މެލޭޝިޔާގައި ދިވެހި ދެ ދަރިވަރުން ދަތުރުކުރަނިކޮށް އެކްސިޑެންޓްވި ކާރު. މި ހާދިސާގައި އެތަނުން އެއް ދަރިވަރަކު ވަނީ ނިޔާވެފައި.--
މެލޭޝިއާގައި ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓްގައި ކާރު ދުއްވި ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް
ހަސަން އިބްރާހީމް 5 އޮކްޓޯބަރ 2026 (ހޯމަ)   19:07
މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓްގައި ދިވެހި ދަރިވަރަކު ނިޔާވިއިރު އެ ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ.

ދެ ކާރު ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އުމުރުން 21 އަހަރުގެ އިމީލީ ނާޒިމް އެވެ. އޭނާ ދިޔައީ މެލޭޝިއާގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

މެލޭޝިއާގެ ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެކްސިޑެންޓް ހިނގީ 34 އަހަރުގެ މީހަކު ދުއްވި ޕްރޮޓޯން އެސް70 މަރުކާގެ ކާރު އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، އުމުރުން 37 އަހަރުގެ ލޯކަލް ޑްރައިވަރަކު ދުއްވި ޕެރޮޑުއާ އަޓިވާ މަރުކާގެ ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ޕްރޮޓޯން ކާރުގެ ފަހަތުން ކަނާތްފަރާތުގައި ވަރަށް ބާރަށް ޖެހުމުންނެވެ.

މި ޖެހުމުގެ ބާރުމިނުގައި އަޓިވާ ކާރު މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުނެވެ. މި ކާރުގައި ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރަމުން ދިޔައީ ކްލަންގް ވެލީގެ ޕްރައިވެޓް ކޮލެޖެއްގައި ކިޔަވަމުން އަންނަ ރާއްޖޭގެ ދެ އަންހެން ދަރިވަރުންނެވެ.

މި ހާދިސާގައި ކާރުގެ އެތެރޭގައި ތާށިވި ދިވެހި ދަރިވަރު ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ހާދިސާ ހިނގި ވަގުތު ނިޔާވެފައިވާ ކަމަށް ޕެރަމެޑިކްސް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޝާހް އާލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް މިހާރު ވަނީ ގެންގޮސްފައެވެ. ކާރުގައި އިން އަނެއް ދިވެހި އަންހެން ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

ފުލުހުން، ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ޓެކްސީ ދުއްވި ޑްރައިވަރު ވަނީ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައެވެ. މި މައްސަލައިގެ ތަހުގީގަށް އެ ޑްރައިވަރު 4 ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ޝާހް އާލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުންނަށް ދީފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު 1987 ގެ 44(1)(a) މާއްދާގެ ދަށުންނެވެ. އަދި މި ހާދިސާ ހިނގި މަންޒަރު ދުށް ފަރާތެއް ނުވަތަ ޑޭޝްކޭމް ފުޓޭޖް ހުރި ފަރާތެއް ވާނަމަ، ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޓްރެފިކް ތަހުގީގު ޔުނިޓުގެ އިންވެސްޓިގޭޓިންގ އޮފިސަރު އަޒީޒުލް (011-28914495) އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މެލޭޝިއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި ދިރިއުޅުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ވެސް ގޮސް އުޅޭ ގައުމެކެވެ.

ކޮމެންޓް