ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗަށް އެރަށު ރައްޔިތުން ވަންނަނީ
ފޯކައިދޫ ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކުރުމުން ރައްޔިތުން އެ އޮފީހަށް ވަދެއްޖެ
ހިޝާމް ހާރޫން 31 އޯގަސްޓް 2026 (ހޯމަ)   20:58
ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފަކު އެއްވެސް އެންގުމަކާ ނުލާ ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރި މައްސަލާގައި އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ނުރުހުންފާޅުކޮށް ފެނަކަ އޮފީހަށް ވަދެއްޖެއެވެ.

ރޭ ވެސް ފެނަކަ އޮފީސް ދޮށުގައި އެރަށުގެ ރައްޔިތުން މުޒާހަރާކޮށްފައި ވާއިރު، މިއަދުގެ ރަސްމީ ގަޑީގައި ވެސް ގިނަ ރައްޔިތުން ދިޔައީ، އެތަނުގެ ވެރިންނާ ބައްދަލުކުރަން އެދި ވަރަށް ގިނައިރު ވަންދެން މަޑުކޮށްގެން އެ އިދާރާކައިރީގައި ތިބެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެގޮތަށް އެ ރައްޔިތުން ފެނަކަ އޮފީސް ކުރިމަތީގައި ތިބިނަމަވެސް އެއްވެސް ވެރިޔަކު އެކަމަށް އިޖާބަ ނުދިނުމުން އެތެރެއަށް އެ ރައްޔިތުން ވަދެގަތީއެވެ.

ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށުގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ފޯކައިދޫ ފެނަކަ ބްރާންޗުގެ ވެރިންނާއި، ދާއިރާގެ މެންބަރުގެ އިސްތިއުފާއަށް އަދި އެރަށުގެ ޕީއެންސީ ސްޓެއަރިން ކޮމިޓީގެ މެންބަރުންގެ އިސްތިއުފާއަށް ވެސް ގޮވާލައިފައިކަން ފާހަގަކޮށްލެވެއެވެ.

އެކަމާގުޅިގެން ފޯކައިދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އެއްވެސް އިންޒާރަކާ ނުލާ ކުއްލި ގޮތަކަށް 13 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 13 އާއިލާ ބިކަކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާ، ވަޒީފާގެ ކަށަވަރުކަން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް، ކުންފުނި ރައިޓްސައިޒުކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކުންފުނިތައް ރައިޓްސައިޒުކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގިނަ އާއިލާތަކެއް ނިކަމެތިކޮށް ހާލުގައި ޖެއްސުމަށް ފަހު، ސިޔާސީ ބޮޑެތި މަގާމުތަކަށް ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް އުފައްދަމުން ދިއުމަކީ ވެސް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއް،" - ކައުންސިލުގެ ބަޔާން

މިއީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް އަޅުވެތިކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއް ކަމަށް ދެކޭ ކަމަށާއި، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ފޯކައިދޫ ކައުންސިލްގެ ބަޔާނުގައި ގޮވާލާފައި ވާއިރު، މިއަދު ފޯކައިދޫ ރައްޔިތުން އެ ރަށު ފެނަކަ އޮފީހަށް ވަތް ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި ފުލުހުންގެ އެސްއޯ ޓީމެއް ވެސް މިހާރު އެ ރަށަށް ގޮސްފައިވާ ކަމަށާ، ނަމަވެސް، އެ ރަށު ފެނަކަ އޮފީހަށް ރައްޔިތުން ވަނުމުން، އެތަނުގެ ވެރިން ނުކުމެ ޖަވާބެއް ދިނުމުން މުޒާހަރާ މި ވަގުތަށް ނިންމާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް