ދުނިޔޭގެ ކަލަންޑަރުން އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި، ބައިނަލްއަގުވާމީ ކޮފީ ދުވަސް.--
އޮކްޓޫބަރު 1: އެއް ތާރީހަކާއި، ދެ ޖީލެއްގެ ގުޅުން
މުހައްމަދު ހަލީމް 1 އޮކްޓޯބަރ 2026 (ބުރާސްފަތި)   06:43
ފަތިހުގެ ފިނިރޯޅިއާއެކު ދުނިޔެ ހޭލާއިރު، ގިނަ ބައެއްގެ ދުވަސް ފެށެނީ ހޫނު ކޮފީ ތަށްޓެއްގެ މީރު ވަހުންނެވެ. ހަމައެއާއެކު، ފަތިސް ނަމާދަށްފަހު ގޭގެ ފެންޑާގައި ގުރުއާންކިޔަވަން ނުވަތަ ޒިކުރުކުރަން އިންނަ ކާފައާއި މާމަގެ ހިނިތުންވުމަކީ ދުވަހުގެ ފެށުމަށް ގެނެސްދޭ އުފާވެރިކަމެވެ. ދުނިޔޭގެ ކަލަންޑަރުން އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް ހާއްސަ ކޮށްފައިވަނީ މި ދެ އަގުބޮޑު ނިއުމަތަށެވެ. އެއީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި، ބައިނަލްއަގުވާމީ ކޮފީ ދުވަހަހަށެވެ.

މިއީ ބަލާބެލުމަށް މުޅިން ތަފާތު ދެ ކަމެއްގެ ގޮތުގައި ހީވި ނަމަވެސް، އިންސާނީ ދިރިއުޅުމާއި، ދުޅަހެޔޮކަމާއި، އަދި އިޖުތިމާއީ ގުޅުންތަކުގެ އިލްމީ ނަޒަރަކުން ބަލާއިރު، މިއީ އެއް ރޫހެއްގައި ގުޅިލާމެހިފައިވާ ދެ ދާއިރާއެކެވެ. އިންސާނާގެ އުމުރުން ދުވަސްވުމުގެ މަރުހަލާއާއި، އެ މަރުހަލާގައި ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ބާރުތަކަށް ބަލާއިރު، ކޮފީއާއި އުމުރުން ދުވަސްވީ މީހުންގެ ދުވަސް އެއް ދުވަހެއްގައި ފާހަގަކުރުމުން މާނަ ފުންވެގެން ދެއެވެ.

އުމުރުން ދުވަސްވީ މީހުން: މުޖުތަމައުގެ ދިރިހުރި ތާރީހު
ދުނިޔޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، 2050 ވަނަ އަހަރަށް އަޅާއިރު ދުނިޔޭގެ އާބާދީގެ ކޮންމެ 6 މީހަކުން 1 އަކީ އުމުރުން 65 އަހަރުން މަތީގެ މީހަކަށް ވާނެއެވެ. އދ. އިން މި ދުވަސް ފާހަގަކުރަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން މާޒީގައި ކޮށްފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، މުޖުތަމައު ކުރިއެރުވުމުގައި އެމީހުންގެ ހިކުމަތާއި ތަޖުރިބާގެ ބޭނުން ހިފުމަށެވެ. އުމުރުން ދުވަސްވީ މީހުންނަކީ ކޮންމެ ގައުމެއްގެވެސް ދިރިހުރި ތާރީހެވެ. އެމީހުންގެ ކިބައިގައި ހުރި ސަގާފީ، ދީނީ އަދި އިޖުތިމާއީ އިލްމަކީ އަންނަން އޮތް ޖީލުތަކަށް މަގުދައްކައިދޭނެ އެންމެ އަލިގަދަ ދަންމަރެވެ. އެހެންކަމުން އެމީހުންގެ ހައްގުތައް ހިމާޔަތްކޮށް، ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ގާނޫނީ އަދި އިންސާނީ ވާޖިބެކެވެ.

ނަފްސާނީ ދުޅަހެޔޮކަން
އުމުރުން ދުވަސްވުމުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަނިވެރިކަމެވެ. އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ލޯބި ދިނުމަކީ އެމީހުންގެ ޑިޕްރެޝަން ކުޑަކޮށްދޭކަމެކެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެއްކަން ސައިންސްވެރިން ސާބިތުކޮށްދެއެވެ. ބާކީވުމުގެ އިހުސާސަކީ އުމުރު ކުރުކޮށްދޭ ހިތާމައެކެވެ.

