
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އުމުރުން 21 އަހަރުގެ އިމީލީ ނާޒިމް އެވެ. އޭނާ ދިޔައީ މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީގައި މަތީ ތަޢުލީމު ހާސިލުކުރަމުންނެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ކާރެއް ޖެހިގެން ކަމަށާއި ނިޔާވި އިމީލީ އިނީ އެ ތަނުން އެއް ކާރުގައި ފަސިންޖަރެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެކްސިޑެންޓާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން މައުލޫމާތު ލިބިފައި ނުވިނަމަވެސް، އާންމުވެފައިވާ މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވީ އެއް ކާރު އޮތީ ފުރޮޅާލާފަ އެވެ. އަނެއް ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ.
މެލޭޝިއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި ދިރިއުޅުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ވެސް ގޮސް އުޅޭ ގައުމެކެވެ.




