ގައުމުގެ ހުރިހާ މުއައްސަސާތަކާއި، އާއިލާތަކާއި، ފަރުދުން އެކަކު އަނެކަކަށް އަތުގުޅާލައިގެން ގައުމުގެ ހައްގުގައި މަސައްކަތް ކުރަންޖެހެއެވެ.
އެއްބައިވަންތަ ބަދަހި މުޖުތަމައެއް ބިނާކުރުން
މުހައްމަދު ހަލީމް 10 އޮކްޓޯބަރ 2026 (ހޮނިހިރު)   10:11
އިންސާނުންނަކީ ފިތުރީގޮތުން އެކަނި އުޅެވޭނެ ބައެއް ނޫނެވެ. އެކަކު އަނެކަކަށް ބަރޯސާވެ، ގުޅިގެން ދިރިއުޅުމަކީ އިންސާނީ ތަބީއަތެވެ. މުޖުތަމައެއްގެ ހަގީގީ ބާރަކީ އެ މުޖުތަމައެއްގެ އިމާރާތްތަކާއި މާއްދީ ތަރައްގީއެއް ނޫނެވެ. އެއާ ހިލާފަށް، އެ މުޖުތަމައެއްގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުމުގެ ބަދަހިކަމާއި، އެއްބައިވަންތަކަމެވެ. ބަދަހި މުޖުތަމައެއްގެ މާނައަކީ ހަމައެކަނި އެއް ސަރަހައްދެއްގައި ބަޔަކު ދިރިއުޅުމެއް ނޫނެވެ. އެއީ އުފަލާއި ހިތާމައިގައި ބައިވެރިވެ، އެކަކު އަނެކަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ގައުމީ އަދި ދީނީ އަސާސްތަކެއްގެ މަތީގައި ތެދުވެތިކަމާއެކު ސާބިތުވެތިބޭ މީހުން އުޅޭ ވެއްޓެކެވެ. ދިވެހިރާއްޖެ ފަދަ ކުޑަ، ޖަޒީރާ ގައުމަކަށް ބަލާއިރު، މިފަދަ ބަދަހިކަމެއްގެ ބޭނުންތެރިކަން ވަކިން ބޮޑެވެ. މިގޮތުން މިފަދަ މުޖުތަމައެއް ބިނާކުރުން ބެހިފައިވަނީ ތަފާތު ނަޒަރިއްޔާތު ތަކެއްގެ މައްޗަށެވެ. މި ނަޒަރިއްޔާޓުތަކުގެ ތެރޭގައި ހިމެނި ދީނީ ނަޒަރިއްޔާތާއި، އިލްމީ ނަޒަރިއްޔާތާއި، ގައުމީ އަދި ސިޔާސީ ނަޒަރިއްޔާތެވެ.

ދީނީ ނަޒަރިއްޔާތު
މުޖުތަމައެއް ބަދަހިކުރުމުގެ އެންމެ ފުރަތަމަ އަދި އެންމެ ވަރުގަދަ ބިންގަލަކީ ދީނީ އަސާސްތަކެވެ. އިންސާނާގެ ހިތާއި ރޫހު އިސްލާހުކޮށް، އެކަކު އަނެކަކަށް ކަމޭހިތުމުގެ މަތިވެރި ސިފަ އުނގަންނައިދެނީ ދީނުގެ ސާފު އަގީދާގެ ތެރެއިންނެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫނެވެ. އެއީ މުޅި އިޖުތިމާއީ ނިޒާމު ރާވައި، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ބަދަހިކޮށްދޭ ދިރިއުޅުމުގެ ފުރިހަމަ ދުސްތޫރެކެވެ.  މިގޮތުން،