ޒަމާނީ ދިރާސާތައް ބަދަލުވަމުންދަނީ 'އުމުރުން ދުވަސްވުމަކީ ބަލިކަށިވުން' ކަމަށް ދެކޭ ދެކުމުންނެވެ. މިހާރު ދައްކަނީ އެކްޓިވް އޭޖިން (Active Aging) ނުވަތަ ދުޅަހެޔޮކަމާއެކު ހަރަކާތްތެރިވެ އުޅުމުގެ ވާހަކައެވެ. އެކަށީގެންވާ ކަސްރަތާއި، ސިއްހަތަށް ފައިދާހުރި ކާނާއާއި، އަދި ސިކުނޑި ހޭލައްވައިދޭ ކަންކަމުގައި އުޅުމުން، އުމުރުން ދުވަސްވިޔަސް އުފެއްދުންތެރި ދިރިއުޅުމެއް އުޅެވިދާނެއެވެ. މުޖުތަމައުން އުމުރުން ދުވަސްވީ މީހުން ބާކީކޮށްލުމަކީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން މުޅިން ހަލާކުވެ، މުސްކުޅިވުމުގެ މަރުހަލާ އަވަސްވެގެންދާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އާއިލާގެ ތެރޭގައި ގަދަރާއި އިހުތިރާމް ލިބި، މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންގެ ހަނދާން ބަލިވުމުގެ މައްސަލަތައް، އެކަނިވެރިކޮށްލާފައި ތިބޭ މީހުންނަށްވުރެ މާ މަދެވެ.

ކޮފީ: ހަމައެކަނި ބުއިމެއް ނޫން، އެއީ ސިއްހަތުގެ ބައިވެރިއެއް
ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި ކޮފީއަކީ ހަމައެކަނި ކެފެއިން އެކުލެވޭ، ހޭލައި ހުރުމަށް އެހީތެރިވެދޭ ބުއިމެއް ނޫނެވެ. މިއީ ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓްސް (Antioxidants) އެންމެ ގިނައިން ލިއްބައިދޭ އެއް ވަސީލަތެވެ. ހާއްސަކޮން ކޮފީގައި ހިމެނޭ 'ކްލޮރޮޖެނިކް އެސިޑް' އަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން، ކޮފީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ހަޖަމުކުރުމުގެ ނިޒާމު ހަލުވިކޮށްދެއެވެ. އަދި ފްލުއިޑް ބެލެންސް ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ކޮފީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އެކި ކަހަލަ އިންފްލެމޭޝަންތަކުން ސެލްތައް ސަލާމަތްކުރުމުގެ ބާރު ލިބިގެންވާ އެއްޗެއްކަން މެޑިކަލް ސައިންސުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ސިކުނޑީގެ ރައްކާތެރިކަން
ހާވާޑް ޔުނިވަސިޓީގެ ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 2 ނުވަތަ 3 ތަށި ކޮފީ ބޯ މީހުންނަށް، އަލްޒައިމާސް ނުވަތަ ހަނދާންނެތޭ ބައްޔާއި، ޕާކިންސަންސް ބަލި ޖެހުމުގެ ފުރުސަތު %30 އާއި %60 އާ ދެމެދުގެ މިންވަރަކަށް ކުޑަކޮށްދެއެވެ. މިއީ ސިކުނޑީގެ ނިއުރޯންތައް ހަލާކުވުން ހުއްޓުވައިދޭ ކެފެއިންގެ ހާއްސަ ސިފައެކެވެ.

އެނަލްސް އޮފް އިންޓަރނަލް މެޑިސިން ގައި ޝާއިއުކޮށްފައިވާ ބޮޑު ދިރާސާއަކުން ދައްކާގޮތުގައި، ގަވާއިދުން ކޮފީ ބޯ މީހުން ދުނިޔޭގައި އުޅުމުގެ ފުރުސަތު (Longevity) ކޮފީ ނުބޯ މީހުންނަށްވުރެ އިތުރެވެ. މީގެ މައިގަނޑު ސަބަބަކީ ހިތުގެ ބަލިތަކާއި، ހަކުރުބަލީގެ ޓައިޕް-2 އިން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް ކޮފީގެ މާއްދާތައް އެހީތެރިވެދޭތީއެވެ. ހަމައެހެންމެ، ކޮފީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަން އިތުރުކޮށްދީ، 'ލިވަރ ސިރޯސިސް' ފަދަ ނުރައްކާތެރި ބަލިތަކުން ދިފާއުވުމަށް މަގުފަހިވެއެވެ. މި ހުރިހާ ސިއްހީ ފައިދާތަކަކީ ސީދާގޮތުން އިންސާނާގެ އުމުރު ދިގުވުމާއި، އުމުރުން ދުވަސްވާއިރު ދިމާވާ ސިއްހީ ގޮންޖެހުންތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ މުހިންމު ބަހާތަކެކެވެ.

