ހުޅުމާލޭ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރުތައް - ފޮޓޯ: ފިޔެސް
އަމާން އުދަރެސް ޓަވަރެއްގެ 15 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި މަރުވެއްޖެ
ހިޝާމް ހާރޫން 6 އޮކްޓޯބަރ 2026 (އަންގާރަ)   17:01
ހުޅުމާލޭ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރެއްގެ 15 ވަނަ ފަންގިފިލާއިން މީހަކު މިއަދު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އެމީހާ ވެއްޓިފައި ވަނީ އަމާން އުދަރެސް އަށްވަނަ ޓަވަރުން ކަމަށާ، އެ ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު މިއަދު މެންދުރު ފަހު 2:26 އެހައިކަންހާއިރު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށާ، އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށް ވެސް ފުލުހުން ބުނެޏެވެ.

މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު، މައުލޫމާތު ލިބޭގޮތުގައި، އެ ފިރިހެން މީހާ ވެއްޓި ބޯ ޖެހުނު ގޮތަށް އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންލިބުމުގެ ސަބަބުން ބޯ ދެފަޅިވެ، އެވަގުތުން ވަގުތަށް އޭނާ ވަނީ މަރުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުން މީހުން ވެއްޓުމުގެ ހާދިސާތައް މިފަހަކަށް އައިސް ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ފޭސް ދޭގެ ޓަވަރުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް ދާދި ފަހުން ހިނގައިފައި ވާއިރު، މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ވެސް އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އަދި ހަމަ އެއާ ވިދިގެން އޭގެ އަނެއްދުވަހު، ސްޓެލްކޯ ފުލެޓަކުން ވެސް ކުޑަ އަންހެން ކުއްޖަކު ވެއްޓި މަރުވެފައި ވެސް ވެއެވެ.

ކޮމެންޓް