ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ.-- ފޮޓޯ: ހުޅުދުއްފާރު ކައުންސިލް
ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ދެމަސް ދުވަހަށް ސަސްޕެންޑްކޮށްފި
ޖުނާން އަޙުމަދު 8 ޖުލައި 2026 (ބުދަ)   19:27
ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ދެ މަސް ދުވަހަށް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި، އަލީ މުސްތަފާ ސަސްޕެންޑުކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. 

އިސް މެޖިސްޓްރޭޓް ސަސްޕެންޑްކުރީ ދެ މަސް ދުވަހަށް ކަމަށް ޖޭއެސްސީން ބުނި ނަމަވެސް އޭނާއާ މެދު ފިޔަވަޅު އެޅީ ކޮން ތުހުމަތެއްގައި ކަމެއް ޖޭއެސްސީން ނުބުނެ އެވެ.

ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑްކުރަނީ މައްސަލައިގެ ބާވަތާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބިނާކޮށް ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

ޖޭއެސްސީގެ އެތެރޭގެ އުސޫލުތަކުގައި ވެސް، އެ ކޮމިޝަނަށް ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ލިބުމުން އެ ޝަކުވާގައި ކުރާ ތުހުމަތުގެ ތަފްސީލް ހާމަނުކުރަން އޮވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިންވެސް ޖޭއެސްސީން ވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މެދުވެސް މިފަދަ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އެންމެ ފަހުން ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރު ހިމެނެއެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށަން ކުޑަތަންވެފައި ވަނިކޮށެވެ.

ކޮމެންޓް