އިލްމީ ގުޅުން: ކޮފީއާއި އުމުރުން ދުވަސްވުމުގެ ބަޔޮލޮޖީ
އުމުރުން ދުވަސްވީ މީހުނާއި، ކޮފީއާއި މި ދެ މައުލޫގެ މެދުގައިވާ ބަޔޮލޮޖިކަލް ގުޅުމަށް ފުންކޮށް ބަލާލުމަކީ މުހިންމު ކަމެކެވެ. އިންސާނާގެ ހަށިގަނޑު މުސްކުޅިވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ އޮކްސިޑޭޓިވް ސްޓްރެސް (Oxidative Stress) އެވެ. މިއީ ހަށިގަނޑުގެ ސެލްތަކުގައި އުފެދޭ ހަލާކުކުރަނިވި މާއްދާތަކެއްގެ ސަބަބުން ސެލްތައް މަރުވުމަށް މެދުވެރިވާ މަރުހަލާއެކެވެ. އިލްމީ ހޯދުންތަކުން ދައްކާގޮތުގައި، ކޮފީގައި އެކުލެވޭ ޕޮލީފީނޯލްސް  (Polyphenols) އަކީ މި އޮކްސިޑޭޓިވް ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކުރާ އެންމެ ބާރުގަދަ ސިލާހެވެ. އެހެންކަމުން، ގަވާއިދުން ކޮފީ ބުއިމަކީ ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދޭ  (Anti-aging) މުހިންމު ސަބަބެކެވެ.

ހިތުގެ ރިދަމް
ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީން ހެދި ދިރާސާއެއް ބުނާގޮތުން، ދުވާލަކު ބޯ ކޮފީ ތަށްޓެއްގެ ސަބަބުން ހިތުގެ ލޭހިނގުން ސީދާގޮތުން ރަނގަޅުކޮށްދެއެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ހިތް ހުއްޓުމުގެ ނުރައްކަލުން %15 ސަލާމަތްކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވާއިރު ހުޅުހުޅުގައި ރިއްސުމާއި، އާތުރައިޓިސް ފަދަ އިންފްލެމޭޓަރީ ބަލިތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. ކޮފީގައި ހިމެނޭ ބައެއް މާއްދާތަކަކީ ހަށިގަނޑުގައި އުފެދޭ ދުޅަވުންތައް (Inflammation)  ކުޑަކޮށްދޭ މާއްދާތަކެކެވެ. އެހެންކަމުން، ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތްނަމަ، އުމުރުން ދުވަސްވީ މީހުންނަށް ކޮފީއަކީ އެމީހުންގެ ހަށިގަނޑުގެ ދިރުން ހިފަހައްޓައިދޭ މުހިންމު ބުއިމަކަށް ވެގެންދެއެވެ. މިއީ ކަލަންޑަރުގައި މި ދެދުވަސް އެއް ތާރީހެއްގައި ލިޔެވިފައިވުމުގެ ސައިންޓިފިކް ހިކުމަތެއް ފަދަ ކަމެކެވެ.

އިޖުތިމާއީ ފަލްސަފާ: ޖީލުތައް ގުޅުވައިދިނުން
އިންސާނީ ތާރީހަށް ބަލާއިރު ކޮފީއަކީ ހަމައެކަނި ބުއިމެއް ނޫނެވެ. އެއީ މީހުން އެއްތަންކޮށް، މަޝްވަރާތައް ބާއްވައި، ގުޅުންތައް ބަދަހިކުރަން ބޭނުންކުރާ އިޖުތިމާއީ ވަސީލަތެކެ (Social Lubricant) ވެ. ގަރުނުތަކެއް ކުރިންވެސް ބަގުދާދާއި، ގާހިރާ އަދި އިސްތަންބޫލްގެ ކޮފީހައުސްތަކަކީ އަދީބުންނާއި، ފިލޯސަފަރުންނާއި، އަދި އުމުރުން ދުވަސްވީ ހިކުމަތްތެރިން އެއްވެ، ޒުވާނުންނަށް އިލްމު އުނގަންނައިދިން މަރުކަޒުތަކެވެ. މިއަދުވެސް މި ފަލްސަފާ ބަދަލެއް ނުވެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވަނީ އެމީހުންގެ ވާހަކަތައް އަޑުއަހާނެ، އެމީހުނަށް ވަގުތުދޭނެ ބަޔެކެވެ.

އިޖުތިމާއީ ފަރުވާ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އިން ހާމަކުރާ ގޮތުގައި، އުމުރުން ދުވަސްވީ މީހުން ޒުވާނުންނާ އެކު އިޖުތިމާއީ މާހައުލުތަކުގައި ވަގުތު ހޭދަކުރުމަކީ އެމީހުންގެ ސިކުނޑީގެ އުފެއްދުންތެރިކަން %40 އިތުރުކޮށްދޭކަމެކެވެ. އަދި އެކަނިވެރިކަމުގެ ބަލިމަޑުކަމަށް އޮތް އެންމެ ފުރިހަމަ ފަރުވާއެވެ.

