ފަހި ފުލެޓްތައް ބައްލަވާލައްވަން ރައީސް މުއިއްޒު ކުރެއްވި ޒިޔާރަތެއްގައި ހައުސިން މިނިސްޓަރ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީއާއެކު.-- ފޮޓޯ: ރައީސް އޮފީސް
ފަހި ފުލެޓުތަކުގެ ތެރެއިން ދެ ފްލެޓެއް ހުސްކުރަން އެފްޑީސީން އަންގައިފި
ހިޝާމް ހާރޫން 14 އޮކްޓޯބަރ 2026 (ބުދަ)   18:57
ގަވާއިދުން ކުލި ނުދައްކާތީ އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) އިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ ދެ ފްލެޓެއް ހުސްކުރަން މިއަދު އަންގައިފިއެވެ.

އެފްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 15 ދުވަހުގެ ތެރޭގައި ފްލެޓް ހުސްކުރުމުގެ ނޯޓިސް ފޮނުވީ ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގައި ދިރިއުޅޭ މީހުންނަށް ކަމަށާ، ގަވާއިދުން ކުލި ދައްކަން އެ ދެ ޔުނިޓުގެ ވެރިފަރާތަށް ވެސް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ދީފައި ވާނެ ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެ އެފްޑީސީން ބުނެފައި ވަނީ، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

އަދި، އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާނެ ކަމަށާ، އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް އެ ފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުެނފައި ވެއެވެ.

އަދި، އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް އަދި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކުރުމަށް އަންގައިފައިވާނެކަމަށް ބުނެ އެފްޑީސީން ބުނެފައި ވަނީ، އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވާނީ ކަނޑާލާފައި ކަމަށެވެ.

ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓް އެބަހުރިކަމަށް އެފްޑީސީ އިން އެންމެފަހުން ހާމަކޮށްފައިވާ މައުލޫމާތުގައި ވެއެވެ. އެގޮތުން، މިދިޔަ މަހު 21 ގެ ނިޔަލަށް ފްލެޓްތަކަށް ކޮށްފައިވާ ޖޫރިމަނާ އާއި އިންޒާރުތަކުގެ މައުލޫމާތު ހިމަނައި އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވާއިދުން ކުލި ދައްކާ 3،362 ޔުނިޓް އެބަހުރި ކަމަށާ، ނަމަވެސް، ގަވާއިދުން ކުލި ނުދައްކާ ޖުމްލަ 564 ޔުނިޓު ހުރި ކަމަށް އެފްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓް