އެކާވީސްވަނަ ގަރުނުގައި އިސްލާމީ ދައުވަތަކީ ހިކުމަތްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެއް.--
އެކާވީސްވަނަ ގަރުނުގައި އިސްލާމީ ދައުވަތު
މުހައްމަދު ހަލީމް 26 ސެޕްޓެމްބަރ 2026 (ހޮނިހިރު)   09:54
އިސްލާމީ ދައުވަތަކީ ކޮންމެ ޒަމާނަކަށް އަދި ކޮންމެ މަކާނަކަށްވެސް އަދި ދިރިހުރި މެސެޖެކެވެ. އެކާވީސްވަނަ ގަރުނަކީ އާދަޔާ ހިލާފު ބަދަލުތަކެއްގެ ގަރުނެކެވެ. ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ މިވަނީ ވަށް ކުނބުރަކަށް ވެފައެވެ. މި ކުރިއެރުމާއެކު ދައުވަތުގެ މައިދާނަށް އާ ފުރުސަތުތަކެއް ލިބިއްޖެއެވެ. ހަމައެއާއެކު ނުހަނު ބޮޑެތި ފިކުރީ ގޮންޖެހުންތަކަކާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. ދިވެހިރާއްޖޭގެ ސައްތައިން ސައްތަ މުސްލިމް މުޖުތަމައަށްވެސް މިއަދު ވަނީ މި ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

އިސްލާމްދީނުގައި ދައުވަތުގެ މަންހަޖު
އިސްލާމްދީނުގައި ދައުވަތު ދިނުމަކީ ވަރަށް މާތް އަދި މުހިންމު އަސާސެކެވެ. މިއީ މީސްތަކުން ހައްގުގެ މަގަށް ގެނައުމަށްޓަކައި ހުރިހާ ނަބިއްޔުންނާއި ރަސޫލުން ކުރެއްވި މަތިވެރި މަސައްކަތެވެ. ކީރިތި ޤުރުއާނުގައި މާތް الله ވަނީ ހިކުމަތްތެރިކަމާއި ރީތި ވައުޒާއެކު އިލާހީ މަގަށް ގޮވައިލުމަށް އަމުރުކުރައްވާފައެވެ. ދައުވަތުގެ މައިގަނޑު މަގުސަދަކީ މީސްތަކުންނަށް ނަމޫނާ ދައްކައި، ދީނުގެ ސާފު ހަގީގަތް ބަޔާންކޮށްދިނުމެވެ. މިއީ މަޖުބޫރުކުރުމެއް ނެތް މަސައްކަތެކެވެ. އަދި އޯގާތެރިކަމާއި ކެތްތެރިކަމުގެ މަތިވެރި މިސާލެކެވެ. އިސްލާމްދީނުގައި ދައުވަތު ދިނުމުގެ މަންހަޖަކީ ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ މަތިވެރި އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ފުރިހަމަ ނިޒާމެކެވެ. މިގޮތުން،

ހ. ދައުވަތު ދިނުމުގެ އަސާސީ އުސޫލުތައް
އިސްލާމްދީނުގައި ދައުވަތު ދިނުމުގައި ގެންގުޅެންޖެހޭ އެންމެ މުހިންމު އުސޫލަކީ ހިކުމަތްތެރިކަމާއި، ރިވެތި ނަސޭހަތާއި، އޯގާތެރިކަމެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ ނަހްލު ސޫރަތުގެ 125 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. 'ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ' މި އާޔަތުގެ މަފްހޫމަކީ، ހިކުމަތްތެރިކަމާއި، ރިވެތި ވައުޒާއެކު، ކަލޭގެފާނުގެ ވެރިއިލާހުގެ މަގަށް، މީސްތަކުންނަށް ގޮވައިލައްވާށެވެ! އަދި އެންމެ ރީތި ގޮތުގައި އެބައިމީހުންނާ ޖަދަލު ކުރައްވާށެވެ! މި އާޔަތުން އެނގެނީ ދައުވަތު ދޭންޖެހޭނީ ހަރުކަށިކަމެއް ނެތި، މީހާގެ ޙާލަތަށް ބަލައި ވިސްނުންތެރިކަމާ އެކުގައި ކަމެވެ.

