
މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ހެދުން އެޅުމުގެ މިނިވަންކަމަށް ވަކާލާތު ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ނޯ ބްރާ ޑޭއަކީ އަންހެނުންގެ ސިއްހަތަށާއި އަދި ވަކިން ހާއްސަކޮށް އުރަމަތީގެ ކެންސަރާ ދެކޮޅަށް ހިންގޭ ހޭލުންތެރިކަމުގެ ކެމްޕޭނެކެވެ.
ބްރާ ނާޅާ ދުވަސް ފާހަގަކުރަން ފެށުން
ދުނިޔޭގެ ފެންވަރުގައި ނޯ ބްރާ ޑޭ ފާހަގަކުރަން ފެށިވަނީ 2011 ވަނަ އަހަރުއެވެ. ކެނެޑާގެ ޓޮރޮންޓޯގެ ޕްލާސްޓިކް ސާޖަނެއް ކަމަށްވާ ޑރ. މިޗެލް ބްރައުން އިސްނެގުމުގެ މަތިންނެވެ. އޭނާ، މިކަން ފެށީ އުރަމަތީގެ ކެންސަރު ސާޖަރީތަކަށް މީހުން ހޭލުންތެރިކުރުވުމަށް 'ބްރާ ޑޭ' ނަމުގައެވެ. ނަމަވެސް އޭގެފަހުން ސޯޝަލް މީޑިއާގައި ވައިގައިހިފާ މި ހަރަކާތް 'ނޯ ބްރާ ޑޭ' ގެ ގޮތުގައި ވަކިހިއްޕާލި އެވެ. އަދި މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ އެވެ.
ނޯ ބްރާ ޑޭ މި ދުވަހު އަންހެނުން ބްރާ ނޭޅުމަށް ބާރުއަޅާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ބްރާ އެޅުމުގެ ސަބަބުން އުރަމައްޗާއި، ހަށިގަނޑަށް ލިބޭ ފިއްތުންތަކުން އެއްކިބާ ކޮށްދެއެވެ. އަދި އަމިއްލަ ހަށިގަނޑަށާއި، އުރަމައްޗަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. މިކަމަކީ، އުރަމަތީގައި އެއްވެސް ކަހަލަ އާދަޔާހިލާފު ބަދަލެއް ނުވަތަ ގަނޑެއް ލާފައި ހުރިތޯ ބަލައި، 'އަމިއްލައަށް ޗެކްކުރުމަށް' ބާރުއަޅާ ހަނދާންކޮށްދޭ ކަމެކެވެ.
އުރަމަތީ ކެންސަރުގެ ނުރައްކާ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާ ގޮތުގައި، އުރަމަތީގެ ކެންސަރަކީ މުޅި ދުނިޔޭގައިވެސް އަންހެނުންނަށް ޖެހޭ އެންމެ އާންމު ބައްޔެވެ. އަދި ކެންސަރުގެ އެންމެ ނުރައްކާތެރި އެއްބާވަތެވެ. މިގޮތުން ބަލާއިރު، ދުނިޔޭގެ ކޮންމެ 12 އަންހެނަކުން 1 އަންހެނަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރިޕޯޓްތަކަށް ބަލާއިރު، އަހަރަކު ގާތްގަނޑަކަށް 2.3 މިލިއަނަށްވުރެ ގިނަ އަންހެނުންނަށް އުރަމަތީގެ ކެންސަރު އަލަށް ޖެހެއެވެ. މިގޮތުން، އުރަމަތީގެ ކެންސަރު ބަލީގައި އަހަރަކު 694,000 އަށްވުރެ ގިނަ އަންހެނުން ދުނިޔެ ދޫކުރެއެވެ.
ދިވެހިރާއްޖޭގެ ހާލަތާއި ތަފާސްހިސާބުތައް
ދިވެހިރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އައިޖީއެމް ހޮސްޕިޓަލުގެ ތަފަތު ހިސާބުތަކަށް ބަލައިލުމުން ފިއްކަޑައިގެންދާ ވަރުވެއެވެ. އަދި އުރަމަތީ ކެންސަރުގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ސާފުވެގެން ދެއެވެ.
ދިވެހިރާއްޖޭގެ ކެންސަރުގެ ހާލަތަށް ބަލާއިރު، ނޭޝަނަލް ކެންސަރު ރެޖިސްޓްރީ ދައްކާގޮތުން، ދިވެހި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރަކީ އުރަމަތީގެ ކެންސަރެވެ. އަދި އައިޖީއެމް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި 1 ޖެނުއަރީ 2022 އިން 15 ޑިސެމްބަރު 2025 ގެ ނިޔަލަށް 4،800 އަށްވުރެ ގިނައިން އުރަމަތީގެ ކެންސަރުގެ ކޭސް ވަނީ ދެނެގަނެވިފައެވެ.
ދިވެހިރާއްޖެގައި އުރަމަތީ ކެންސަރަށް ޕޮޒިޓިވުވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 13 އަހަރެވެ. އަދި އެންމެ ދުވަސްވީ މީހުންގެ އުމުރަކީ 81 އާއި 88 އަހަރާ ދެމެދެވެ. އަދި އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އުމުރުން 47 އަހަރުގެ އަންހެނުންގެ ފަރާތުންނެވެ. އަދި ރާއްޖޭގައި މަރުވާ މީހުންގެ ޖުމްލަ އަދަދުގެ %17 އަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.
ކެންސަރު ފަރުވާގެ ނިޒާމާއި ހުޅުމާލެ ހޮސްޕިޓަލް
ރާއްޖޭގައި ކެންސަރުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރެއިން ހުޅުމާލޭ ހޮސްޕިޓަލަކީ މިހާރު ރާއްޖޭގައި ކެންސަރު ބަލިމީހުންނަށް ކީމޯތެރަޕީ ފަދަ އަސާސީ ފަރުވާތައް ފޯރުކޮށްދޭ އެންމެ މުހިންމު އެއް މަރުކަޒެވެ. މިގޮތުން ބަލައިރު، ހުޅުމާލެ ހޮސްޕިޓަލުގައި 1,200 އަށްވުރެ ގިނަ ކެންސަރު ބަލިމީހުން ރެޖިސްޓްރީ ވެފައިވެއެވެ. އަދި މީގެ ތެރެއިން ގިނަ އަދަދެއްގެ ބަލިމީހުން ދަނީ މި ހޮސްޕިޓަލުން ކީމޯތެރަޕީގެ ފަރުވާ ގަވާއިދުން ހޯދަމުންނެވެ.
އުރަމަތީގެ ކެންސަރު ޖެހެން މެދުވެރިވާ ސަބަބުތައް
އުރަމަތީގެކެންސަރު ޖެހެން ދިމާވާ ސީދާ ވަކި ސަބަބެއް އަދި ހޯދިފައި ނެތެވެ. ނަމަވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ބައެއް ރިސްކް ފެކްޓުތައް ސިއްހީ މާހިރުން ވަނީ ފާހަގަކޮށްފަ އެވެ. އގޮތުން ބަދަލުނުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި ބަދަލުނުކުރެވޭނެ ސަބަބަބުތަކުގެ ތެރޭގައި، އުމުރުން ދުވަސްވުން، އަދި ހާއްސަކޮން 50 އަހަރުން މަތިވުމަކީ އުރަމަތީގެ ކެންސަރަށް މީހާ ހުށަހެޅުމަށް މެދުވެރިވާ ކަމެކެވެ.
ޖެނެޓިކްސް ނުވަތަ އާއިލާގެ މީހަކަށް އުރަމަތީގެކެންސަރު ޖެހިފައިވުމާއި، އަދި BRCA1 ނުވަތަ BRCA2 ޖީންގެ މިއުޓޭޝަން ހުރުމަކީވެސް އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. އުމުރުން 12 އަހަރުން ދަށުގައި ޕީރިއަޑުވުން ނުވަތަ މައްސަރުގެ ކަންކަން ޖެހެން ފެށުމާއި، 55 އަހަރުވުމަށްފަހުގައި އިއްދައިން ކެނޑުމަކީވެސް އުރަތަމަތީގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ސަބަބެކެވެ.
ދިރިއުޅުމުގެ އާދަތަކާ ގުޅުންހުރި އަދި ބަދަލުކުރެވިދާނެ ސަބަބުތަކުގެ ތެރޭގައި ކަސްރަތުކުރުމާއި ދުރުހެލިވުމާއި އަދި ބަރުދަން އިތުރުވުން ހިމެނެއެވެ. މިގޮތުން، މާބޮޑަށް ފަލަވުމާއި، ހަރަކާތްތެރި ދިިރއުޅުމެއް ނޫޅުމަކީ އުރަމަތީގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ %40 އަކީ ދިރިއުޅުމުގެ ނޭދެވޭ އާދަތަކާ ގުޅުންހުރި މީހުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ލައިގެން ދުފުމާއި، ސުޕާރީ ފަދަ ތަކެތި ބޭނުންކުރުމަކީވެސް އުރަމަތީގެ ކެންސަރަށް ތިމާ ހުށަހެޅިދާނެ ކަމެކެވެ. އަދި ގިނައިން ތެޔޮ އެކުލެވޭ ކާނާ ކެއުމާއި، ތަރުކާރީ އާއި މޭވާ ބާވަތްތައް ކެވޭލެއް މަދުވުމަކީވެސް އުރަމަތީގެ ކެންސަރު ޖައްސަފާނެ ކަންކަމެވެ.
އަމިއްލައަށް އުރަމަތި ޗެކުކުރާނެ ގޮތް
ކޮންމެ މަހަކު އެއްފަހަރު، މައްސަރު ކަންތައް ނުވަތަ ޕީރިއަޑް ނިމޭތާ 3 ދުވަހާއި 5 ދުވަސް ތެރޭގައި އަމިއްލައަށް އުރަމަތި ބަލައި ޗެކްކުރުމަކީ މުހިންމު ކަމެކެވެ. މިކަމަކީ އުރަމަތީގައި އާދަޔާ ހިލާފު ބަދަލެއް ހުރި ނަމަ ކުރިއާލައި އުރަމަތީގެ ކެންސަރު ދެނެގަނެވޭނެކަމެކެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ލޯގަނޑު ކުރިމަތީގައި ހުރެ އުރަމައްޗަށް ބަލާނީއެވެ. މިގޮތުން ލޯގަނޑު ކުރިމަތީގައި ހުއްޓި ކޮޅަށްހުރެ، އުރަމަތީގެ ބައްޓަމަށް، ކުލައަށް ނުވަތަ ހަމަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބަލާށެވެ. އެއަށްފަހު ހަންގަނޑު އެތެރެއަށް ވަދެ ސްކިން ޑިމްޕްލިން، ވާންވުން، ނުވަތަ ވައްގަނޑު ނުވަތަ ނިޕްލް އެތެރެއަށް ވަދެފައި ހުރިތޯ ބަލާށެވެ.
ދެވަނަ މަރުހަލާގައި ބަލާނީ އަތްލާފައި ބަލައިގެންނެވެ. މިގޮތުން، އެނދުގައި އޮށޯވެގެން ނުވަތަ ފެންވަރަން ހުރެގެން، ކަނާތުގެ މެދު ތިން އިނގިލީގެ ކުރި ބޭނުންކޮށްގެން އުރަމަތީގައި ފިރުމާލާށެވެ. މިގޮތަށް ބަލާނީ އުރަމަތީގެ ވަށައިގެން ކުޑަ ބުރުތަކެއް ޖަހަމުންނެވެ. މި ބުރު ޖަހާނީ މުޅި އުރަމައްޗާއި، ކަރުގެ ތިރި އަދި ކިހިލިފަތް ހިމެނޭ ސަރަހައްދުގައި ފިރުމަމުންނެވެ. މަޑުން، މެދު މިންވަރަކަށް އަދި ބާރަށް ފިއްތާލައިގެން އެތެރޭގައި އެއްވެސް ގަނޑެއް ނުވަތަ ބޯވުމެއް ހުރިތޯވެސް ބަލައިލާށެވެ. އަދި ވައްގަނޑުގައި މަޑުމަޑުން ފިއްތާލާފައި، އެއްވެސް ކަހަލަ ދިޔައެއް، މިސާލަކަށް، ލޭ ނުވަތަ ފެންފަދަ އެއްޗެއް ނުކުމޭތޯ ބަލާށެވެ.
ކުރިއާލައި އުރަމަތީގެ ކެންސަރު ދެނެގަތުމުގެ މުހިންމުކަން
އުރަމަތީގެކެންސަރަކީ ކުރީކޮޅު ފާހަގަކުރެވިއްޖެ ނަމަ، ފަރުވާކޮށްގެން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑު ބައްޔެކެވެ. ބަލީގެ ކުރީކޮޅު ނުވަތަ ސްޓޭޖު-1 ގައި ބަލި ދެނެގަނެވިއްޖެ ނަމަ، ބަލިން ސަލާމަތްވެ ދިރިހުރުމުގެ ފުރުސަތު ނުވަތަ ސަވައިވަލް ރޭޓު %99 އަށްވުރެ މައްޗަށް ދެއެވެ. ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުން މިހާރު މެމޮގްރާމް އަދި ސްކްރީނިން ހިދުމަތްތައް ލިބެން ހުރެއެވެ. އެހެންކަމުން، އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވާއިދުން މި ޓެސްޓުތައް ހެދުމަކީ މުހިންމު ކަމެކެވެ.
ޓިޕްސް ބޮކްސް: ރަނގަޅު ބުރާއެއް ހިޔާރުކުރާނީ ކިހިނެއް؟
އުރަމަތީގެ ދުޅަހެޔޮކަމާއި އަރާމު ދިރިއުޅުމަކަށްޓަކައި ހަށިގަނޑާ އެންމެ ގުޅޭ ރަނގަޅު ސައިޒުގެ ބްރާއެއް އިހުތިޔާރުކުރުމަކީ ކޮންމެ ކަނބަލަކުވެސް ވަރަށްބޮޑަށް ސަމާލުވާންވީ ކަމެކެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ގިނަ އަންހެނުންނަށް ބޭނުންކުރެވެނީ އެމީހުންގެ ހަށިގަނޑާ ގުޅޭ ސައިޒުތަކުގެ ބްރާއެއް ނޫނެވެ. އެހެންކަމުން، ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ބަރުދަނަށް އެއްވެސް ކަހަލަ ބަދަލެއް އަތުވެއްޖެ ނަމަ، އުރަމަތީގެ ސައިޒު އަލުން ބަލައި ޔަގީންކުރުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ބްރާއެއްގެ އެންމެ ބޮޑު ސިފައަކީ އޭގެ ބޭންޑް ނުވަތަ ބުރަކަށި ވަށައިގެންވާ ބައި ހަށިގަނޑުގައި ރީތިކޮށް ހިފާފައި ހުރުމެވެ. ނަމަވެސް، ހަންގަނޑު ރަތްވެ، ނޭވާލާން އުނދަގޫވާ ވަރަށް ބާރުވެގެން ނުވާނެ އެވެ. ބްރާ ހުންނަންވާނީ އޭގެ ބޭންޑް ދަށަށް ފަސޭހައިން ދެ އިނގިލި ލެއްވޭ ފަދަ ހިތްގައިމު މިންވަރަކަށެވެ.
މީގެ އިތުރުން، ބްރާ އަޅައިގެން ގިނަވަގުތު އުޅެންޖެހޭނަމަ އެންމެ އެކަށީގެންވަނީ ހަންގަނޑަށް ފަސޭހަ، ވައި ދައުރުވާ ކަހަލަ މަޑު ކޮޓަން ފޮތީގެ ބްރާ އެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން ހަންގަނޑަށް ދިމާވާ އެކި މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ހަމައެއާއެކު، ރޭގަނޑު ނިދަން އޮށޯންނައިރު ބްރާ ނަގައިގެން ނިދުމަކީ ހަށިގަނޑުގައި ލޭ ދައުރުވުން ފަސޭހަކޮށްދޭ ކަމެކެވެ. އަދި އުރަމައްޗަށް ފުރިހަމަ އަރާމެއް ލިއްބައިދޭ ސިއްހީގޮތުން ނުހަނު ފައިދާހުރި އާދައެކެވެ.
ނިންމުން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ނޯ ބްރާ ޑޭ އަކީ ހަމައެކަނި ސޯޝަލް މީޑިއާގެ ޓްރެންޑެއް ނޫނެވެ. ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާ ބިރުވެރި ހަގީގަތެކެވެ. މިއީ ކޮންމެ ދިވެހި އަންހެނަކުވެސް ތިމާގެ ސިއްހަތަށް ދޭންޖެހޭ ސަމާލުކަން ހަނދާންކޮށްދޭ އިންޒާރުގެ ރަނގަބީލެކެވެ. ލަދުވެތިކަން އެއްފަރާތް ކޮށްލާށެވެ. އަމިއްލައަށް ހަށިގަނޑު ޗެކްކޮށް އަދި ގަވާއިދުން މެޑިކަލް ޗެކަޕްތައް ހަދަންފަށަމާ ހިނގާށެވެ. އިރާދަކުރެއްވިއްޔާ، އޭރުން އުރަމަތީގެ ކެންސަރު ބަލިން މުޖުތަމައު ސަލާމަތްކުރެވޭނެ އެވެ.




