ރާއްޖެ އިސްލާމްވި ދުވަސްވަރު ބިނާކުރެވުނު ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އެ މިސްކިތް ނިސްބަތް ކުރެވެނީ އޭރުގެ ރަސްގެފާނަށް.--
ދިވެހިރާއްޖެ އިސްލާމްކަންމަތީ ނުވަ ގަރުނު
މުހައްމަދު ހަލީމް 13 ސެޕްޓެމްބަރ 2026 (އާދީއްތަ)   08:10
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮންނަތާ ގަރުނުތަކެއް ވެއްޖެއެވެ. ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހު (މީލާދީން 1153 ގައި) ދިވެހިބިމަށް އިސްލާމްދީނުގެ ނޫރު ލިބުނު ހާދިސާއަކީ ދިވެހި ތާރީހު ދުށް އެންމެ ބޮޑު އަދި އެންމެ މުހިންމު އިންގިލާބެވެ.

މި މުގައްދަސް ހިދާޔަތަށް 900 އަހަރު ފުރުން ފާހަގަކުރާއިރު، މިއީ ހަމައެކަނި އުފާފާޅުކޮށްލުމުގެ ރަސްމިއްޔާތުތަކަކުން ނިންމާލަންވީ ދުވަހެއް ނޫނެވެ. މިއީ ފާއިތުވި ދިގު މާޒީއަށް ބަލައި، މިހާރު ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނައި، މުސްތަގުބަލުގައި އިސްލާމީ ބަހާތަކާއި ދިވެހިވަންތަކަން ހިމާޔަތްކުރުމަށްޓަކައި އަޒުމް އާކުރަންޖެހޭ ވަގުތެކެވެ.

ރާއްޖެ އިސްލާމްވުން
އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބުމުގެ ކުރިން ދިވެހިރާއްޖެ އޮތީ ބުދުދީނުގެ އަގީދާގެ މަތީގައެވެ. އެ ޒަމާނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުދު ފައްޅިތަކާއި ވޭރުތައް ބިނާކޮށްފައި ހުއްޓެވެ. މުޖުތަމައުގެ އަސާސްތައް ބިނާވެފައި އޮތީ ކަނޑުފަޅާއި، ގަސްގަހާގެއްސާއި، ތަފާތު ބާރުތަކަށް ބިރުގަތުމާއި ކިޔަމަންވުމުގެ މައްޗަށެވެ. އެގޮތުން ދިވެހި ތާރީހުގެ ސަފުހާތަކުން ފެންނަން އޮތް އެންމެ ބިރުވެރި އަދި ހިތާމަވެރި ހާދިސާއަކީ، ކޮންމެ މަހަކު އެއްފަހަރު ކަނޑުން އަރާ 'ރަންނަމާރި' ކިޔާ ފުރޭތައަކަށް ދިވެހި އަންހެން ކުދިން ގުރުބާން ކުރަންޖެހުމެވެ. ގުރުއަތުން ހޮވޭ ޒުވާން އަންހެން ދަރިފުޅު ނަލަހައްދައިގެން، މާލޭގެ އިރުމަތީ އަތިރީގައި ހުންނަ ބުދުކޮއިލަށް (ފައްޅިއަށް) ރޭގަނޑު ފޮނުވަންޖެހުމަކީ ދިވެހި އާއިލާތަކަށް ކެތްތެރިނުވެވޭ ފަދަ ބޮޑު ވޭނަކަށް އޮތީ ވެފައެވެ. ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ބަލާއިރު އެ ކުއްޖާ އޮންނަނީ ނޭވާ ހިފެހެއްޓި، ފުރާނަ ގޮސްފައެވެ. މިއީ މުޅި މުޖުތަމައު ނޭނގުމާއި، ސިހުރުވެރިކަމާއި، ބިރުވެރިކަމުގެ އަނދިރި ސާލެއްގެ ތެރޭގައި ބަނދެވިފައި އޮތްކަމުގެ ހެއްކެކެވެ.