ށ. އޯގާތެރިކަމާއި މަޑުމައިތިރިކަން
ދައުވަތު ދިނުމުގައި ހަރުކަށިވުމަކީ މީހުން ދީނާ ދުރުވާނެ ކަމެކެވެ. މާތް ﷲ މޫސާގެފާނާއި ހާރޫނުގެފާނު، ފިރުއައުނުގެ ގާތަށް ދައުވަތު ދެއްވުމަށް ފޮނުއްވިއިރު އެންގެވީ ފިރުއައުނާވެސް މަޑުމައިތިރިކޮށް ބަސްބުނުމަށެވެ. ތޯހާ ސޫރަތުގެ 44 ވަނަ ވަނަ އާޔަތުގައި ﷲ ސބުހާނަހޫ ވަތައާލާ ވަހީކުރައްވާ އަންގަވާފައި ވެއެވެ. 'فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ' މި އާޔަތުގެ މަފުހޫމަކީ، ފަހެ، ތިޔަދެބޭކަލުން އޭނާއަށް އޯގާތެރި މަޑުމައިތިރި ބަހުން ބަސްވިދާޅުވާށެވެ! އެއީ، އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯއެވެ.

ހަމައެހެންމެ، މުހައްމަދު ﷺ ގެ މިޒާޖުފުޅާ ގުޅޭގޮތުން އާލްއިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. 'فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ' މި އާޔަތުގެ މަފުހޫމަކީ، ކަލޭގެފާނު އެބައިމީހުންނަށް އޯގާތެރިވެވަޑައިގަތީ، ﷲ ގެ ހަޒުރަތުންލެއްވި ރަހުމަތެއްގެ ސަބަބުންނެވެ. ކަލޭގެފާނު ހަރުކަށި، ހިތްހަރު ބޭފުޅަކު ކަމުގައިވިނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖެއީހެވެ.

ނ. ދީނުގައި މަޖުބޫރުކުރުމެއް ނެތުން
ދައުވަތު ދޭ މީހާގެ ޒިންމާއަކީ ހަމައެކަނި ހައްގު ގޮތް ބަޔާންކޮށްދިނުމެވެ. ހިދާޔަތް ދެއްވުންވަނީ މާތް ﷲ ގެ އަތްޕުޅުގައެވެ. ބަގަރާ ސޫރަތުގެ 256 ވަނަ އާޔަތުގައިވެއެވެ. 'لَا إِكْرَاهَ فِي الدِّينِ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ' މި އާޔަތުގެ މަފުހޫމަކި، ދީނަށް ވެއްދުމުގައި މަޖުބޫރުކުރުމެއް ނެތެވެ. ނުބައިމަގުން ތެދުމަގު އެނގި ބަޔާންވެއްޖެއެވެ. އަދިވެސް ފާތިރު ސޫރަތުގެ 24 ވަނަ އާޔަތުގައި ކީރިތި ރަސޫލާ ﷺ އާ މުހާތަބުކުރައްވައި ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެއެވެ. 'إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا'

މި އާޔަތުގެ މަފުހޫމަކީ،  ހަމަކަށަވަރުން، ތިމަންއިލާހުގެ ހައްގު ގޮތާގެން، އުފާވެރި ހަބަރުދޭ ބޭފުޅަކު ކަމުގައްޔާއި، ބިރުވެރި ހަބަރުދޭ ބޭފުޅަކު ކަމުގައި ކަލޭގެފާނު ފޮނުއްވީމެވެ.

ކީރިތި ރަސޫލާ ﷺ މުއާޒު ބިން ޖަބަލް رضي الله عنه ޔަމަނަށް ދައުވަތު ދެއްވުމަށް ފޮނުއްވަމުން ހަދީސް ކުރެއްވިއެވެ. 'يَسِّرَا وَلَا تُعَسِّرَا، وَبَشِّرَا وَلَا تُنَفِّرَا' މި ހަދީސްގެ މަފުހޫމަކީ، ކަލޭގެފާނު ކަންކަން މީސްތަކުންނަށް ފަސޭހަކޮށްދޭށެވެ. އުނދަގޫ ނުކުރާށެވެ. އަދި އުފާވެރި ހަބަރުދޭށެވެ. މީސްތަކުން ފޫހިކޮށްނުލާށެވެ. އެހެންކަމުން، އިސްލާމްދީނަށް ގޮވާލާ މީހުންގެ ކިބައިގައި އޮތީ މާތް ﷲ ސުބުހާނަހޫ ވަތައާލާގެ ނިއުމަތްތަކުން އުފާވެރިކަމުގެ ހަބަރުތައްދިނުމެވެ. އަދި އުރެދިއްޖެމީހާއަށް އޮތް ގެއްލުމާއި، ހަލާކުގެ ވާހަކައިން ނަސޭހަތްތެރިވުމެވެ. އަދި ދިޔާއެއްޗެއް އޮއްސާލާހެން ދީނުގެ ކަންކަން ބަޔާންކޮށްދިނުމުގެ ގޮތުން ހުރިހާ ކަމެއްގެ ހެޔޮނުބައި އެއްފަހަރާ ބޮލަށް އޮއްސައި ލުމަކީ އެކަމާމެދު އަހާމީހާގެ ޝައުގުވެރިކަން ހިނގާނެ ކަމެކެވެ.

ރ. އަމަލީ ނަމޫނާ މީހަކަށްވުން
ދައުވަތުދިނުމުގައި އެންމެ މުހިންމީ އަމަލީ ގޮތުން ދައްކާ ނަމޫނާއެވެ. ރީތި ވާހަކަ ދެއްކުމަށްވުރެ ރީތި އަހުލާގުގެ އަސަރު މާ ބޮޑެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އޯގާތެރިކަމަކީ އިސްލާމްދީނުގެ އަސާސެކެވެ. މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ދީނީ ނަޒަރަކުން ހައްލު ހޯދުމަކީ އީޖާބީ ފިޔަވަޅަކަށް ވާނެއެވެ. މަސްތުވާތަކެއްޗާއި ކުށްކުރުމުން ޒުވާނުން ސަލާމަތްކުރުމަކީވެސް ދައުވަތުގެ ބައެކެވެ. މީސްތަކުންނަށް އިސްލާމްދީނުގެ ފުރިހަމަކަން ފެންނަންޖެހޭނީ އަހަރެމެންގެ އުޅުމުންނެވެ.

މީގެ އިތުރުން، ބަސްބުނާ މީހާގެ ބަހާ އަމަލުތައް އެއްކީއްޔަކުން ވިޔެވިފައި ހުރުމަކއޭނާގެ ވާހަކަތައް ބަލައިގަތުމަށް މީސްތަކުންނަށް ފަސޭހަވާނެ ކަމެކެވެ. ބުނާ ބަހާއި ކުރާ އަމަލު ދިމާނުވުމަކީ މާތް ﷲ އެންމެ ކޯފާވެވޮޑޮގަންނަވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. ސައްފު ސޫރަތުގެ 2 އާއި 3 ވަނަ އާޔަތުގައިވެއެވެ 'يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿2﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعަލُونَ ﴿3﴾' މި ދެއާޔަތުގެ މަފުހޫމަކީ،

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތައްތައް، ކުރާނެކަމަށް، ނުވަތަ ކުރާކަމަށް ބުނުމަކީ، ﷲ ގެ ހަޒުރަތުގައި ކޯފާ ބޮޑުވެގެންވާ ކަމެކެވެ.

ދުނިޔޭގެ މަސްރަހު
މިއަދު މުޅި ދުނިޔޭގައި އިސްލާމީ ދައުވަތު ކުރިއަށްދަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައެވެ. ހުޅަނގުގެ މީޑިއާތަކުން ދަނީ އިސްލާމްދީނަކީ ހަރުކަށި ފިކުރެއްގެ ގޮތުގައި ދައްކަމުންނެވެ. އިސްލާމޯފޯބިއާ ފަތުރަމުންނެވެ. ނަމަވެސް، މިއާއެކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިސްލާމްދީނުގެ ރިވެތި ރިސާލަތު ދަނީ ބާރުމިނެއްގައި ފެތުރެމުންނެވެ. މިއީ، އުފާކުރަންވީ ކަމެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު ބަސްބަހުން އިސްލާމީ ފޮތްތަކާއި ވީޑިއޯތައް ވަނީ މިހާރުވަނީ އާްމުވެފައެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ދަނީ އިސްލާމްދީނުގެ ހަގީގީ ތަސައްވަރު ދެނެގަންނަމުންނެވެ. މިއަދު، އިސްލާމްދީން އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ސްޕޭން، ޖަރުމަނުވިލާތް، ސްވިޑަން، އެމެރިކާ އަދި ކެނެޑާ ހިމެނެއެވެ.

ޑިޖިޓަލް ދައުވަތު
ޒަމާނީ މީޑިއާއަކީ ދައުވަތުގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ކޮންމެ ހިނދެއްގައިވެސް މީހުންނާ ގުޅުވާލަދެއެވެ؛ ޕޮޑްކާސްޓްތަކާއި ކުރު ވީޑިއޯތަކުން ދީނުގެ މެސެޖު ފޯރުކޮށްދެވެއެވެ. ރާއްޖޭގައިވެސް ޒުވާނުން ގިނައިން ބޭނުންކުރަނީ ޑިޖިޓަލް ވަސީލަތްތަކެވެ. އެހެންކަމުން ދީނީ އިލްމުވެރިން މި ޕްލެޓްފޯމްތަކަށް އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ. ފަސޭހައިން ދީނީ މައުލޫމާތު ލިބޭނެ އެޕްލިކޭޝަންތައް ހެދުމަކީ އޭގެ ސަބަބުން ލާބައާއި މަންފާހުރި ކަމެކެވެ. މިއީ ވަގުތާއި ހާލަތަށް ބަލާއިރު ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ފިކުރުތަކުގެ ނުރައްކަލާ ކުރިމަތިލުން
ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ނުހަނު ބާރަށް ދަނީ ފެތުރެމުންނެވެ. ހަރުކަށި ފިކުރު ފެތުރެނީ ދީނުގެ ޖަޒުބާތުގައި ޒުވާނުން ޖައްސައިގެންނެވެ. އަނެއްކޮޅުން، އިންޓަނެޓާއި ހުޅަނގުގެ ނުފޫޒާއެކު، ކަލަކު ވޮޑިގެންނުވާކަމަށް ގަބޫލުކުރާ ލާދީނީ ފިކުރު ނުވަތަ އެތީޒަމް ދަނީ ސިއްރިޔާތުގައި ފެތުރެމުންނެވެ. މި ދެ ފިކުރުގެ ސަބަބުން ދިވެހި ޒުވާނުންގެ އަގީދާ ބަލިކަށިވެ، މުޖުތަމައުގެ ބަދަހިކަން ދަނީ އަސަރުކުރަމުންނެވެ. އެހެންކަމުން މިކަމަކީ، ދައުވަތުގެ މަސައްކަތުގައި އުޅޭ ދަންނަބޭކަލުން ވިސްނުން ފަރުވާތެރިކަމާއެކު ބަހައްޓަންޖެހޭ ކަމެވެ.

މަންހަޖަށް ގެންނަންޖެހޭ ބަދަލު
މި ފިކުރީ ތޫފާނުން ޒުވާނުންނާއި، ކުދިން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގެ މަންހަޖަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. ހަމައެކަނި މަންހަޖަކީ ދީނީ އަޅުކަންތައް ދަސްކޮށްދޭ ކަމެއްގެ ގޮތުގައި އޮންނަ އޮތުން ތަހުޒީބު ކުރަން ޖެހެއެވެ. މިގޮތުން، އިސްލާމީ އަގީދާގެ އިލްމީ ބަހުސްތަކާއި އަދި ބުއްދިގަބޫލުކުރާ ޖަވާބުތައް މަންހަޖުގައި ހިމަނަންޖެހެއެވެ. ދެބަސްވުންތަކަށް އިހުތިރާމުކުރުމާއި، މެދުމިން އިހުތިޔާރުކުރުމުގެ ހުނަރު ދަރިވަރުންނަށް އުނގަންނައިދޭން ޖެހެއެވެ. ކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖެއްސޭނީ ޒަމާނީ މައްސަލަތަކަށް ދީނުގައި ހުރި ހައްލުތައް ބުނެދީގެންނެވެ.

ދާއީން ތަމްރީނުކުރުން
އާ ޖީލުތަކަށް ދައުވަތު ދިނުމަށްޓަކައި ދާއީން ނުވަތަ ދައުވަތުދޭ މީހުން ޒަމާނާއެއްގޮތައް ތަމްރީނުވެފައި ތިބުމަކީ މުހިންމު ކަމެކެވެ. ހަމައެކަނި ފިގުހީ މައުލޫމާތު ދިނުމުގެ ބަދަލުގައި، ނަފްސާނީ އިލްމާއި މުވާސަލާތީ ހުނަރުތަކަށް ފަރިތަބަޔަކަށް ދާއީން ހެދުމަކީ ބޭނުންތެރިކަމެކެވެ. ޒަމާނީ ދާއީންނަކީ ބަހުސްކުރުމުގެ މައިދާނުގައި ގާބިލު، ކެތްތެރި އަދި ލޮޖިކަލް ވިސްނުން ހުންނަ ބަޔަކަށް ވުމަކީ ކާމިޔާބަށް ވާސިލުވުމުގައި މުހިންމު ބަހާއެކެވެ. މިގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ ފަދަ މުއައްސަސާތަކުން މީޑިއާ އެވެއަނަސް އާއި ކްރިޓިކަލް ތިންކިންގެ ކޯސްތައް ދާއީންނަށް ހާއްސަކޮށްގެން ހިންގިދާނެއެވެ. އޭރުން ފަރިތަކަމާއެކު ޒުވާނުންގެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ދިނުމުގައި އިލްމުވެރިންނަކީ ކުޅަދާނަ ބަޔަކަށް ވެގެންދާނެއެވެ.

