އަމާން އުދަރެސް ޓަވަރު 5 ގެ ތިރީ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގުން - ފޮޓޯ: އެފްޑީސީ
އެފްޑީސީގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހިޝާމް ހާރޫން 2 އޮކްޓޯބަރ 2026 (ހުކުރު)   20:45
އެފްޑީސީ (ފަހި ދިރިއުޅޫން ކޯޕަރޭޝަން) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އަމާން އުދަރެސް ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.

އެ ހާދިސާ ހިނގި ގަޑީގައި ނަގާފައިވާ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯތަކުން ފެންނަނީ، އެ ސަރަހައްދަށް އެ ވަގުތު ގިނަ ބަޔަކު އެއްވެ، އަލިފާން ނިއްވޭތޯ ވެސް ބައެއް މީހުން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

އަމާން އުދަރެސް ޓަވަރު 5 ގެ ތިރީ ފަންގިފިލާގައި ހިނގާފައިވާ މި އަލިފާނުގެ ހާދިސާއާގުޅިގެން، އެފްޑީސީ އިން ބުނީ، އަމާން އުދަރެސް 5 ގެ ގްރައުންޑް ފްލޯގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައި ކަމަށާ، މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާގައި އެ ޓަވަރުގެ ފެންވައިރިންއަށް އަޅާފައި ހުރި، ފެންހޮޅިތަކަށް ގެއްލުން ލިބިފައިވާތީ އެ ހޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް އެފްޑީސީގެ ޓީމުން މިހާރު ކުރަމުންދާތީ، މަރާމާތުގެ މަސައްކަތް ނިމެންދެން އެ ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށާ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކާ އެފްޑީސީން މާފަށް އެދޭކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާ، އަލިފާން ރޯވީ ގުދަނެއް ގޮތަށް ތައްޔާރުކޮށްފައި ހުރި ތަނެއްގައި ކަމަށާ، އެ ހާދިސާގެ މައުލޫމާތު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައި ވަނީ މިރޭ 18:43 ހާއިރު ކަމަށެވެ.

ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  18:50 ހާއިރު ކަމަށެވެ.

މިފަކަށް އައިސް އެކި ފަހަރު މަތިން އެފްޑީސީގެ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައި ވާއިރު، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް އާންމުން ބުނަނީ، މަތީ ފްލޯތަކުގެ ބެލްކަނިތަކުން ނުވަތަ ކުޑަދޮރުތަކުން ސިނގިރޭޓު ފިލްޓަރު އެއްލައިލުމުން އެ ފިލްޓަރުގެ ސަބަބުން އަލިފާން ރޯވާން މެދުވެރިވަނީ ކަމަށެވެ.

ކޮމެންޓް