މި ނިކަމެތިކަމާއި އަޅުވެތިކަމުން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވީ، މަގުރިބުކަރައިގެ (މޮރޮކޯގެ) ދާއީއެއް އަދި އިލްމުވެރިއެއް ކަމުގައިވާ އަލްހާފިޒު އަބުލްބަރަކާތުލްބަރުބަރީ އެވެ. އެކަލޭގެފާނު މާލޭގައި ހުންނެވި ގޭގެ ބުދުކޯލަށް ގެންދާންޖެހި، އެ އާއިލާގެ ހިތްދަތި ރުއިމުގެ އަޑުއިވި، އެކަލޭގެފާނުގެ ހިތްޕުޅަށް އަސަރުކުރިއެވެ. އަދި އަންހެން ހެދުން އަޅުއްވައިގެން، ބިރެއްނެތި، އެ ކުއްޖާގެ ބަދަލުގައި ބުދުކޮއިލަށް ވަޑައިގަތުމަށް ނިންމެވިއެވެ. އެ ބިރުވެރި ރޭ އެކަލޭގެފާނު ހޭދަކުރެއްވީ ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތައް ތިލާވަތު ކުރެއްވުމުގައެވެ. ތާރީހީ ރިވާޔަތްތަކުގައިވާ ގޮތުން، ކަނޑުން ފުރޭތަ އެރި ވަގުތު ގުރުއާނުގެ މުއުޖިޒާތުން ފުރިގެންވީ މަތިވެރި އަޑު އިވުމުން، ފުރޭތަ ފިލާ ރައްކާވީއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ރަސްގެފާނާއި ރައްޔިތުން ކުއްޖާގެ ހަށިގަނޑު ބަލަން އައިއިރު ފެނުނީ، އަބުލްބަރަކާތުލްބަރުބަރީ ސަލާމަތުން އިންނަވައި ޤުރުއާން ކިޔަވައިވިދާޅުވަނިކޮށެވެ.

މި މުއުޖިޒާތް ފެނިވަޑައިގެން އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ސްރީ ތިރިބުވަނަ އަދީއްތިޔަ މަހާކަލަމިންޖާ އެކަލޭގެފާނުގެ ހިތްޕުޅަށް އީމާންކަމުގެ ނޫރު ވަދެ، ބުދުދީން ދޫކުރައްވައި އިސްލާމްދީނުގެ ހައްގު މަގަށް ރުޖޫއަވެވަޑައިގަތެވެ. އެއަށްފަހު ރަސްގެފާނުގެ ނަންފުޅަކީ އައްސުލްތޯން މުހައްމަދު އިބްނު އަބްދިﷲ (ދަރުމަވަންތަ ރަސްގެފާނު) އެވެ. އެއާއެކު ރަސްގެފާނުގެ އަމުރުފުޅަށް އިޖާބަދީ ލޭއޮހޮރުވުމެއް ނެތް ސުލްހަވެރި އިންގިލާބަކުން ދިވެހި އެންމެހައި ރައްޔިތުން އިސްލާމްދީން ގަބޫލުކުރިއެވެ. މިއީ ހަމައެކަނި ދީން ބަދަލުވުމެއް ނޫނެވެ؛ މިއީ ދިވެހިންގެ ވިސްނުމާއި، ސަގާފަތާއި، އާދަކާދައާއި، ލިޔެކިޔުމުގެ ނިޒާމާއި، ގާނޫނުތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި އެއްކޮށް ބަދަލުކޮށްލައި، ދިވެހި ގައުމިއްޔަތުގެ ހަގީގީ ބިންގާ އެޅުނު މަތިވެރި ހާދިސާ އެވެ.

ރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް
ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ ކޮބައިތޯ ކުރެވޭ ސުވާލަކީ ދިވެހި ތާރީހު ދިރާސާކުރާ ދިރާސާވެރީންގެ މެދުގައި ވަރަށް ބޮޑު ބަހުސެއް އޮތް ކަމެކެވެ. ދިވެހިރާއްޖޭގެ މަދަރުސާތަކުގެ ތައުލީމީ މުގައްރަރުތަކުގައްޔާއި، ރަސްމީ ރިވާޔަތް ބިނާވަނީ ރާއްޖެ އިސްލާމްވިތާ 190 ވަރަކަށް އަހަރު ފަހުން ރާއްޖެއަށް އައި މަޝްހޫރު އަރަބި ސައްޔާހު އިބްނު ބަތޫތާގެ ލިޔުންތަކަށެވެ. އޭނާ ބުނާގޮތުން ރާއްޖެ އިސްލާމް ކުރެއްވީ މޮރޮކޯގެ އަބުލްބަރަކާތުލްބަރުބަރީ އެވެ. ޒަމާނީ ބައެއް މުއައްރިހުން ދެކޭގޮތުގައި މިއީ ސޯމާލިއާގެ 'ބަރުބަރާ' އަށް ނިސްބަތްވާ ޝައިހް ޔޫސުފް ބިން އަހްމަދު އަލް-ކައުނައިން އެވެ. ނަމަވެސް، އަލްގާޒީ ހަސަން ތާޖުއްދީން ލިޔުއްވި ދިވެހިރާއްޖޭގެ ތާރީހު ފޮތުގައްޔާއި، ރާދަވަޅި ތަކުގައި ބުނަނީ ރާއްޖެ އިސްލާމް ކުރެއްވީ އީރާނުގެ ތަބްރޭޒަށް ނިސްބަތްވާ މައުލާނާ އަލްހާފިޒު ޔޫސުފް ޝަމްސުއްދީން އަލް-ތަބްރޭޒީ ކަމަށެވެ. މާލޭގެ މެދުޒިޔާރަތުގައިވާ ފިލާގައިވެސް ލިޔެވިފައިވަނީ މި ތަބްރޭޒީގެ ނަންފުޅެވެ. މުއައްރިހުން ގަބޫލުކުރާ ގޮތުގައި މިއީ އެއް ބޭކަލެކެވެ. އޮޅުމެއް އަރާފައި އޮތީ ނަން ލިޔުމުގައެވެ. ނުވަތަ ދެ ނަމަކީވެސް އެއްބޭކަލަކަށް ބޭނުން ކުރެވުނު ދެ ނަމެވެ.

މިހާރުގެ ހާލަތާއި ގޮންޖެހުންތައް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުން މިދަނީ ފާހަގަކުރަމުންނެވެ. ދިވެހި މުޖުތަމައުގެ މިހާރުގެ ހާލަތަށް ބަލާއިރު ބޮޑެތި ބަދަލުތަކާއި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ދުނިޔެއަށް އަންނަމުންދާ ފިކުރީ އަދި ޓެކްނޮލޮޖީގެ އިންގިލާބާއެކު، ދިވެހި މުޖުތަމައަށް ވެސް ވަނީ އޭގެ ނޭދެވޭ އަސަރުތައް ފޯރަން ފަށާފައެވެ. އެގޮތުން،

ފިކުރީ އިސްތިއުމާރު (Intellectual Colonialism): ހުޅަނގުގެ ސަގާފަތާއި، ދީނާ ބީރައްޓެހި ފިކުރުތައް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ޒަރީއާއިން ދިވެހިންގެ، ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ދަނީ އަށަގަންނަމުންނެވެ. މީގެ ސަބަބުން ދީނީ ކަންކަމަށް ފަރުވާކުޑަކުރުމާއި، ދީނީ އަސާސްތަކާ މެދު ސުވާލު އުފެއްދުމުގެ އާދަ ވަނީ އިތުރުވެފައެވެ.

އަހުލާގު ފަސާދަވުން: މުޖުތަމައުގައި ވައްކަމާއި، މަސްތުވާތަކެއްޗާއި، ޒިނޭއާއި، މަކަރާއި ހީލަތް ހެދުން ފަދަ ބޮޑެތި ފާފަތައް ވަނީ އާންމުވެފައެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއް ކުރުން ނޫންކަމާއި، އެއީ ރިވެތި އަހުލާގުގެ ދީންކަން ގިނަ ބަޔަކު ހަނދާންނެތިފައިވާ ކަހަލައެވެ.

ބައިބައިވުމާއި ހައްދުފަހަނަޅައި ދިޔުން: ދީނީ ކަންކަމުގައި މެދުމިނުގެ އުސޫލު ދޫކޮށް، އެއްބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނަޅައިދާއިރު، އަނެއް ބަޔަކު ދީނުގެ އަސާސްތަކުން ބޭރުވެ ލާދީނީ ފިކުރުތަކަށް ތާއީދުކުރަމުންދެއެވެ. މީގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ވަނީ ބުރޫ އަރާފައެވެ.

ޒުވާނުންގެ ދައުރު
ކޮންމެ މުޖުތަމައެއްގެ ވެސް މައިބަދައަކީ އަދި މުސްތަގުބަލުގެ ބިނާވެރިންނަކީ އެ ގައުމެއްގެ ޒުވާނުންނެވެ. ދިވެހިރާއްޖެ އިސްލާމްދީނުގެ މަތީގައި ސާބިތުކޮށް ބޭއްވުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް މިއަދު އެޅިފައިވަނީ ޒުވާނުންގެ ކޮނޑުގައެވެ. މިގޮތުން،

ފިކުރީ ހަނގުރާމައާ ކުރިމަތިލުން: ޒުވާނުންނަކީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާއަށް އެންމެ އަހުލުވެރި ޖީލަށް ވުމާއެކު، އިންޓަނެޓްގެ ޒަރީއާއިން ފެތުރޭ ދީނާ ޚިލާފު ފިކުރުތަކުން އަމިއްލަ ނަފްސު ރައްކާތެރިކުރަން ޖެހެއެވެ. އަދި ހަމައެއާއެކު، އެ ވަސީލަތްތައް ބޭނުންކޮށްގެން އިސްލާމްދީނުގެ ހަގީގީ މެސެޖު ފެތުރުމުގެ ދައުވަތުގެ މައިދާނަށް ޒުވާނުން ނުކުންނަން ޖެހެއެވެ.

ނަމޫނާ ދެއްކުން: ޒުވާނުންނަކީ ހަމައެކަނި ދީނުގެ ވާހަކަ ދައްކާ ބަޔަކަށް ނުވެ، އަމަލީ ގޮތުން ނަމާދު ގާއިމުކޮށް، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ރިވެތި އަހުލާގު މުޖުތަމައަށް ދައްކާ ބަޔަކަށް ވާންޖެހެއެވެ. މަސްތުވާތަކެއްޗާއި ކުށްތަކުން ދުރުހެލިވެ، ގައުމީ ހިދުމަތުގައި ސާބިތުވެ ތިބުމަކީ ދީނަށްލިބޭ އެންމެ ބޮޑު ނަސްރެވެ.

ދީނީ އިލްމު ހޯދުން: ޒަމާނީ ތައުލީމާއެކު، ދީނީ ސައްހަ އަގީދާ އުނގެނުމަށް ޒުވާނުން އިސްކަންދޭން ޖެހެއެވެ. އޭރުން ދީނަށް އަންނަ ފާޑުކިޔުންތަކަށް ހިކުމަތްތެރިކަމާއެކު ރައްދުދީ، އިސްލާމީ ވަހުދަތު ދަމަހައްޓާނެ ގާބިލު ލީޑަރުންނަށް ޒުވާނުން ވެގެންދާނެއެވެ.

އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން
ދިވެހިބިމުގައި އިސްލާމީ ދީނުގެ ވަހުދަތު މަތީގައި ސާބިތުވެ ތިބުމަށްޓަކައި ގައުމީ ފެންވަރުގައި އަދި ފަރުދީ ފެންވަރެއްގައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

ދީނީ އިލްމު އުނގަންނައިދިނުމާއި ހޭލުންތެރިކަން އިތުރުކުރުން
އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބެވޭނީ ސައްހަ އަގީދާއާއި އިލްމު ލިބިގެންނެވެ. ތައުލީމީ ނިޒާމުގެ ތެރެއިންނާއި، ގޭތެރޭގެ މާހައުލުން ކުދިންނަށް ކުޑަކުޑައިރުއްސުރެ އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި، ރަސޫލާ صلى الله عليه وسلم ގެ ސީރަތު އުނގަންނައިދެވިގެންނެވެ. ހަމައެކަނި ފޮތްތަކުން ކިޔަވައިދިނުމުގެ ބަދަލުގައި، ދީނުގެ  ރަހުމަތްވަންތަކަމާއި، އިހުސާންތެރިކަމާއި، އޯގާތެރިކަމާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އިސްލާމްދީން ގެނެސްދީ، ހޯދައިދީފައިވާ ހައްލުތަކުގެ މަތީ ތަރުބަވީ މަންހަޖު ރުކުރުވާލަން ޖެހެއެވެ.