މީޑިއާގެ ނުފޫޒުން ސަލާމަތްވުން
މީޑިއާގެ ނޭދެވޭ ނުފޫޒުން މުޖުތަމައު ސަލާމަތްކުރުމަށް ހާއްސަ އުކުޅުތަކެއް ބޭނުންވެއެވެ. އެންމެ މުހިންމު ކަމަކީ އާންމުންގެ ތެރޭގައި މީޑިއާ ލިޓްރަސީ ނުވަތަ މީޑިއާ ދެނެގަތުމުގެ ހުނަރު އިތުރުކުރުމެވެ؛ ފެންނަ ކޮންމެ ހަބަރެއް ނުވަތަ ވީޑިއޯއެއް ގަބޫލުކުރުމުގެ ބަދަލުގައި، އޭގެ ހަގީގަތް ހޯދަން ދަސްކޮށްދިނުމެވެ؛ މީގެ އިތުރުން، އިސްލާމީ އޯލްޓަނޭޓިވް ވަސީލަތްތައް ވަރުގަދަކުރުމެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިންވެސް ދީނީ އަގުތަކަށް ފެތޭ ފެންވަރު ރަނގަޅު ކޮންޓެންޓް އުފައްދައިގެން މެނުވީ ޒުވާނުންގެ ހިތްތަކުން ހުޅަނގުގެ ނުފޫޒު ކަނޑުވާލުމަކީ މުސްތަހީލު ކަމެކެވެ.

ޖަމުއިއްޔާތަކުގެ ދައުރު
ދައުވަތުގެ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކަށް އަދާކުރެވިދާނެ ދައުރު ވަރަށްވެސް ބޮޑެވެ. އަދި ދައުވަތުގެ މަސައްކަތަކީ ސަރުކާރާއި އިލްމުވެރިންނަށް އެކަނި އޮތް ކަމެއްވެސް ނޫނެވެ. މިގޮތުން، ޖަމްއިއްޔާތަކުން އިސްނަގައިގެން ޒުވާނުންނަށް ހާއްސަ ކެމްޕޭންތައް ހިންގިދާނެއެވެ؛ ދީނީ ދައުވަތު ފެތުރުމުގައި ޒުވާނުންނަށް އެކަށީގެންވާ ބަސްމަގުން މުއާސަލާތު ކުރެވިދާނެއެވެ. އެހެންކަމުން މަދަނީ ޖަމްއިއްޔާތަކުން ދައުވަތުގެ މަސައްކަތުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އައުގާފާއި އިސްލާމީކަންތަކާބެހޭ ވުޒާރާއިން މިއަދު ފަށާ މަދަނީ ޖަމްއިއްޔާތކުގެ އަހަރީ މަހާސިންތާއަކީ މުހިންމު ދައުރެއް އަދާކުރެވިދާނެ ބައްދަލުވުމެއްކަމުގައި ދެކެމެވެ.

ނިންމުން
އެކާވީސްވަނަ ގަރުނުގައި އިސްލާމީ ދައުވަތަކީ ހިކުމަތްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން މެނުވީ ކާމިޔާބެއް ނުލިބޭނެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ހިމާޔަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ. އިލްމުވެރިންނާއި، މުދައްރިސުންނާއި، ޖަމްއިއްޔާތަކާއި ބެލެނިވެރިން އެކުއެކީގައި މަސައްކަތްކޮށްގެން މެނުވީ ފާގަތި އަދި ދީންވެރި މުޖުތަމައެއް ބިނާއެއް ނުކުރެވޭނެއެވެ. މިއީ 21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު ފެތުރުމުގެ މަސައްކަތުގައި އުޅޭ ދާއީންނާއި، އިލްމުވެރިންނާއި، މަދަނީ ޖަމްއިއްޔާތަކާއި، މުއައްސަސާތަކުގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ.

ކޮމެންޓް