އިލާހުގެ ރަސޫލާ ﷺ އަށް ފާޑުކިޔުމާއި ފުރައްސާރަކުރުމުގެ ހައްގު ހޯދައިދިނުމުގެ ދުވަހެއްގެ ގޮތުގައި ބައެއް ޖަމްއިއްޔާތަކުން ފާހަގަކުރެއެވެ.

ނަމަވެސް، ސުވާލަކީ މިއީ ހަމަ ހަގީގަތުގައިވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރެވޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ބިލިއަނަކަށްވުރެ ގިނަ މުސްލިމުންގެ އިހުސާސްތަކާއި، ދުނިޔޭގެ ސުލްހަމަސަލަސްކަމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި، އިސްލާމްދީނުގެ މަތިވެރި ތައުލީމާއި، އިންސާނީ ގަދަރާއި ކަރާމާތް ހިމާޔަތްކުރުމަށް އިސްލާމީ ޝަރީއަތުން ކަނޑައަޅާފައިވާ ހަމަތަކަށް ނަޒަރު ހިންގާލުން މުހިންމެވެ.

ބްލާސްފެމީ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެއް ނޫނެވެ. 30 ސެޕްޓެމްބަރު މަތިވާ ގޮތުން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ ތަރުޖަމާނުންގެ ދުވަހާއި، ޕޮޑްކާސްޓް ދުވަހެވެ.

'ބްލާސްފެމީ' އަކީ ކޮބާ؟
'ބްލާސްފެމީ (Blasphemy)' އަކީ މާތްﷲ އަށާއި، އެ އިލާހުގެ ރަސޫލާ ﷺ އަށާއި، ކީރިތި ގުރުއާނަށާއި، ދީނީ މުގައްދަސް ކަންކަމައި، ތަންތަނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، ހުތުރު ބަސްތައް ރައްދުކުރުމެވެ. އިސްލާމީ ފިގުހުގައި މިއަށް ކިޔައިއުޅެނީ 'ސައްބުއްރަސޫލް' ނުވަތަ ރަސޫލާއަށް ހުތުރުބަސް ބުނުމެވެ. ނުވަތަ 'އިސްތިހްޒާއު ބިއްދީން' ނުވަތަ ދީނަށް މަލާމާތްކުރުމެވެ. މިއީ އިސްލާމްދީނުގައި އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި މުރުތައްދުވުން ނުވަތަ ދީނުން ބޭރުވުމުގެ އަމަލެއްގެ ގޮތުގައި އިސްލާމީ ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ކަމެކެވެ.

ބްލާސްފެމީ ދުވަސް ފާހަގަކުރަން ފެށުނު ގޮތް
"ބްލާސްފެމީ ދުވަސް" ފުރަތަމަ ތައާރަފުކުރެވުނީ 2009 ވަނަ އަހަރު އެމެރިކާގެ ސެންޓަރ ފޯ އިންކުއަރީ ކިޔާ ލާދީނީ ޖަމްއިއްޔާއަކުންނެވެ. މި ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް ކަނޑައެޅީ، 2005 ވަނަ އަހަރުގެ އެ ތާރީހުގައި ޑެންމާކުގެ 'ޖީލަންޑްސް-ޕޯސްޓެން'(Jyllands-Posten) ނޫހުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކުރެހުންތަކެއް ޝާއިއުކުރުމާ ގުޅިގެން ހިނގި ހާދިސާތަކަށް ނިސްބަތްކޮށެވެ. ހުޅަނގުގެ މިފަދަ ޖަމްއިއްޔާތަކުން ބޭނުންވީ މި ދުވަހުގެ ނަމުގައި ދީންތަކަށް ފާޑުކިޔުމާއި ފުރައްސާރަކުރުމަކީ 'ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ' ދަށުން ލިބެންޖެހޭ ހައްގެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމަކީ ކޮބާ؟
އިސްލާމްދީނަކީ އިންސާނާގެ ބުއްދިއަށް އިހުތިރާމްކުރާ ދީނެކެވެ. އަދި ހައްގު ބަސް ބުނުމަށް ހިތްވަރުދޭ ދީނެކެވެ. ހައްގު މަގަށް ގޮވައިލުމާއި، ނުބައިކަންތައް މަނާކުރުމަކީ އިސްލާމީ މުޖުތަމައެއްގެ އެންމެ މަތީ ބަހާއެވެ. ނަމަވެސް، އިސްލާމްދީނުގައި އެއްވެސް މިނިވަންކަމަކީ ހައްދެއް ނެތް އެއްޗެއް ނޫނެވެ. އަދި އޭގެ ސަބަބުން އަނެކުންގެ ހައްގުތަކަށް އަރައިގަނެވޭ އެއްޗެއް ނޫނެވެ. ދުނިޔޭގެ އެއްވެސް ގާނޫނަކުން، އަނެކާގެ އަބުރަށް އަރައިގަތުމާއި، ދޮގު އިލްޒާމް އެޅުވުމަކީ 'ހިޔާލު ފާޅުކުރުމުގެ މިނިވަންކަން' ކަމުގައެއް ނުބަލައެވެ. އެހެންކަމުން، އިންސާނަކަށްވީތީ ލިބޭ އަބުރަށްވުރެ، މުޅި ކާއިނާތުގެ ވެރި ރައްބާއި، އެ އިލާހު ފޮނުއްވި މާތް ރަސޫލާ ﷺ ގެ އަބުރުފުޅުގެ މަތިވެރިކަން މާ ބޮޑެވެ. އެހެކަމުން މާތްﷲ އާއި ރަސޫލާ ﷺ އަށް ހުތުރުބަސް ބުނުމަކީ ހިޔާލު ފާޅުކުރުމެއް ނޫނެވެ. އެއީ ނަފްރަތު ފެތުރުން (Hate Speech) އެވެ. އަދި އެއީ ހައްދުފަހަނައަޅާފައިވާ އިހާނެތި އަމަލެކެވެ.

ކީރިތި ރަސޫލާގެ މަތިވެރި މަގާމާއި މުސްލިމުންގެ ލޯބި
ބްލާސްފެމީ ދުވަސް ފާހަގަކުރަން ފެށުނު ތާރީހަކީ 2005 ވަނަ އަހަރު ޑެންމާކުގެ ނޫހަކުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކުރެހުންތައް ޝާއިއުކުރި ތާރީހެވެ. މިއީ މުސްލިމުންގެ ހިތްތަކުގައި އެންމެ ބޮޑު ޒަހަމެއް އުފެއްދި އެއް ހާދިސާއެވެ. މުސްލިމުންގެ ގާތުގައި ކީރިތި ރަސޫލާ ﷺ އަކީ އެމީހުންގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، މައިންބަފައިންނަށް ވުރެވެސް ބޮޑަށް ލޯބިވާ މާތް ޝަހްސިއްޔަތެކެވެ. އަހުޒާބު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ ވަނީ މިކަން ވަރަށް ސާފުކޮން ބަޔާންކޮށް ދެއްވާފައެވެ. އެހެންކަމުން، ކީރިތި ރަސޫލާ ﷺ ކުރެވޭ ކޮންމެ ފުރައްސާރައަކީ މުޅި އިސްލާމީ އުންމަތުގެ ހިތަށް ހަރާ ވިހަގަދަ ތީރެކެވެ. ފޭތާންބަރު މުހައްމަދު ﷺ އަކީ ހަމައެކަނި މުސްލިމުންނަށް ފޮނުއްވިގެންވާ ރަސޫލު ބޭކަލެއް ނޫނެވެ. އެއީ މުޅި ދުނިޔެއަށް ފޮނުވިގެންވާ އާލަމްތަކަށް ހުރި ރަހްމަތެކެވެ؛ ކީރިތި ރަސޫލާ ﷺ މަތިވެރި އަހުލާގާއި، އިންސާނިއްޔަތަށް ކޮށްދެއްވި ހިދުމަތްތަކަށް ހުޅަނގުގެ ބޮޑެތި މުފައްކިރުންވެސް ވަނީ އިއުތިރާފްވެފައެވެ.

އިސްލާމްދީން އެހެން ދީންތަކަށާއި ތަކެއްޗަށް އިހުތިރާމްކުރޭ
ހުޅަނގުން ބްލާސްފެމީ އަކީ ހައްގެއް ކަމަށް ދައުވާކުރަމުންދާއިރު، އިސްލާމްދީން ދަސްކޮށްދެނީ މުޖުތަމަޢުގެ ސުލްހަވެރިކަމަށްޓަކައި، އެހެން މީހުން އަޅުކަންކުރާ ތަކެއްޗަށްވެސް ހުތުރުބަސް ނުބުނުމަށެވެ. ކީރިތި ގުރުއާނުގެ އަންއާމް ސޫރަތުގެ 108 ވަނަ އާޔަތުގައި މާތްﷲ ވަނީ ﷲ ފިޔަވައި އެއުރެން އަޅުކަންކުރުމަށް ގޮވާ ތަކެއްޗަށް ހުތުރުބަސް ނުބުނުމަށް އަންގަވާފައެވެ. އެއީ، އެހެން ބުނެފިނަމަ، ގައިރު މުސްލިމުންނަށް ނޭނގިތިބެ، ހައްދުފަހަނަ އަޅައިގޮސް، ﷲ އަށް ހުތުރުބަސް ބުނެފާނެތީއެވެ. އެހެންކަމުން، މި އާޔަތުން އެނގެނީ، އިސްލާމްދީނަކީ ފުރައްސާރަ ކުރުމާއި ނަފްރަތު އުފެއްދުން މަނާކުރާ ދީނެއްކަމެވެ. އަދި އިހްތިރާމްގެ މަތިވެރި އަސާސްތަކެއް ކަނޑައަޅާފައިވާ ދީނެއް ކަމެވެ. އިސްލާމްދީން ބާރުއަޅަނީ ދީނީ ބަހުސްތަކާއި ފާޑުކިޔުންތައްވެސް ރިވެތި އަހުލާގާއި، އިލްމީ ހަމަތަކުގެ މަތިން ކުރުމަށެވެ.

ހުޅަނގުގެ ދެފުށްކެހެރި ސިޔާސަތު
ބްލާސްފެމީ ދުވަސް ފާހަގަކުރާ ހުޅަނގުގެ މުޖުތަމައުތަކުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ގެންގުޅެނީ ދެފުށްކެހެރި (Double Standards) އުސޫލެކެވެ. މިގޮތުން، ވިލާތުގެ ބައެއް ގައުމުތަކުން އިސްލާމްދީނަށާއި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރުމަކީ މިނިވަންކަމެއްކަމަށް ދެކެއެވެ. އެހެންނަމަވެސް، ޔަހޫދީންނާ ދެކޮޅަށް ނުވަތަ ހޮލޯކޯސްޓް (Holocaust) އާ މެދު ސުވާލު އުފެއްދުމަކީ ވިލާތުގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. އަދި އެއީ އެންޓި-ސެމިޓިޒަމް ކަމަށް ބަލައި ޖަލަށްލެވޭ ކުށެކެވެ. މިއިން އެނގެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހުރިހާ އެންމެންނަށް ހަމަހަމަ އެއްޗެއް ނޫންކަމެވެ. އެއީ ވަކި އެޖެންޑާއެއްގެ ދަށުން މުސްލިމުންނާ ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރެއް ކަމެވެ.

މުސްލިމުންގެ ޒިންމާ
ބްލަސްފެމީ ދުވަސް ފަދަ ދުވަސްތަކެއް ހަދައިގެން، އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަށް ގޮވާލާ ބަޔަކާ ކުރިމަތިލުމުގައި މުސްލިމުންގެ ބޮޑެތި ޒިންމާތަކެއްވެއެވެ. ފުރަތަމަ ކަމަކީ، ޖަޒުބާތުގައި ޖެހި، ތަންތަނުގައި ހުޅުރޯކުރުމާއި އަނިޔާވެރިވުމުގެ ބަދަލުގައި، އިލްމާއި ދަލީލުން އެފަރާތްތަކަށް ރައްދުދިނުމެވެ. ކީރިތި ރަސޫލާގެ ސީރަތާއި، އިސްލާމްދީނުގެ ރިވެތިކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. ދެވަނަ ކަމަކީ، އެމީހުންގެ ބޭނުމަކީ މުސްލިމުންގެ ހިތްތަކުގައި ދީނަށް އޮތް ލޯބި ކުޑަކުރުން ކަމަށްވުމާއެކު، ސުންނަތަށް ބޯލަނބައި ދީނުގައި ސާބިތުވެ ތިބުމެވެ. މީގެއިތުރުން، މުސްލިމް ގައުމުތަކުން ބައިނަލްއަގުވާމީ ފެންވަރުގައި، ދީންތަކަށް ފުރައްސާރަކުރުން މަނާކުރާ ގާނޫނުތައް ހެދުމަށް ވަކާލާތުކުރުމެވެ. މިކަމުގައި ދިވެހިރާއްޖެއިން އިސްނެގުމަކީ މުހިންމު ކަމެކެވެ.

