ފުލުހުން ޓްރެފިކް ބަލަހައްޓަނީ.--
ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާފައިވާ ޓްރެފިކް ގާނޫނަށް އަމަލުކުރަން ފަށައިފި
1 އޮކްޓޯބަރ 2026 (ބުރާސްފަތި)   15:24
ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ނަމުގައި މުޅިން އަލަށް އެކުލަވައިލި ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މި ގާނޫނުގައި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ގާނޫނާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ގާނޫނުގައިވާގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ ގާނޫނީ ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިއްޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ ޖިނާޢީ ދަޢުވާ އުފުލިދާނެ ކަމަށާއި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެއްގަމު އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކުރުމާއި ފަސިންޖަރުންގެ ސީޓުގައި ނެތް މީހަކާ ކޮންޓްރޯލް ހަވާލުކުރުމަކީވެސް މި ގާނޫނުގެ ދަށުން ކުށެކެވެ. މި ކުށުގެ އަދަބަކީ، 25،000 ރުފިޔާއާއި 50،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށްވެސް ގާނޫނުގައިވެއެވެ.

މި ގާނޫނުގައި މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި އުޅަނދެއް ވިއްކުމަށްފަހު ވެރިފަރާތް ބަދަލުނުކޮށް ދުއްވުމާއި، އަހަރީ ފީ ނުދައްކައި ދުއްވުމާއި، މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަޙައްދުގައި އުޅަނދު ދުއްވުމާއި، ޕާކުކުރުމުގެ އިތުރުން އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެއް މަގެއްގައި ނުވަތަ މަގުގެ އެއްލޭނުގައި އެއް ހަމައެއްގައި ތިބެގެން އެއް އުޅަނދަށްވުރެ ގިނަ އުޅަނދު އެކުގައި ދުއްވުމާއި، ނެވިގޭޝަން ބޭނުމަށް ނޫންގޮތަކަށް މުވާސަލާތީ ވަސީލަތެއް ބޭނުންކުރުން ހިމެނެއެވެ. މީގެ ތެރެއިން ކަމެއް ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

އުޅަނދުތައް ރަޖިސްޓްރީނުކޮށް ދުއްވުމާއި، ލައިސަންސް ނެތި ދުއްވުމާއި، ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވުމަކީވެސް މި ގާނޫނުގެ ދަށުން މަނާކަމެކެވެ. އެގޮތުން ރަޖިސްޓްރީނުކޮށް އުޅަނދު ދުއްވައިފިނަމަ ދުއްވި މީހާ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުޅަނދުގެ ވެރިފަރާތް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ، ދެވަނަ ފަހަރަށް 1،500 ރުފިޔާ އަދި ތިންވަނަ ފަހަރަށް 2،000 ރުފިޔާގެ ޖުރިމަނާ ކުރުމާއެކު އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު ޖޫރިމަނާ ދެގުނަވާ ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު 30 ދުވަހުގެ މުއްދަތަކަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވައިފިނަމަ ފުރަތަމަ ފަހަރު 2،000 ރުފިޔާ، ދެވަނަ ފަހަރު 3،000 ރުފިޔާ އަދި ތިންވަނަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އެއަށްވުރެ އިތުރަށް ގާނޫނާ ޚިލާފުވެއްޖެނަމަ ޖޫރިމަނާގެ ދެގުނަ އިތުރުވާނެ ކަމަށާއި، އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައިވާގޮތުން ރޯޑުވަރދިނަސް އައުނުކޮށް އުޅަނދު ދުއްވައިފިނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އިމަރޖެންސީ ސައިރެން އަޅަމުންދާ އުޅަނދަކަށް ހުރަސް އަޅައި، ކަފިހި ހުރަހުން މީހުންނަށް ހުރަސްކުރަން ޖާގަނުދީ ދުއްވައިފިނަމަ 1،500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ޓްރެފިކް ނިޝާންތަކާއި ޓްރެފިކް ބައްތިއާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 1،000 ރުފިޔާ، ދެވަނަ ފަހަރަށް 1،500 ރުފިޔާ، 3ވަނަ ފަހަރަށް 2،000 ރުފިޔާ އަދި އެއަށްވުރެ އިތުރުވެއްޖެނަމަ އިތުރުވާ ކޮންމެ ފަހަރަކަށް ޖޫރިމަނާގެ ދެގުނަ އިތުރުވާގޮތަށް ޖޫރިމަނާކުރެވޭނެއެވެ.

ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި، މަގުމަތީގައި ހިނގާ ފަރާތްތަކަށް މަނާ ކަންކަންވެސް މި ގާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްފިނަމަ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ޕާކުކުރީ ގޯޅިތަކާއި، މަގު ކަންމަތިތަކާއި ސްކޫލުތައް ކައިރީގައި ހުންނަ ޕާކިން ޒޯނުތައް ފިޔަވައި އެހެން ތަންތަނާއި ބަސް ހުއްޓުމަށް ކަނޑައަޅާފައިވާ ޒޯނުތަކާއި ކަފިހިހުރަސްގައި ޕާކުކޮށްފިނަމަ 1،500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި އެހެން އުޅަނދެއް ޕާކުކޮށްފިނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މަގު ހުރަސްކުރުމާ ގުޅޭގޮތުން ކަނޑައަޅާ ހަމަތަކާ ޚިލާފުވެއްޖެނަމަ 100 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

މި ގާނޫނުގައި ކުރުން މަނާކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ އެ މީހެއްގެ ލައިސަންސްގައި ޑީމެރިޓް ޕޮއިންޓް ރެކޯޑް ކުރެވޭނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި އަމަލުކުރަންޖެހޭ މި ޑީމެރިޓް ސިސްޓަމްގެ ދަށުން ލައިސަންސްގައި ޕޮއިންޓް ރެކޯޑްވާ ފަރާތްތަކުން ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭނެއެވެ.

ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރުމުގެ ސަބަބުން ޖޫރިމަނާ 5،000 ރުފިޔާ އަށްވުރެ ބޮޑުވެއްޖަނަމަ އެ ފައިސާ ދައްކާ ޚަލާސް ކުރަންދެން އެ އުޅަނދެއް ޓްރެފިކް ފުލުހުންނަށް ބޫޓު ކުރެވިދާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ބޫޓޫ ކުރުމަކީ، ޕާކުކޮށްފައިވާ އުޅެނދެއްގެ ފުރޮޅުގައި ނުވަތަ އެނޫންވެސް ތަނެއްގައި އުޅަނދު ދުއްވުން މަނާކުރުމަށް ޓްރެކް ކުރެވޭގޮތަށް ހަދާފައިވާ އިލެކްޓްރޯ މެކޭނިކަލް އާލަތެއް ހަރުކުރުމެވެ.

މި ގާނޫނުގެ ދަށުން އުޅަނދު ދުއްވި މީހާ ޖޫރިމަނާކުރަން ކަނޑައަޅާފައިވާ ކަންކަމުގައި އެ އުޅަނދު ދުއްވި މީހާއަކީ ކާކުކަން ދެނެގަނެވެން ނެތް ހާލަތުގައި ޖޫރިމަނާ ކުރާނީ، އުޅަނދުގެ ވެރިފަރާތެވެ. ނަމަވެސް އެކަން ކުރީ، އުޅަނދު ވަގަށް ނަގައިގެން ކަމަށްވާނަމަ ވެރިފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް