އެކްސިޑެންޓަކާ ގުޅިގެން ހައިވޭގައި ޓްރެފިކް ޖޭމް ވެފައި.-- ފޮޓޯ: ސޯޝަލްމީޑިއާ
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުނަށް ޖިނާއީ ތަހުގީގު ހިންގާނެކަމަށް ފުލުހުން ބުނެފި
މަރްޔަމް މުޙައްމަދު 3 އޮކްޓޯބަރ 2026 (ހޮނިހިރު)   15:33
އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންނާ މެދު އިތުރު އިންޒާރަކާ ނުލައި، ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެފަދަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، އެ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެއެވެ.

އެ އިދާރާ އިން ބުނީ ފިޔަވަޅު އެޅުމަށް ހަމަޖެހިފައި ވަނީ ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވާ މީހުންނާއި އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި ހަރު ބިންމަތީގައި ގާނަމުން ދުއްވުމުގެ އިތުރުން ސްޕީޑް ބްމްޕަރަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި މަސްތުގެ ހާލަތުގައި ދުއްވުން އަދި ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅާނެއެވެ.

ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހޯދައި އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދުގެ ވެރިފަރާތާމެދުވެސް ފިޔަވަޅު އަޅާނެކަން ފުލުހުން ވަނީ ބަޔާނުގައި ހަނދާންކޮށްދީފައެވެ.

އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، އޮންނަ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް ބުންޏެވެެ.

އެފަދަ އަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޝާމިލުވާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކާމެދު އެޅެންހުރި އިދާރީ ފިޔަވަޅުތައް އެޅުމަށް އެ މުއައްސަސާތަކަށް އެ މައުލޫމަތު ހިއްސާކުރަމުންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ ވަނަވަރު އާންމުކޮށް އެފަދަ ކަންކަމާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯ އާއި ވީޑިއޯ ފަދަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

ކޮމެންޓް