
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެ ކުންފުނިން ގެޒެޓުގައި ބުރާސްފަތިދުވަހު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ ބޭނުމަށް ދިގު މުއްދަތަކަށް ރޮށި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ބަޔަކު ހޯދަން ބޭނުންވެއެވެ.
އަންދާޒާކޮށް ބުނެފައިވާ ގޮތުގައި ދުވާލަކަށް 500 ރޮށި ސަޕްލައިކޮއްދޭން ޖެހެއެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިން، އީ-މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ފުރިހަމަ ނަން އަދި އެޑްރެސް އާއި، އީ-މެއިލް އަދި ގުޅޭނެ ފޯން ނަންބަރާއި އެކަމަށް ގާބިލުކަން އަންގައިދޭ ލިޔެކިޔުންތައް އެ ކުންފުންޏާ ހިއްސާކުރުމަށް ވެސް އެމްއޭސީއެލްގެ އިއުލާނުގައި ބުނެއެވެ.
އެހެންކަމުން އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށް ބުނެއެވެ.




