
އެމަނިކުފާނު މިހެން ވިދާޅުވީ، ފަހި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހަށް ދެއްވި ހަވީރު ސައިގެ ދައުވަތަކަށް ވަޑައިގެން އެ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައާއި، މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުގައެވެ.
ނިކަމެތި ރައްޔިތުމީހާއަށް ކުލި ނުދެއްކިދާ ހާލަތެއްގައި އެމީހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިގެން ނުވާނެ ކަމަށާ، އަދި ފުރަތަމަ އެގްރިމެންޓް ހަދާ އެއްބަސްވެފައިވާ ކުލި އެއަށްވުރެ ބޮޑުކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ފަހި ފްލެޓުތަކާ މެދު މިސަރުކާރުން ވަމުންދާ ބޮޑެތި އިހުމާލުތަކާއި، ކުރިމަތިކުރުވާ ދަތިތަކުގެ ޝަކުވާތައް ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ފްލެޓުތަކުގެ ފެންވަރާ މެދު ރައްޔިތުން ހިތްހަމަޖެހުނު ނަމަވެސް، ކުއްޔާއި ޖޫރިމަނާއާ ގުޅިގެން މި ސަރުކާރުން ކުރިމަތިކުރަމުންދާ ދަތިތަކުގެ ޝަކުވާތަކަކީ، ރައްޔިތުންގެ ނުހަނު ބޮޑު ޝަކުވާތަކެއް ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ކޮންމެ ކަމަކުން ވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ އެތަކެއް ތުރާލެއް ޖެހެމުން އަންނަކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ހައްލު ހޯދައިދީ، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކަންކަން ބަދަލުކޮށްދެއްވާ ރައްޔިތުންނަށް ލުއިފަސޭހަ ހޯއްދަވައިދެއްވާނެ ކަމަށެވެ.
އެގޮތުން، ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މި ސަރުކާރުން އަތުލާފައިވާ ފްލެޓުތައް، އޭގެ ހައްގުވެރިންނާ އެމްޑީޕީގެ ވެރިކަމެއްގައި ހަވާލުކުރާނެ ކަމަށާ، ކުރީގެ އެއްބަސްވުންތަކަށް އިހުތިރާމު ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފްލެޓު ލިބޭނެކަމުގެ ލިޔުން ދީ، އެގްރީމަންޓު ހަދާފައިވާ 300 އެއްހާ މީހުންގެ ފްލެޓުތައް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އަތުލާފައިކަމަށެވެ.
އެކަމުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތަކާއި ސުވާލުތައް އެމަނިކުފާނަށް އަމާޒުވަމުންދާކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ، ދައުލަތުން ވެފައިވާ އެއްބަސްވުންތަކަށް ކޮންމެ ސަރުކާރަކުން ވެސް އިހުތިރާމު ކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާ، މި ސަރުކާރުން އެ އެއްބަސްވުންތަކަށް އަމަލުނުކުރާނަމަ، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި އެ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
އަދި، 160 އެއްހާ ފްލެޓު މި ސަރުކާރުން ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވިދާޅުވީ، އެ ހިފެހެއްޓި ފްލެޓުތައް މި ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މަޑުމަޑުން އަންނަނީ ދެމުންކަމުގެ މައުލޫމާތު ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ފަހި ފްލެޓު ސަރަހައްދަށް މި ކުރެއްވި ޒިޔާރަތުގައި، ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ކަމަށްވާ "ފަހި ޔޫނިއަން"ގެ އިސް ބޭފުޅުން ވެސް ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ، އެ ޔޫނިއަން އާއި އެ ފްލެޓުތަކުގެ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަހި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މި ސަރުކާރުން އިހުމާލުވެ، އެ ތަންތަނަށް ރައްޔިތުންގެ އަތުން މެއިންޓެނޭންސް ފީ ނަގަމުންއައި ނަމަވެސް، ދިމާވާ އެއްވެސް މައްސަލައެއް ހައްލުވަމުން ނުދާކަމުގެ ކަންބޮޑުވުމާއި ޝަކުވާތައް ސޯޝަލް މީޑިއާގައި ވެސް ގިނަބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.
އަދި، އެތަންތަނުގެ ޔުޓިލިޓީ ބެލްކަނިތަކުގައި ސްލައިޑްކުރާގޮތަށް ކުޑަދޮރު ހަރުކުރަން ބޭނުންވާ މީހުން އެކަން ކުރި ނަމަވެސް މައްސަލައެއް ނެތްކަމަށް އެފްޑީސީން އެއްބަސްވުމުން، ނުވަދިހަ އިންސައްތަ ރައްޔިތުން ބޮޑު އަގު ދައްކައިގެން އެ ދޮރުތައް ހަރުކުރި ނަމަވެސް މި ފަހުން މިހާރު އެފްޑީސީން އަންގަމުންދަނީ އެ ދޮރުތައް ނެގުމަށް ކަމަށާ، ނެގުމަށްފަހު، އެފްޑީސީން ހަދާފައިވާ އެލްމެނިއަމް މަސައްކަތްކުރާ ވޯކްޝޮޕުން ހަދަމުންއަންނަ ޒާތުގެ ކުޑަދޮރު ނޫނީ ހަރުކޮށްގެން ނުވާނެ ކަމަށް އެރައްޔިތުންނަށް އަންގަމުންދާ ކަމަށް އެމީހުން ބުނެއެވެ.
އަދި އެ ދޮރުތައް ނުނަގައިފި ނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު ވެސް އެފްޑީސީން އެ ރައްޔިތުންނަށް ދީފައިވާ ކަމަށް ފަހި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް އެ ރައްޔިތުން ބުނަމުން އަންނަނީ އެފްޑީސީ އިން އެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް ހިދުމަތެއް ފޯރުނުކޮށްދެވޭ ހާލަތުގައި، އަދި އިގުތިސޯދީ މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް ރައްޔިތުންގެ އަތުން ޖޫރިމަނާ ނެގުމަށް ދިމާކުރުމުން މި ސަރުކާރުގެ އަސްލު މަގުސަދާއި ނިޔަތް ވަރަށް ރަނގަޅަށް ސާފުވެގެން އަންނަ ކަމަށެވެ.




