
ތާރީހީ ފެށުން
އަންހެންކުދިންގެ ހައްގުތަކަށް ހާއްސަ ދުވަހެއް ކަނޑައެޅުމުގެ ބިންގާ އެޅިފައިވަނީ 1995 ވަނަ އަހަރު ޗައިނާގައި ބޭއްވުނު ބެއިޖިން ކޮންފަރެންސްގައެވެ. މި ކޮންފަރެންސްއިން ނެރުނު 'ބެއިޖިންގް ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޯ އެކްޝަން' އަކީ ދުނިޔޭގެ ތާރީހުގައިވެސް އަންހެންކުދިންގެ ހައްގުގައި ބަސްބުނި އެންމެ ވަރުގަދަ ޗާޓަރެވެ. މި ދުވަސް، ދުނިޔޭގެ ފެންވަރުގައި އާލަމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފެށުނީ އދ. ގެ އާންމު މަޖިލީހުން ފާސްކުރި ނަންބަރު 66/170 ގަރާރާ އެކުގައެވެ. މިގަރާރު ފާސްކުރެވުނީ 19 ޑިސެމްބަރު 2011 ގައެވެ.
ބައިނަލްއަގުވާމީ އަންހެންކުދީންގެ ދުވަހުގެ ގޮތުގައި އޮކްޓޫބަރު 11 ކަނޑައެޅީ ވަކި ހާއްސަ ތާރީހީ ހާދިސާއެއް ނުވަތަ ސަބަބުތަކެއް އޮވެގެނެއް ނޫނެވެ. މި ދުވަސް ވުޖޫދުވެގެން އައުމުގެ އަސްލަކީ، އަންހެންކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ 'ޕްލޭން އިންޓަނޭޝަނަލް' އެވެ. މިގޮތުން އެ ޖަމްއިއްޔާއިން ހިންގި 'އަހަރެންނަކީ އަންހެންކުއްޖަކަށް ވީތީ' ނުވަތަ 'ބިކޯސް އައި އޭމް އަ ގާލް' ކެމްޕޭނެވެ. މިއީ، ދުނިޔެއަށް ދިން ވަރުގަދަ އާރުލާ މެސެޖެކެވެ. މިއާއެކު، އަންހެންކުދިންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކާ މެދު މުޅި ދުނިޔެ ހޭލުންތެރިކުރުވުމަށްޓަކައި ވަކި ހާއްސަ ދުވަހެއް އޮތުން ކޮންމެހެން މުހިންމުކަމަށް ދުނިޔެ ދެކުނެވެ. އެއާއެކު ކެނެޑާ ސަރުކާރުން އިސްނަގައިގެން އދ. އަށް ހުށަހެޅި ގަރާރު އާއްމު މަޖިލީހުގެ ސަމާލުކަން ލިބިގެންދިޔައެވެ. އަދި މިއީ އަންހެންކުދިންގެ އަޑު އުފުލައި، އެކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މުޅި އިންސާނިއްޔަތު އެއްބަސްވި އުއްމީދީ ވައުދެކެވެ. މި ގޮތުން އެންމެ ފުރަތަމަ އަންހެންކުދިންގެ ދުވަސް ފާހަގަކުރެވުނީ 11 އޮކްޓޯބަރު 2012 މި ތާރީހުގައެވެ. މި އިސްނެގުމުގެ މައިގަނޑު މަގުސަދަކީ ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ ހުރަސްތައް ނައްތާލުމެވެ. ތައުލީމާއި، ސިއްހަތާއި، އަދި އިޖުތިމާއީ ރައްކާތެރިކަން ކޮންމެ އަންހެންކުއްޖަކަށްމެ ހޯދައިދިނުމެވެ.
މިއަހަރުގެ ޝިއާރު: ކުޑަކުދިންގެ ކައިވެނި ހުއްޓުވާ، އަދި އަންހެންކުދީންގެ ހައްގުތަކަށް އިންވެސްޓްކުރޭ!
2026 ވަނަ އަހަރު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދީންގެ ދުވަހުގެ ރަސްމީ ޝިއާރަކީ ކުޑަކުދިންގެ ކައިވެނި ހުއްޓުވާ، އަދި އަންހެންކުދިންގެ ހައްގުތަކަށް އިންވެސްޓްކުރޭ! ނުވަތަ 'އެންޑް ޗައިލްޑް މެރިއެޖް އެންޑް އިންވެސްޓް އިން ގާރލްސް ރައިޓްސް' އެވެ. މި ޝިއާރު ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި އަންހެންކުދިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލުގެ މައްޗަށެވެ. އެއީ، އަންހެން ކުދީން ލައްވައި ޅަފަތުގައި ކައިވެނިކުރުވުމުގެ އާދައާ ދެކޮޅަށް ތެދުވުމެވެ. އިލްމީ އަދި ތަފާސްހިސާބުތަކަށް ބަލާއިރު؛ ދުނިޔޭގެ ފެންވަރުގައި އުމުރުން 18 އަހަރު ނުވަނީސް ކައިވެނިކުރަން މަޖުބޫރުކުރުވާ އަންހެންކުދީންގެ އަދަދު ކޮންމެ އަހަރަކު 12 މިލިއަނަށް އަރައެވެ. ނުވަތަ މިއަށްވުރެ އިތުރެވެ. މިއީ، ދުނިޔޭގެ އާބާދީއަށް ބަލާއިރު ކޮންމެ 3 ސިކުންތަކުން އެއް ކުއްޖެއްގެ ކައިވެންޏެވެ؛ މިހާރުވެސް 650 މިލިއަނަށްވުރެ ގިނަ އަންހެން ކުދީންނަކީ ޅަފަތުގައި ކައިވެނިކުރުވާފައިތިބި ކުޑަކުދީންނެވެ.
އަންހެންކުދިންނަށް ހުރި މައިގަނޑު ގޮންޖެހުންތައް
އދ. އާއި ޔުނިސެފް ފަދަ އިދާރާތަކުން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، އަންހެންކުދިންގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިންތިކުރެވެނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ؛
(ހ) ތަޢުލީމީ ފުރުސަތުތައް ހަނިވުން: ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 133 މިލިއަން އަންހެންކުދިން މަދުރަސީ ތައުލީމުން މަހުރޫމުވެފައި ވެއެވެ. އަދި 15 އަހަރާއި 19 އަހަރާ ދެމެދުގެ ފިރިހެން ކުދީންނާއި އަޅާބަލާއިރު އެއްވެސް ތައުލީމެއް ނުވަތަ ވަޒީފާގެ ތަމްރީނެއް ނެތް އަންހެންކުދީން ދެގުނަ އިތުރެވެ.
(ށ) ޖިންސީ އަދި ޖިސްމާނީ އަނިޔާ: ކައިވެނިކޮށްގެން އުޅޭ 15-19 އަހަރުގެ އަންހެންކުދިންގެ ތެރެއިން ކޮންމެ 4 ކުއްޖަކުން 1 ކުއްޖަކީ ބައިވެރިޔާގެ ފަރާތުން ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ލިބޭ ކުދިންނެވެ.
(ނ) އިގުތިސޯދީ އަދި ސިއްހީ ހަމަހަމަކަން ނެތުން: ފަގީރުކަމުގެ ސަބަބުން ގިނަ އަންހެންކުދިންނަށް ސިއްހީ އެހީތެރިކަމާއި ހާއްސަކޮށް ވިހެއުމާ ގުޅޭ ރައްކާތެރިކަން ނުލިބެއެވެ.
ހައްލަކީ ކޮބާ؟ ބާރުވެރިކުރުވުން
އަންހެންކުދީންނަށް ދިމާވެފައި މިވާ މައްސަލަތަކާއި، ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ހަމައެކަނި ގާނޫނުތަކެއް ހަދައިގެން ފުދޭކަށް ނެތެވެ. ތަހުގީގީ ހޯދުންތަކުން ދައްކާގޮތުގައި މުޖުތަމައު ބަދަލުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ލާޒިމުކަމެކެވެ؛
(ހ) ތައުލީމަށް އިންވެސްޓްކުރުން: އަންހެންކުދިންނަށް ފެންވަރު ރަނގަޅު ސާނަވީ އަދި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދޭން ވާނެއެވެ.
(ށ) ގާނޫނީ ހަރުދަނާކަން: ކައިވެނިކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރު ކަމުގައި ގާނޫނުގައި ކަނޑައެޅުމަކުން ނުފުދެއެވެ. މަދުމަދުން ނަމަވެސް ރާއްޖޭގައި 18 ނުވާ ކުދީން ކައިވެނިކުރާ އަޑުތައް ފެންމަތިވެއެވެ. އެހެންކަމުން ހަރުދަނާކަމާއެކު ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
(ނ) މުޖުތަމައުގެ ވިސްނުން ބަދަލުކުރުން: އަންހެންކުދިންނަކީ ބުރައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހެއެވެ. އަދި އެ ކުދިންނަކީ މުޖުތަމައުގެ ކުރިމަގު ބައްޓަންކުރާނެ ލީޑަރުންގެ ގޮތުގައި ބަލައިގަންނަށް ކެހެއެވެ.
ނިންމުން
ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހަކީ އަންހެންކުދިންގެ ހައްގުތަކަށްޓަކައި ވަކާލާތުކޮށް، އަޑުއުފުލުމަށް ލިބޭ ހިތްވަރެކެވެ. އަދި އެ ކުދިންނަށް ރައްކާތެރި އަދި އުޖާލާ ކުރިމަގެއް ހޯދައިދިނުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި އަހަރުގެ ޝިއާރު ހަނދާންކޮށްދެނީ، ޅަފަތުގައި އަންހެންކުދީން ކުރާ ކައިވެނީގެ ސަބަބުން އެ ކުއްޖާގެ މުޅި ދިރިއުޅުން އަނދިރިވިޔަ ނުދޭށެވެ. އަދި އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް ދައުލަތްތަކުންނާއި މުޖުތަމައުތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރާށެވެ.
އަންހެންކުއްޖަކަށް ވީތީ ފިޔަގަނޑު ކޮށައިނުލާށެވެ؛ އުދުހިގަންނަންވެސް ފުރުސަތު ދޭށެވެ! މިއީ ކޮންމެ އަންހެންކުއްޖަކު މުޖުތަމައުގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެކެވެ. އާދޭހެކެވެ. ކޮންމެ އަންހެން ކުއްޖަކަށްމެ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު ދިނުމަކީ، މުޅި އިންސާނިއްޔަތުގެ ކުރިއެރުމާއި ތަރައްގީއަށް އެޅިގެންދާނެ އެންމެ ހަރުދަނާ އަދި އެންމެ ލާބަހުރި ފިޔަވަޅެވެ. ޅަފަތުގައި ކުރުވާ ކައިވެންޏެއްގެ ސަބަބުން މި ފުރުސަތު ހަނި ނުކުރާށެވެ.