ހ. މުއުމިނުންގެ އަހުވަންތަކަން: މުޖުތަމައެއް ބަދަހިކުރުމުގައި އިސްލާމްދީން ދައްކާފައިވަނީ ދުނިޔެ ދުށް އެންމެ ފުރިހަމަ އަދި އެންމެ ހަރުދަނާ ނަމޫނާއެވެ. އިސްލާމީ ޝަރީއަތުގެ މައިގަނޑު އެއް މަގުސަދަކީ އިންސާނީ މުޖުތަމައު އިސްލާހުކޮށް، އެއްބައިވަންތަ ކުރުމެވެ. ކީރިތި ޤުރުއާނުގައި މުއުމިނުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ވަރުގަދަކަން ބަޔާންކުރައްވަމުން ހުޖުރާތު ސޫރަތުގެ 10 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާ އަންގާފައިވެއެވެ. 'إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَالتقؤا اللَّهَ لَعَلَّكُمْ تُرْحَمُونَ' މި އާޔަތުގެ މަފުހޫމަކީ، މުއުމިނުން ވާކަންކަށަވަރީ،އަހުންންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަހުންގެ މެދުގައި ތިޔަބައިމީހުން ސުލްހަވެރިކަން ގާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމްލެއްވުމަށްޓަކައެވެ. މި އަހުވަންތަކަމުގެ ރޫހު ޢަމަލީގޮތުން ދައްކަންޖެހޭ މިންވަރު ބަޔާންކުރައްވައި ކީރިތި މާތް ރަސޫލާ ﷺ ހަދީސް ކުރައްވާފައިވެއެވެ. 'مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى' މި ހަދީސްގެ މަފުހޫމަކީ،

މުއުމިނުން އެކަކު އަނެކަކަށް ލޯބިވުމާއި، ރަހުމްކުރުމާއި، އޯގާތެރިވުމުގައި މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އޭގެއިން ގުނަވަނެއްގައި ރިއްސައިފިނަމަ، ހުންއައުމާއި ހޭލާހުރުމުން މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ. މިއީ މުޖުތަމައުގެ ބަދަހިކަމުގެ އެންމެ މަތީ މިސާލެވެ. މުޖުތަމައުގެ އެކަކަށް ދިމާވާ ދަތިކަމަކީ މުޅި މުޖުތަމައުގެ ކަންބޮޑުވުމަކަށް ވާންޖެހެއެވެ.

ށ. އަވަށްޓެރިންގެ ހައްގުތަކާއި އިޖުތިމާއީ ރައްކާތެރިކަން: މުޖުތަމައެއް ބަދަހިވަނީ އަފުރާދުންގެ މެދުގައި އުފެދޭ ކުދިކުދި ގުޅުންތަކުންނެވެ. އެގޮތުން އަވަށްޓެރިޔާއަށް ހެޔޮކޮށްހިތުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާފައިވެއެވެ:

'مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أنَّهُ سَيُوَرِّثُهُ' މި ހަދީސްގެ މަފުހޫމަކީ، ޖިބްރީލުގެފާނު އަވަށްޓެރިޔާއަށް ހެޔޮކޮށްހިތުމަށް ތިމަންކަލޭގެފާނަށް ވަސިއްޔަތް ކުރައްވަމުން ގެންދެވިއެވެ. އެއީ ކިތަންމެ ފަހަރަކު ތަރިކަމުދަލުން އަވަށްޓެރިއާރަށް ވެދާނެބާއޭ ތިމަންކަލޭގެފާނަށް ހީފުޅުވެއެވެ. މީގެއިތުރުން މުޖުތަމައުގެ ފަގީރުންނާއި ނިކަމެތިންނަށް އަޅާލުމަކީ އީމާންކަމާ ގުޅިފައިވާ ކަމެކެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާފައިވެއެވެ:

'لَيْسَ الْمُؤْمِنُ الَّذِي يَشْبَعُ وَجَارُهُ جَائِعٌ إِلَى جَنْبِهِ' މި ދަީސްގެ މަފުހޫމަކީ، އޭނާގެ އަވަށްޓެރިޔާ ބަނޑަށްހުއްޓާ، އަމިއްލައަށް ބަނޑުފުރައިގެން ނިދާ މީހާއީ (ހަގީގީ) މުއުމިނެއް ނޫނެވެ. ޒަކާތުގެ ނިޒާމާއި، ސަދަގާތް ދިނުމަކީ މުޖުތަމައުގައި ތިބޭ މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު ކުޑަކޮށް، ހަސަދަވެރިކަން ނައްތާލާ ބަދަހިކަން އުފައްދާ ދީނީ އަސާސެކެވެ.

ނ. ރީތި އަހުލާގާއި ނަފުރަތުން ދުރުހެލިވުން: މުޖުތަމައެއް ހަލާކުކޮށްލާ ނުބައި ސިފަތަކުން ދުރުހެލިވުމަށް ކީރިތި ޤުރުއާނުގައި ވަނީ ސަރީހަ ބަހުން އަމުރުކުރައްވާފައެވެ. މިގޮތުން، ހުޖުރާޓު ސޫރަތުގެ 12 ވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވާފައިވެއެވެ. 'يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُކُم بَعْضًا' މިއާޔަތުގެ މަފުހޫމަކީ، އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީތަކުގެ ތެރެއިން ގިނަ ހީތަކުން ދުރުހެލިވާށެވެ! ފަހެ، ބައެއް ހީތަކަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން ކުށް ހޯދަން ނޫޅޭށެވެ! އަދި ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބައެއްގެ ގީބަ ނުބުނާށެވެ! މިއާޔަތުން އެނގެނީ މީސްމީހުންނަށް ފުރައްސާރަކުރުން، ނުބައި ނަންނަމުން ގޮވުން، މީހުންނާ މެދު ނުބައި ހީތައް ކުރުން، އަދި ކުށް ހޯދަން އުޅުމާއި ފުރަގަސްދިނުމަކީ އިޖުތިމާއީ ފޭރާން ވީދާލާ ކަންކަން ކަމެވެ. މި ނުބައި ސިފަތަކުން މުޖުތަމައު ސަލާމަތް ނުކޮށް، އެއްވެސް ގައުމަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އިލްމީ ނަޒަރިއްޔާތު
ދީނީ ބިންގަލަށްފަހު، މުޖުތަމައެއްގެ ބަދަހިކަން ދަމަހައްޓައިދޭ އަނެއް މުހިންމު ތަނބަކީ އިލްމީ ހޭލުންތެރިކަމެވެ. އިލްމާއި ތައުލީމަކީ މުޖުތަމައުގެ ފަރުދުންގެ ވިސްނުން ތަރައްގީކޮށް، ކަންކަމުގެ ހަގީގަތް ދެނެގަތުމަށް މަގުދައްކައިދޭ އަލިގަދަ ދަންމަރެވެ. އިލްމީ ނަޒަރިއްޔާއަކީ މުޖުތަމައުގެ މައްސަލަތައް ސައިންޓިފިކް އަދި ބުއްދިވެރި އުސޫލުން ހައްލުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ތަނަވަސްކޮށްދޭ މުހިންމު ވަސީލަތެކެވެ. މިގޮތުން،

ހ. ޒަމާނީ ތައުލީމާއި ވެލިޔު: މުޖުތަމައެއްގެ ކުރިއެރުމާއި ބަދަހިކަން ބިނާވަނީ އެ މުޖުތަމައެއްގެ ތައުލީމީ ފެންވަރާއި އިލްމީ ހޭލުންތެރިކަމުގެ މައްޗަށެވެ. ޖާހިލުކަމަކީ ބައިބައިވުމާއި ފިތުނައިގެ އަސްލެވެ. ނަމަވެސް ހަމައެކަނި ސެޓްފިކެޓް ހާސިލުކުރުމަކުން މުޖުތަމައެއް ބަދަހި ނުކުރެވޭނެއެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމާއި، އެހެން މީހުންގެ ހިޔާލުތަކަށް އިހުތިރާމްކުރުން ދަސްކޮށްދޭންޖެހެއެވެ. ވެލިޔު ބޭސް ތައުލީމު މިސާލަކަށް، ފިންލޭންޑް ފަދަ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި، ކުދިންނަށް ޅަފަތުގެ އުމުރުން ފެށިގެން ގުރޫޕް މަސައްކަތްތަކާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ އިޖުތިމާއީ ހުނަރުތައް އުނގަންނައިދެއެވެ.

ށ. ފާޑުކިއުމުގެ ވިސްނުމާއި މައުލޫމާތުގެ ރައްކާތެރިކަން: އިލްމީ މުޖުތަމައެއްގެ ފަރުދުންނަކީ ލިބޭ ކޮންމެ މައުލޫމާތެއް، ނުވަތަ ސޯޝަލް މީޑިއާގައި ފެންނަ ކޮންމެ ވާހަކައެއް ގަބޫލުކުރާނެ ބައެއް ނޫނެވެ. ދީނުގައިވެސް އަންގަވާފައިވަނީ ފާސިގަކު ހަބަރެއް ހިފައިގެން

އައިސްފިނަމަ އޭގެ ތެދު، ދޮގު ބެލުމަށެވެ. އިލްމީ ގޮތުން ތަމްރީނުވެފައިވާ މުޖުތަމައެއްގައި ފާޑުކިއުމުގެ ވިސްނުން  (Critical Thinking)  ބޭނުންކުރެއެވެ، އޭގެ ސަބަބުން ދޮގު ހަބަރު ފެތުރި ފިތުނަ ފެތުރޭ މިންވަރު މަދުވެއެވެ، އަދި މީހުންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓެއެވެ.

ނ. އިޖުތިމާއީ ހޯދުންތަކާއި ސައިންސްގެ ބޭނުން ހިފުން: މުޖުތަމައެއްގައި ހުންނަ ނޭދެވޭ އާދަތައް ހައްލުކުރުމަށް އިލްމީ ދިރާސާތައް ބޭނުންވެއެވެ. މިސާލަކަށް، މަސްތުވާތަކެތީގެ މައްސަލަ ނުވަތަ ކުށްކުރުން ފަދަ ކަންކަން ހައްލުކުރެވޭނީ ހަމައެކަނި އަދަބުދީގެންނެއް ނޫނެވެ. އެކަންކަމުގެ އަސްލު ދެނެގަނެ، ސައިންޓިފިކް އަދި އިޖުތިމާއީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. މިފަދަ އިލްމީ އުސޫލުތަކުން މައްސަލަތައް ހައްލުކުރުމުން، މުޖުތަމައުގެ ދިފާއީ ބާރު ވަރުގަދަވެ، ކުށްތަކުން ސަލާމަތްވެފައިވާ އަމާން ވެއްޓެއް ބިނާވެގެންދެއެވެ.

ގައުމީ އަދި ސިޔާސީ ނަޒަރިއްޔާތު
ދީނީ އަހުލާގާއި އިލްމީ ހޭލުންތެރިކަން މުޖުތަމައުއެއްގެ ބަދަހިކަމުގެ ބިންގަލާ ގުޅުވައިދޭ ހުންގާނަކީ ގައުމީ އަދި ސިޔާސީ ހިންގުމުގެ ނިޒާމެވެ. ސިޔާސީ ސިޔާސަތުތަކާއި ދައުލަތުގެ ގާނޫނުތަކަކީ މުޖުތަމައެއްގެ ހަމަޖެހުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ހަމަހަމަކަން ހިފަހައްޓައިދޭ މައިގަނޑު އޮނިގަނޑެވެ. އަދުލުވެރި ގައުމީ ސިޔާސަތުތަކެއް ނެތްނަމަ، ދީނީ އަދި އިލްމީ މަސައްކަތްތަކުން ލިބޭ ނަތީޖާ މުޖުތަމައުގައި ހަރުލުމަކީ ނާދިރު ކަމެކެވެ. މިގޮތުން،

ހ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވުން: ސިޔާސީ އަދި ގައުމީ ހިންގުމުގެ ނިޒާމަކީ މުޖުތަމައު އެއް މިސްރާބަކަށް ގެންގޮސްދޭ ހުންގާނެވެ. ހަރުދަނާ ސިޔާސަތުތަކެއް ނެތްނަމަ، މުޖުތަމައު ބައިބައިވެ، ހަމަޖެހުން ގެއްލިގެންދާނެއެވެ. ބަދަހި މުޖުތަމައެއްގެ އެންމެ މުހިންމު ސިޔާސީ އަސާސަކީ އަދުލުއިންސާފެވެ. ގާނޫނު ތަންފީޒުކުރުމުގައި (Rule of Law) ވަކި މީހަކަށް، ވަކި އާއިލާއަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، އެންމެންނަށް ހަމަހަމަކަމާއެކު އިންސާފު ލިބެންޖެހެއެވެ. ތާރީހުން ފެންނަން އޮތް ގޮތުގައި، ދައުލަތްތައް ހަލާކުވެގެން ގޮސްފައިވަނީ ނިކަމެތި މީހާ ކުށެއް ކުރުމުން އަދަބުދީ، މުއްސަނދި ނުވަތަ ނުފޫޒުގަދަ މީހާ ކުށެއް ކުރުމުން ދޫކޮށްލުމުގެ ސަބަބުންނެވެ.

ށ. ސިޔާސީ ހޭލުންތެރިކަމާއި ހިޔާލުތަފާތުވުންތައް ބަލައިގަތުން: ޑިމޮކްރެޓިކް ނިޒާމެއްގައި ސިޔާސީ ހިޔާލުތަފާތުވުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް، އެ ހިޔާލުތަފާތުވުންތައް ގައުމީ ބައިބައިވުމަކަށް ނުވަތަ އަމިއްލަ ނަފުރަތަކަށް ބަދަލުވެގެން ނުވާނެއެވެ. އެހެނީ ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން އުފައްދަވައި ގައުމުތަކާއި ގަބީލާތަކުގެ ގޮތުގައި ލެއްވީ އެއްބަޔަކު އަނެއްބަޔަކަށް ތައާރަފުވެ އުޅުމަށްޓަކައެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ ޒިންމާއަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު އިސްކޮށް، ސުލްހަވެރިކަމާއެކު ބަހުސްކުރުމުގެ ސަގާފަތެއް އާލާކުރުމެވެ.

ނ. އަސާސީ ހިދުމަތްތައް ހަމަހަމައަށް ލިބިދިނުން: ގައުމެއްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ހުރެގެން ނުވާނެއެވެ. ބޯހިޔާވަހިކަން، ސިއްހީ ހިދުމަތް، އަދި ތައުލީމު ފަދަ އަސާސީ ކަންކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބުމަކީ، ރައްޔިތުންގެ ހިތްތަކުގައި ގައުމަށް އޮންނަ ލޯބި އިތުރުވެ، މުޖުތަމައުގެ ރޭވުންތެރިކަން ވަރުގަދަވާނެ ކަމެކެވެ. ވަސީލަތްތައް ހަމަހަމައަށް ބެހިގެންދާއިރު، ރައްޔިތުންގެ މެދުގައި އޮންނަ މަހުރޫމްވުމުގެ އިހުސާސް ކުޑަވެ، އެކަކު އަނެކަކަށް އޮންނަ ހަސަދަވެރިކަން ނެތިގޮސް މުޖުތަމައު ބަދަހިވެއެވެ.

މުޖުތަމައު ބަދަހިކުރުމުގެ ތާރީހީ މިސާލު: މަދީނާގެ މުޖުތަމައު
މާޒީގެ ސަފުހާތަކަށް ބަލާއިރު، މުޖުތަމައުތައް ބަދަހިވެ، ބާރުގަދަ ދައުލަތްތަކަށް ވެގެންގޮސްފައިވަނީ ދީނީ އަދި ސިޔާސީ އަސާސުތައް ހިފެހެއްޓުމުންނެވެ. ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ އަންސާރީންނާއި މުހާޖިރީންގެ މެދުގައި އަހުވަންތަކަން ގާއިމުކުރެއްވުމެވެ. މައްކާއިން ހުސްއަތާ އައި މުހާޖިރީންނަށް، މަދީނާގެ އަންސާރީން އެމީހުންގެ މުދަލާއި ގެދޮރުން ދެބައިކުޅަ އެއްބައި ދިނެވެ. މީގެ އިތުރުން މަދީނާގެ މުއާހަދާ (Constitution of Medina) އެކުލަވާލައްވައި، އެ ރަށުގައި އުޅުނު ޔަހޫދީންނާއި އެހެނިހެން ގަބީލާތަކުގެ ހައްގުތައް ކަށަވަރުކޮށްދީ، ގައުމީ ދިފާއުގައި އެންމެން ބައިވެރިވާންޖެހޭނެ ފަދަ ހަރުދަނާ ސިޔާސީ ނިޒާމެއް ގާއިމުކުރެއްވިއެވެ. މިއީ ދީނީ، އިޖުތިމާއީ އަދި ސިޔާސީ ގޮތުން މުޖުތަމައެއް ބަދަހިކުރި އެންމެ އަރާހުރި މިސާލެވެ.

މުޖުތަމައު ބަދަހިކުރުމުގެ އަމަލީ މިސާލު: ދިވެހިންގެ ކާބަފައިންގެ އާދަކާދަ
ދިވެހިރާއްޖޭގެ ތާރީހަށް ބަލާއިރު، ރަށްރަށުގައި އޮތް އެކުވެރިކަމާއި ބަދަހިކަމަކީ ނަމޫނާއެކެވެ. ރަށެއްގެ މީހެއްގެ ގެއެއް އިމާރާތްކުރުން، ނުވަތަ އޮޑިއެއް ބަނުމަކީ މުޅި ރަށުގެ މީހުން ނުކުމެ ހިލޭ ސާބަހަށް ކޮށްދީ އުޅުނު މަސައްކަތްތަކެވެ. ދަނޑުވެރިކަމުގެ ބޯގަ ކަނޑާއިރު، އަވަށްޓެރިންނަށް ބައި އެޅުމަކީ އާދައެކެވެ. މިފަދަ އިޖުތިމާއީ ރީތި ސިފަތަކަކީ މުޖުތަމައުގެ ރާގު އެއްގޮތްކޮށްދޭ ދިވެހިވަންތަ އަސާސްތަކެވެ.

ބަދަހި މުޖުތަމައެއް ބިނާކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން ސަލާމަތްވާނެ ގޮތް

މިއަދުގެ ޒަމާނީ ދުނިޔޭގައި މުޖުތަމައުގެ ބަދަހިކަމަށް ހުރަސްއަޅާ ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ އަމިއްލައެދުން އިސްކުރުން (Individualism) އެވެ. ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން، މީހުން ހަމައެކަނި އަމިއްލަ ކުރިއެރުމާއި އާއިލާއަށް ވިސްނާ، މުޖުތަމައުގެ ކަންކަމާ ދުރުހެލިވެއެވެ. މިއަށް އޮތް ހައްލަކީ އިޖުތިމާއީ ހަރަކާތްތަކާއި، ހިލޭސާބަހަށް މަސައްކަތްކުރުމުގެ ރޫހު (Volunteerism)  އާލާކުރުމެވެ. ދެވަނަ ކަމަކީ ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރެވެ. ފޭސްބުކް، ޓިކްޓޮކް އަދި އެކްސް ފަދަ ވަސީލަތްތަކުގެ ސަބަބުން ހަގީގީ ގުޅުންތައް ދުރުވެ، ނަފުރަތު ފެތުރެއެވެ. މިއަށް އޮތް ހައްލަކީ ޑިޖިޓަލް މީޑިއާ ލިޓްރެސީ ތައުލީމީ ނިޒާމުގައި ހިމަނައި، ހޭލުންތެރިކަން އިތުރުކުރުމެވެ. ތިންވަނަ ކަމަކީ ސިޔާސީ ގޮތުން މީހުން ބައިބައިކުރުމެވެ. މިއަށް އޮތް ހައްލަކީ ގާނޫނު ހަރުދަނާކޮށް، ނަފުރަތުގެ ބަސްތައް ފެތުރުން ހުއްޓުވުމެވެ.

ނިންމުން
ބަދަހި މުޖުތަމައެއް ބިނާކުރުމަކީ އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ބޮޑު އިންވެސްޓްމަންޓެކެވެ. އިސްލާމްދީނުގެ ސާފު އަސާސްތަކުން ލިބިދޭ އޯގާތެރިކަމާއި އަދުލުވެރިކަމުގެ ބިންގަލުގެ މަތީގައި، އިލްމީ އަދި ތައުލީމީ ހޭލުންތެރިކަން ކުރިއަރުވައި، ގައުމީ ސިޔާސަތުތަކުގެ ތެރެއިން ހަމަހަމަކަމާއި ގާނޫނުގެ ސިޔާދަތު ގާއިމުކޮށްގެން މެނުވީ މި ލަނޑުދަނޑި ހާސިލެއް ނުކުރެވޭނެއެވެ. މުޖުތަމައުގެ ކޮންމެ ފަރުދަކީވެސް މި ބިނާގެ އެއް ގަލެވެ. އެއް ގާ އަނެއް ގަލާ ގުޅިގެން މެނުވީ ވަރުގަދަ އިމާރާތެއް ބިނާ ނުކުރެވޭނެއެވެ. އަދި ގައުމުގެ ހުރިހާ މުއައްސަސާތަކާއި، އާއިލާތަކާއި، ފަރުދުން އެކަކު އަނެކަކަށް އަތްގުޅާލައިގެން މަސައްކަތް ކުރުމަކީ މިއަދު ގައުމު ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ވާޖިބު ގައުމީ މަސައްކަތެކެވެ.

ކޮމެންޓް
ދީނާޒު
5 days ago
ބޭނުންވަނީ ލިޔުންތެރިކަމުގެ މުޖްތަމައު ބަދަހިކުރާނެ އިލްމީ މިފަދަ މަޒުމޫނުތައް ގިނަގިނައިން ފެނުމެވެ.