
ހިތުގެ މަސައްކަތާއި އޭގެ މުހިއްމުކަން
ހިތަކީ ހަށިގަނޑުގެ މައިގަނޑު ޕަންޕެވެ. މުޅި ހަށިގަނޑުގެ ހުރިހާ ސެލްތަކަކަށް ބޭނުންވާ ނިއުޓްރިއެންޓްސްއާއި އޮކްސިޖަން ފޯރުކޮށްދެނީ ހިތުން ލޭ ފޮނުވައިދޭ ނިޒާމުގެ ތެރެއިންނެވެ. ހަމައެއާއެކު، ހަށިގަނޑުން ބޭރުކުރަންޖެހޭ ކާބަންޑައިއޮކްސައިޑާއި އެހެނިހެން ބޭކާރު މާއްދާތައް ފުއްޕާމެޔާއި ގުރުދާއާ ހަމައަށް ގެންގޮސްދިނުމުގައިވެސް ހިތް މުހިއްމު ދައުރެއް އަދާކުރެއެވެ. ހިތުގެ މަސައްކަތަށް ކުޑަކުޑަ ބުރޫއެރުމެއް އެރިނަމަވެސް، މުޅި ހަށިގަނޑުގެ ހިނގުން ހުއްޓުމަކަށް އާދެއެވެ. އެހެންކަމުން، ހިތުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ މުޅި ދިރިއުޅުމުގެ އުމުރު ނުވަތަ ދިގުމިނާއި، ފެންވަރު ކަނޑައަޅައިދޭ މައިގަނޑު އަސާސެވެ.
ހިތުގެ ބަލިތައް ޖެހެން މެދުވެރިވާ މައިގަނޑު ސަބަބުތައް
ސިއްހީ މާހިރުން ހާމަކުރާގޮތުގައި ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވަނީ ހަމައެކަނި އާއިލީގޮތުން އަންނަ ޖެނެޓިކް ސަބަބުތަކަކުން ނޫނެވެ. އޭގެ އިތުރުން ދިރިއުޅުމުގެ ނޭދެވޭ އާދަތަކާއި، އެކަށީގެންވާ ވަރަށް ހަރަކާތްތެރިވެ،ހެލިފެލިވެ ނޫޅުމަކީ މި ބަލިތަކަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެވެ. ޒަމާނީ ދިރިއުޅުމަށް އައި ބަދަލުތަކާއެކު މީހުން އިށީނދެގެން ތިބޭ ވަގުތު ގިނަވުމާއި ކޮމްޕިއުޓަރާއި ޓީވީގެ ކުރިމަތީގައި ހޭދަކުރާ ވަގުތު އިތުރުވުމަކީ ހިތުގެ މަސައްކަތް ލަސްވުމާއި، ލޮޑުވުމާއި، ވަރުދެރަވުމަށް މެދުވެރިވާ ކަމެކެވެ.
މީގެ އިތުރުން، ސިއްހަތަށް ގެއްލުންހުރި ކާނާ ބޭނުންކުރުމަކީވެސް ހިތުގެ ބަލިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. ތެލާއި، ހަކުރު އަދި ލޮނުފަދަ ގިނަ ކާނާތައް ބޭނުންކުރުމުގެ ސަބަބުން ލޭގައި ހުންނަ ނުބައި ކޮލެސްޓްރޯލް މަތިވެއެވެ. އަދި ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީ ހަރުލާން މެދުވެރިވެއެވެ. މީގެ ސަބަބުން ލޭ ދައުރުވުމަށް ހުރަސްއެޅި، ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް ހިތުގެ ލޭހޮޅިތަކަށް ސީދާ ގޮތުން ވިހަ މާއްދާތައް ފޮނުވައިދޭ ކަމެކެވެ. އޭގެ ސަބަބުން ލޭހޮޅިތައް ހަނިވެ، ހަރުވެއެވެ. ނަފްސާނީ ބުރަދަނާއި، މާބޮޑަށް ފިކުރުކުރުމާއި، ހާސްވުމަކީ ލޭގެ ޕްރެޝަރު މަތިކޮށް ހިތުގެ ވިންދަށް ނޭދެވޭ އަސަރު ފޯރުވާ ކަންކަމެވެ.
ހިތުގެ ބަލިތަކުގެ ނުރައްކާތެރިކަމާއި ދުނިޔޭގެ ހާލަތު
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި ކޮންމެ އަހަރަކުވެސް އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ. މިއީ ގައިންގަޔަށް ނާރާ ބައްޔެއް ނޫނެވެ. ނަމަވެސް، މިއީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސިއްހީ ބަލިމަޑުކަމެވެ. ކުރިއަރަމުން އަންނަ ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކުގައިވެސް މި ބަލީގެ ނުރައްކާ އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ހާޓް އެޓޭކް ޖެހޭ މިންވަރު އިތުރުވުމަކީ ސިއްހީ މާހިރުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މއީ، މުޅި މުޖުތަމައުގެ މުސްތަގުބަލަށް އޮތް ވަރަށްބޮޑު ބިރެކެވެ.
ދުޅަހެޔޮ އާދަތަކާއި ހިތުގެ ރައްކާތެރިކަން
އިލްމީ ދިރާސާތަކުން ސާބިތުވާގޮތުގައި، ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ހިތުގެ ބަލިތަކުން ގާތްގަނޑަކަށް އަށްޑިހަ އިންސައްތަ މީހުނަށް ރައްކާތެރިވެވިދާނެއެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ކާނާގެ ނިޒާމު މުރާޖައާކޮށް، ސިއްހަތަށް ފައިދާހުރި ގޮތަކަށް ބަދަލުކުރުމެވެ. ތަރުކާރީއާއި، މޭވާއާއި، ނަޓްސް އަދި ފައިބަރު ގިނައިން ހިމެނޭ ކާނާ ކެއުމުގައި ހިމެނުމުން ލޭގެ ސަރުބީ ދަށްކޮށްދެއެވެ. ހަމައެއާއެކު، ލޮނާއި ހަކުރުގެ މިންވަރު މަދުކުރުމަކީ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ޕްރޮސެސްޑް ފުޑް ނުވަތަ ކާރުހާނާތަކުން ތައްޔާރުކޮށްފައި ހުންނަ ކާނާ ބޭނުންކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދެވަނަ ކަމަކީ ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމެވެ. ހަފްތާއަކު މަދުވެގެން ސަތޭކަ ފަންސާސް މިނެޓު މެދުމިންވަރެއްގެ ކަސްރަތެއް ކުރުމަކީ ހިތުގެ މަސްތައް ވަރުގަދަކޮށްކަމެކެވެ. އަދި ލޭ ދައުރުވުން ހަލުވިކޮށްދޭ ކަމެކެވެ. ބާރަށް ހިނގުމާއި، ފެތުމާއި، ނުވަތަ ބައިސްކަލު ދުއްވުމަކީ ހިތުގެ ވިންދުގެ ހަމަހިފެހެއްޓުމަށް ކުރެވިދާނެ ރަނގަޅު ކަންކަމެވެ. ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓި، ހިތަށް ކުރާ ބާރު ކުޑަކޮށްދެއެވެ.
ތިންވަނަ ކަމަކީ ގަވާއިދުން ސިއްހީ ޗެކަޕްތައް ހެދުމެވެ. ލޭގެ ޕްރެޝަރާއި، ހަކުރާއި، އަދި ކޮލެސްޓްރޯލް ހުންނަ މިންވަރު ގަވާއިދުން ދެނެގަތުމަކީ ބަލީގެ ކުރީކޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލިބޭ ތަކެކެވެ. އެހެންކަމުން ޗެކަޕް ހެދުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ.
ހަތަރުވަނަ ކަމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމާއި ފުރިހަމަ ނިދި ހޯދުމެވެ. ކޮންމެ ރެއަކުވެސް ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ އަރާމު ނިދި ހޯދުމަކީ ހިތުގެ ވިންދުގެ ހަމަހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ނަފްސާނީ ބުރަދަން ކުޑަކުރުމަށްޓަކައި އަޅުކަންކުރުމާއި، އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، އަދި ހިތްހަމަޖެހޭ ފަދަ މާހައުލެއްގައި އުޅުމަކީ ހިތުގެ ސިއްހަތަށް ލިބޭ ވަރަށް ބޮޑު ދިރުމެކެވެ.
ނިންމުން
ހިތަކީ މުޅި އިންސާނާގެ ދިރިއުޅުމުގެ އިންޖީނެވެ. އެ އިންޖީނުގެ ހިނގުން ހުއްޓިއްޖެނަމަ ދިރިއުޅުމުގެ ހުރިހާ އުންމީދުތަކެއް ނިމުމަކަށް އަންނާނެއެވެ. ދުނިޔޭގެ ހިތުގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ހިތުގެ ދުޅަހެޔޮކަމަށްޓަކައި މިއަދު އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ އަދި ކުރާ ކޮންމެ ކަމަކީ މާދަމާގެ އުފާވެރި ދިރިއުޅުމުގެ ބިންގަލެވެ. ދުޅަހެޔޮ ކާނާއަކާއި، ގަވާއިދުން ކަސްރަތުކުކުރުމާއި، އަދި ހަމަޖެހޭ ދިރިއުޅުމެއްގެ އެހީގައި އަހަރުމެންގެ ހިތްތައް ރައްކާތެރިކުރެވިދާނެއެވެ. އެހެންކަމުން، މިއަދުން ފެށިގެން ދުޅަހެޔޮ އާދަތަކަށް އިސްކަންދީ، ހިތުގެ ހިނގުމުގެ އެއްވެސް ވިންދެއް ދޫކޮށްނުލުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ.