ފިކުރީ ހަނގުރާމައެއް
ބްލާސްފެމީ ދުވަސް ފާހަގަކުރުމުގެ ހަގީގީ މަގުސަދަކީ ހަމައެކަނި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މުސްލިމުންގެ ހިތްތަކުން އިސްލާމީ އަގުތަކާއި މާތް ﷲ އާއި އެއިލާހުގެ ރަސޫލާ ﷺ އަށާއި، ކީރިތި ގުރުއާނާއި، މުގަސްދަސް ތަންތަނާއި، ތަކެއްޗަށް އޮތް ކިޔަމަންތެރިކަމާއި ލޯބި ނައްތާލުމަށްޓަކައި ހިންގޭ ވަރަށް ނުރައްކާތެރި ފިކުރީ ހަނގުރާމައެކެވެ. ހުޅަނގުގެ ސެކިއުލަރ ނުވަތަ ލާދީނީ  ފިކުރުގެ މީހުން ބޭނުންވަނީ ކޮންމެ އެއްޗަކީވެސް މަލާމާތާއި ފުރައްސާރައިގެ މައުލޫއަކަށް ހެދިދާނެ އެއްޗެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން ޒުވާން މުސްލިމުންގެ ހިތްތަކުގައި ދީނީ ކަންކަމަށް އޮންނަ ބިރުވެތިކަމާއި އިހްތިރާމް ކުޑަވެގެންދެއެވެ. އަދި ހުޅަނގުގެ ފިކުރީ އަޅުންނަށް ބަދަލުވުމުގެ މަގު ފަހިވެގެންދެއެވެ. އެހެންކަމުން، މިއީ ހަތިޔާރަކާއި ނުލައި މުސްލިމް އުއްމަތުގެ އަސާސްތައް މުގުރާލުމަށްޓަކައި ސިއްރާއި ފާޅުގައި ކުރެވެމުންދާ އެންމެ ބޮޑު އެއް ހަނގުރާމައެވެ.

ނިންމުން
ބްލާސްފެމީ ދުވަސް ފަދަ ލާދީނީ ޝިއާރުތަކަކީ އިންސާނީ ހަމަޖެހުމާއި، ތަހުޒީބީ މުޖުތަމައުތަކެއް ބިނާކުރުމަށް އޮތް ހުރަހެކެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ ހިތް ޒަހަމްކުރުމެއް ނޫނެވެ. އަދި ދުނިޔޭގެ ބިލިޔަނެއްހާ މުސްލިމުންގެ މުގައްދަސް އަސާސްތައް ފައިދަށުލާ ފޭރާމަކަށް ވެގެން ނުވާނެއެވެ. އިސްލާމްދީނުގެ ނަޒަރުގައި ހަގީގީ މިނިވަންކަމަކީ އަޅުވެތިކަމާއި، ޖާހިލުކަމުން ބުއްދި މިނިވަންކުރުމެވެ. އެކަކު އަނެކަކަށް އިހުތިރާމްކޮށްގެން އެކުގައި ދިރިއުޅުމެވެ. ﷲ އާއި ރަސޫލާ ﷺ ގެ ހުރުމަތްކެނޑުމަކީ ކުރިއެރުމެއް ނޫނެވެ. އެއީ ފިކުރީ އަދި އަހުލާގީގޮތުން ވެއްޓިފައިވާ ދަށުދަރަޖަ އަންގައިދޭ ކަމެކެވެ.

ކޮމެންޓް