
ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަތުލައިގަތް ފިލްމީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު (ޖުމާ)، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ. ޝާހިލް އަކީ އަޒޭގެ ކޮއްކޮ އެވެ.
އެ އެންމެން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވީ މެތާ ގުޅުންހުރި ސިންތެޓިކް އެހެން ދެ ބާވަތެއްގެ ޑްރަގަކަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް އަމުރު ކޮށްފައެވެ. ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަން އިރު އެތަނުގައި ހުރި މޭޒެއްގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށެވެ.
އަދި އެ ތަކެތި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަރަޖައަށް ފެތޭ ކަމަށް ފުލުހުން ބަޔާންކުރި ނަމަވެސް، އެއީ ކޮން ބާވަތެއްގެ ތަކެއްޗެއް ކަމެއް އަދި އޭގެ ސީދާ ބަރުދަނެއް ކޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.




