މުހައްމަދު އަނިލް، ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ކޯޓުގައި.-- ފޮޓޯ: ވިއެޓްނާމް ނިއުސް
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
މަރްޔަމް މުޙައްމަދު 5 އޮކްޓޯބަރ 2026 (ހޯމަ)   14:31
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ކޯޓަކުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލް ގެ މައްޗަށެވެ.

ވިއެޓްނާމް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނިލްގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އޭނާ ތައިލޭންޑުގެ ބެންކޮކުން ވިއެޓްނާމަށް ދިއުމުން ހާން ހޯއާ ޕްރޮވިންސްގެ ކާމް ރަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން އޭނާގެ ލަގެޖާއި އަތުން ގެންދިޔަ ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ދައްކައިގެން އިތުރަށް ބެލިބެލުމުންނެވެ. އެގޮތުން ބެލި ބެލުމުން އޭނާގެ ލަގެހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1،545.6893 ގްރާމް ހުރިއިރު، އޭގެ ތެރެއިން 1،067.2293 އަކީ މެފެޑްރޯންއެވެ. ބާކީ 478.46 ގްރާމަކީ އަލްފާ-ޕައިރޯލިޑިނޯފެންޓިއޯފެނޯން (އަލްފާ-ޕީއައިއެޗްޕީ) އެވެ. މިތަކެތި އޭނާގެ އަތުން ފެނުނު ނަމަވެސް އޭނާ މަސްތުވާތަކެއްޗަށް ފައްސިވެފައެއް ނުވެއެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި ނޮވެމްބަރު 7 ވަނަ ދުވަހު އޭނާ ބެންކޮކު ހޮޓަލެއްގައި ހުއްޓާ "އަފޫ" ނަމަކަށް ކިޔާ އޭނާ ދަންނަ މީހަކު ވަނީ އަނިލްއާއި ބައްދަލުކޮށްފައެވެ. އެ މަސައްކަތް އަފޫ އޭނާއާއި ހަވާލުކޮށްފައިވާއިރު، އޭނާއާއި ހަވާލުކޮށްފައިވަނީ 6 ޕެކެޓުގެ މަސްތުވާތަކެތި ވިއެޓްނާމަށް ގެންދިއުމަށެވެ.

ތައިލެންޑްގެ ޕަތާޔާގައި ދިރިއުޅެމުން އަންނަ އަފޫ ވަނީ އަނިލް ވިއެޓްނާމަށް ދިއުމުން މަސްތުވާތަކެއްޗާއި ހަވާލުވުމަށް މީހަކު ގުޅާނެ ކަމަށް ބުނެފައެވެ.

އެކަން ކޮށްދިނުމުން 1000 އެމެރިކާ ޑޮލަރު ދޭނެ ކަމަށާއި އަދި ކެއުމަށާއި ދަތުރުގެ ހަރަދަށް ކުރިން 500 ޑޮލަރު ވެސް ވަނީ ދީފައެވެ. އޭގެ ފަހުން އަފޫ ވަނީ އަނިލްގެ ލަގެޖަށް މަސްތުވާތަކެތި ލާފައި ކަމަށް ވެސް ތަހުގީގަށް ވަނީ އެނގިފައެވެ.

އަނިލް ހައްޔަރުކޮށްފައިވަނީ ވިއެޓްނާމަށް ފައިބައިގެން އެއާޕޯޓުގައި އިމިގްރޭޝަން މަރުހަލާ ފުރިހަމަ ކުރަނިކޮށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، ހުކުމް ނިމުމާއެކު ވިއެޓްނާމުން ފުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ވިއެޓްނާމަކީ ދިވެހިން ވިޔަފާރީގެ ބޭނުމުގައާއި ޗުއްޓީއަށްވެސް ގޮސް އުޅޭ ގައުމެކެވެ. 

ކޮމެންޓް