ޒުވާން ޖީލުގެ ހަލުވި ދިރިއުޅުމާއި، ޓެކްނޮލޮޖީގެ ސަބަބުން އުމުރުން ދުވަސްވީ މީހުނާ އުފެދިފައިވާ ދުރުމިން ކަނޑުވާލުމަށް ކޮފީ މޭޒަކަށްވުރެ ވަކިން ހިތްގައިމު މާހައުލެއް ނެތެވެ. ޒުވާނާ އޭނާގެ ހަކަތައިން ފުރިގެންވާ ދުނިޔެއިން ހޫނު ކޮފީ ތަށްޓެއް ދިއްކޮށްލައެވެ. އަދި އުމުރުން ދުވަސްވީ މީހާ ވާހަކައެއްގެ ސިފާގައި އޭނާގެ ހަޔާތުގެ ތަޖުރިބާގެ ފޮނި މީރުކަން ހަދިޔާކުރެއެވެ. މިއީ ދެ ޖީލެއްގެ ދެމެދުގައި ހިނގާ އެންމެ ރީތި، އެންމެ އަގުބޮޑު މުއާމަލާތެވެ. މިކަމުގެ ސަބަބުން މުޖުތަމައުގެ ރޫހާނީ އަދި އަހުލާގީ ބިންގާ ވަރުގަދަވެގެންދެއެވެ.

ނިންމުން
ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި، އިންޓަނެޝަނަލް ކޮފީ ޑޭ އޮކްޓޫބަރު 1 ވަނަ ދުވަހާއި މި ދެ މުނާސަބަތު އެއްވުމަކީ އިއްތިފާގެކެވެ. އެހެންނަމަވެސް، އޭގެއިން ލިއްބައިދޭ ފިލާވަޅު ވަރަށްވެސް ފުންވެފައި މާނަ ވަރުގަދައެވެ. ކޮފީއަކީ އިންސާނާގެ ހަށިގަނޑަށް ހުރި ދިރުމެވެ. އުމުރު ދިގުކުރުމަށް އެހީތެރިވެދޭ ސިއްހީ ބުޔުމެކެވެ. އުމުރުން ދުވަސްވީ މީހުންނަކީ އެ ދިގު އުމުރުގެ ހަގީގީ ރަމްޒެވެ. އެހެންކަމުން، މިއަދަކީ ހަމައެކަނި ކޮފީއެއް ބޯލާ ނުވަތަ މެސެޖަކުން ދުވަހުގެ ތަހުނިޔާ ކިޔާލާ ދުވަހެއް ނޫނެވެ. މިއީ ކާފައާއި މާމައާއެކު، ނުވަތަ މުޖުތަމައުގެ އުމުރުން ދުވަސްވީ ކޮންމެވެސް މީހަކާއެކު ހޫނު ކޮފީ ތަށްޓެއް ބޯލަމުން، އެމީހުންގެ ދިރިއުޅުމުގެ ސަފުހާތަކުން ފިލާވަޅެއް ލިބިގަންނަށްވީ ދުވަހެވެ.

ސިއްހީ ގޮތުންނާއި އިޖުތިމާއީ ގުޅުމުގެ ނަޒަރަކުން ބަލާމާ ހިނގާށެވެ. މިއަށްވުރެ ފުރިހަމަ ގުޅުމެއް ދެން ވަކިން އޮންނާނެ ހެއްޔެވެ؟ އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، އެމީހުންނަށް ގަދަރުކުރުމަކީ އަހަރުމެންގެ މުސްތަގުބަލު ބިނާކުރުމެވެ. ސަބަބަކީ މިއަދުގެ ޒުވާނަކީ މާދަމާގެ އުމުރުން ދުވަސްވީ މީހާއަށް ވާތީއެވެ. ކޮފީ ތަށްޓެއްގެ ހޫނުކަމާއެކު، އުމުރުން ދުވަސްވީ މީހުންގެ ހިތްތަކަށް ލޯތްބާއި އޯގާތެރިކަމުގެ ހޫނުކަން ވެދުން ކުރަމާ ބަހީއެވެ.

ކޮމެންޓް
ލަމްހާ
2 weeks ago
އަސްތާ! މިއީ ކޮން ދުވަހެއްކަން މި އެނގުނީ މި ލިޔުން ކިޔާލީމަ. ވެރީ ނައިސް!
އާދަނު
2 weeks ago
ވަރަށް ފުރިހަމަ މޮޅު ލިޔުމެއް