ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގެ ފޮޓޯއެއް - ފޮޓޯ: ސޯޝަލް މީޑިއާ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ
ހިޝާމް ހާރޫން 7 އޮކްޓޯބަރ 2026 (ބުދަ)   09:05
ހުޅުމާލެ ފޭސް 2 ގައި، ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެ، ފަރުވާދެމުން އެބަދެއެވެ.

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ހިނގި މި އެކްސިޑެންޓާގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރަމުން ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ކަމަށާ، މި ހާދިސާގައި އަނިޔާވި ފަސް މީހުންނަށްވެސް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށާ، ދެން އަނިޔާވި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް މިހާރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށް މަންޒަރު ފެނެއެވެ. ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިން އަންނަނީ ތަހުގީގު ކުރަމުންކަމަށެވެ.

ކޮމެންޓް