ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު.-- ފޮޓޯ: ޕޮލިސް
ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނަން: ސީޕީ
މަރްޔަމް މުޙައްމަދު 30 ސެޕްޓެމްބަރ 2026 (ބުދަ)   07:01
މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި ޓްރެފިކް ގާނޫނުތަކާއި ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ކަމާގުޅޭ މުއައްސަސާތަކަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު އަންގަވައިފި އެވެ.

މާލޭގައި ނުރައްކާތެރިކޮށް ދުއްވި މީހެއްގެ ސަބަބުން ދާދި ފަހުން އެކްސިޑެންޓެއްވެ، ޒުވާން އަންހެނަކު ނިޔާވެފައިވާއިރު، ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ނެރުއްވި މެސެޖެއްގައި ވިދާޅުވީ މަގުމަތީގެ އާންމު އުސޫލުތަކާއި ޓްރެފިކް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ މީހުންނާ މެދު "ހާއްސަ ފިޔަވަޅުތަކެއް" އަޅަން ފުލުހުން ނިންމާފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް މިހާރުން ފެށިގެން އަޅާނެ ކަމަށް ވެސް އެ މެސެޖުގައި ސީޕީ އަހުމަދު މުހައްމަދު ރޭ ވިދާޅުވިއެވެ.

"މި ފިޔަވަޅުތަކުގެ މަގުސަދަކީ އެންމެހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށާއި މަދު ބައެއް ސަބަބުން ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅެން ހުރި އެންމެ ހަރުށި ފިޔަވަޅުތައް އެޅުން ކަމުގައި ދަންނަވަމެވެ،" ސީޕީގެ ފަރާތުން އާންމުކުރެއްވި ބަޔާނުގައި ވެއެވެ.

އެ ފިޔަވަޅުތައް ކަމާގުޅޭ މުއައްސަސާތައް ގުޅިގެން "އެންމެ މަތީ ދަރަޖައެއްގައި" އަޅަމުން ދިއުމަށް ފުލުހުންގެ އެކި ސެކްޝަންތަކަށް މިހާރު އަންގާފައިވާނެ ކަމަށް ސީޕީގެ މެސެޖުގައި ވިދާޅުވި އެވެ.

މާލޭގައި ދެ ސައިކަލް ޖެހި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ ޒުވާން އަންހެން މީހާއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވީ މިދިޔަ ހުކުރު ދުވަހުއެވެ.

ށ.ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ، 26، އެ އެކްސިޑެންޓުގައި ނިޔާވިއިރު، އެ މައްސަލާގައި ހައްޔަރުކުރީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން، 21، އެވެ. ތަހުގީގުގެ ބޭނުމަށް އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މާހު އަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ވެސް ހަތަރު ފަހަރަށް ހިފަހައްޓައި، ޖޫރިމަނާ ކޮށްފައިވާ މީހެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، އެކްސިޑެންޓުވީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އަނެއް ސައިކަލްގައި ޖެހިގެންނެވެ. އެ ސައިކަލްގައި ތިބި ދެ މީހުންގެ ސިކުނޑިއަށް ވެސް ގެއްލުންވެ ހާލަތު ނާޒުކު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާކަން ވެސް އަމުރުން އެނގެއެވެ.

މާލޭގައި ޓްރެފިކް ކާރުބާރުބޮޑު ގަޑިއެއްގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި ބައެއްގެ ވީޑިއޯ އާންމުވުމާ އެކު، އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ވެސް ފުލުހުން ބުނެފައި ވެއެވެ.

ވީޑިއޯގައި ފެންނަނީ އާޓިފިޝަލް ބީޗު ކައިރިން ބާރު ސްޕީޑްގައި ވަރަށް ނުރައްކާތެރިކޮށް، ދެ ސައިކަލެއް ދުއްވާފައިދާ މަންޒަރެވެ.

ކޮމެންޓް