އާއިލާގެ ދައުރު
މުޖުތަމައެއް ބިނާވަނީ އާއިލާތަކުގެ މައްޗަށެވެ. މައިންބަފައިންނަކީ ދަރިންނަށް ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ނަމޫނާ ބަޔަކަށް ވާންޖެހޭނެއެވެ. ގޭތެރޭގައި ނަމާދު ގާއިމުކުރުމާއި، ކީރިތި ގުރުއާން ކިޔެވުމުގެ މާހައުލެއް އުފެދިފައި އޮންނަށްވާނެއެވެ. ދަރިން ބޭނުންކުރާ ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ވަސީލަތްތައް މައިންބަފައިން ބަލައި، ހިދާޔަތުގެ މަގަށް އެކުދިންނަށް މަގުދައްކަން ވާނެއެވެ.

ސަރުކާރާއި މުއައްސަސާތަކުގެ ދައުރު
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ރާއްޖެއަކީ އިސްލާމީ ގައުމެކެވެ. އެހެންކަމުން، ދީނަށް ފުރައްސާރަކުރުމާއި، ލާދީނީ ފިކުރުތައް ފެތުރުން ހުއްޓުވުމަށް ގާނޫނީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މީޑިއާތަކާއި މުނިފޫހިފިލުވުމުގެ ދާއިރާތަކުން އިސްލާމީ އަހުލާގާއި ސަގާފަތް ކުރިއަރުވާނެ ފަދަ ޕްރޮގްރާމްތައް އުފައްދައި، ބޭރުގެ ނޭދެވޭ ސަގާފަތްތަކަށް އޮންނަ ލޯބި ކުޑަކުރުމަކީ މުހިންމު ކަމެކެވެ.

ދީނީ އިލްމުވެރިންގެ ދައުރު
ދީނީ އިލްމުވެރިން މީސްތަކުންނަށް އިސްލާމްދީން ހުށަހަޅައިމ އުނގަންނައިދީ އަދި ބަޔާންކޮށްދޭންޖެހޭނީ ލޯތްބާއި ހިކުމަތްތެރިކަމާއެކުގައެވެ. މީސްތަކުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދެއްކުމާއި ދުރުހެލިވާންވާނެއެވެ. ދައުވަތު ދިނުމުގައި ކީރިތި ރަސޫލާ ދެއްކެވި މަޑުމައިތިރި، ރިވެތި އުސޫލުގައި ހިފަންވާނެއެވެ. ޒަމާނީ މައްސަލަތަކަށް އިސްލާމްދީނުގެ އަލީގައި ހައްލު ހޯދައިދީ، ޒުވާނުންގެ ހިތްތަކުގައި އުފެދޭ ޝައްކުތައް ފިލުވައިދިނުމަކީ އިލްމުވެރިންގެ ބޮޑު މަސްއޫލިއްޔަތެކެވެ.

ކީރިތި ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުން
ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ކީރިތި ޤުރުއާނާ އޮންނަ ގުޅުން ބަދަހިކުރަން ޖެހެއެވެ. ޤުރުއާން ހަމައެކަނި ރާގަށް ކިޔެވުމުގެ ބަދަލުގައި، އޭގެ މާނައާއި ތަފްސީރު ދަސްކޮށް، ދިރިއުޅުމުގެ އަމަލީ މައިދާނުގައި އެކަންކަން ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަސޫލާގެ ސުންނަތަށް ތަބާވެ، އެކަލޭގެފާނުގެ އަހުލާގު ލިބިގަތުމަކީ ފިތުނަތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު އައްޑަނައެވެ.

ރާއްޖެ އިސްލާމް ދުވަސް ފާހަގަކުރަމުން އައިގޮތް
ރާއްޖެ އިސްލާމްވީ ދުވަސް ފުރަތަމަ ފާހަގަ ކުރީ ހިޖުރައިން ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1954 ގެ ނޮވެންބަރު 28 އެވެ. ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަން ފެށުނީ އިސްލާމްވީތާ 835 އަހަރު ފަހުންނެވެ. ރާއްޖެ އިސްލާމްވީ ކަމަށް ތާރީހުގެ އިލްމުވެރިން ވިދާޅުވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުއެވެ. ނަމަވެސް އެދުވަހަކީ ހަފުތާގެ ކޮން ދުވަހެއްކަން އެނގޭކަށް ނެތެވެ.  ދިވެހި ދައުލަތަކީ މުސްލިމު ދައުލަތެއްކަމަށް ވުމާއެކު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރެވުނީ ހިޖުރީ ތާރީހާ މަތިކޮށެވެ. އެއީ ޖަލާލަތުލްމަލިކު މުހައްމަދު ފަރީދުލްއައްވަލުގެ ރަސްކަމުގައެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ރަބީލްއާހިރު މަހުގެ 2 ވަނަ ދުވަސް 4 އަހަރުވަންދެން ފާހަގަކުރިއެވެ. ނަމަވެސް އެއިގެފަހުން ނިޝާން ގާޒީގެ އިއްޒަތްތެރި ވެރިޔާ ސުމުއްވުލްއަމީރު  އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1958 ވަނަ އަހަރު ވުޒާރަތުއްދާހިލިއްޔާއިން 23 ރަބީއުލްއާހިރު 1378 (މީލާދީން 6 ނޮވެމްބަރު 1958) ގައި ނެރުއްވި އިއުލާނުގައި ރާއްޖެ އިސްލާވީ ދުވަހަކީ ރަބީއުލްއާހިރު މަހުގެ ދެވަނަ ދިހައިގެ ފުރަތަމަ ހުކުރު ދުވަސްކަމަށް ހަމަޖެއްސެވިއެވެ. މިގޮތަށް ހަމަޖެއްސެވި ސަބަބަކީ ރާއްޖެ އިސްލާމްވީ ދުވަހަކީ ރަބީއުލްއާހިރު މަހުގެ ކޮން ދުވަހެއްކަން ކަނޑައެޅިގެން ނެތުމެވެ. މިގޮތުގައި، ސާދަ އަހަރު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަށްފަހު ދެވަނަ ޖުމްހޫރިއްޔާގެތެރޭހައި މިދުވަސް ފާހަގަ ކުރުން ހުއްޓާލެވުނެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުން ސަރުކާރުން ހުއްޓާލުމަށްފަހު އޭގެ 33 އަހަރު ފަހުން ނިޝާން ގާޒީގެ އިއްޒަތްތެރި ވެރިޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ 5 ވަނަ ދައުރުގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރައްވާގޮތަށް ދައުލަތުން ކަނޑައެޅުއްވިއެވެ. އަލުން މިދުވަސް ފާހަގަކުރައްވާގޮތަށް ނިންމެވީ ރާއްޖެ އިސްލާމުވީ ދުވަހަކީ ގައުމީ ގޮތުންފާހަގަކުރާ ދުވަހެއްކަމުގައި ހަމަޖެއްސުމަށް 29 މުހައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހުއޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ. އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާތީއެވެ. 1421 އިން ފެށިގެން ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ.

ނިންމުން
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މި ތާރީހީ މުނާސަބަތަކީ އަޅުގަނޑުމެންގެ ކާބަފައިން މި ދީން ހިމާޔަތްކުރުމަށްޓަކައި ވީ ގުރުބާނީތައް ހަނދާންކުރަންވީ ވަގުތެވެ. އިސްލާމްދީނަކީ ދިވެހިންގެ މިނިވަންކަމާއި، ސުލްހަވެރިކަމާއި، އެއްބައިވަންތަކަމުގެ އަސާސެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ފިކުރީ އަދި އަހުލާގީ ތޫފާންތަކުން ސަލާމަތްވެ، ދީނުގެ މަތީގައި ސާބިތުވެ ތިބެވޭނީ ގައުމުގެ ހުރިހާ ފަންތިއެއްގެ މީހުންނާއި، ހާއްސަކޮން އިލްމާއި، ފިކުރުގެ ގޮތުން ކުރިއަރާފައިވާ ޒުވާނުން ގުޅިގެން، ހިކުމަތްތެރިކަމާއެކު މަސައްކަތް ކޮށްގެންނެވެ. މާތްﷲ ދިވެހިރާއްޖެ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި އަބަދަށް ލަހައްޓަވާށި! އާމީން

ކޮމެންޓް