ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ، އަބްދުﷲ ރަޝީދު (އަބުޗާ) ދޫކޮށްލި ގޮތާ ގުޅޭގޮތުން މިނިސްޓަރ އިހުސާން މައުލޫމާތު ދެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ކުރިމަތީގައި އޮތް ސުވާލު
ދާލުމީމު 7 އޮކްޓޯބަރ 2026 (ބުދަ)   13:51
އެއީ 2020 މަހުގެ ރޭތަކުން ރެއެކެވެ. އައްޑޫ ސިޓީ ކައިރިން ކަނޑުގެ ލޮނުގަނޑު ކަފާއަޅަމުން، ދަތުރު ކުރަމުންދިޔަ އުޅަނދަކަށް ފުލުހުންގެ ހާއްސަ ޓީމަކުން އެރިއެވެ. ގައުމު ސިއްސުވާލި ބޮޑު ޚަބަރަކާ އެކުގައެވެ. އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތީ ހަމައެކަނި މަސްތުވާތަކެއްޗެއް ނޫނެވެ. މުޖުތަމައު ހަލާކުކޮށްލަން އެތެރެކުރި 61 ކިލޯގެ ޑައިމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓެވެ. ފުލުހުން ބުނީ މި ނުރައްކާތެރި ވިޔަފާރީގެ މޭސްތިރިއަކީ މަސްތުވާތަކެތީގެ ރެކޯޑްތަކުގައި ނަން އޮތް އަބްދުﷲ އިބްރާހީމް (އަބުޗާ) ކަމަށެވެ. އަބުޗާއަކީ ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ ކަޅު ތާރީހެއްވެސް އޮތް މީހެކެވެ.

އަބުޗާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއަށް އޭނާ އިއުތިރާފު ވިއެވެ. އެއީ، ސަލާމަތްވާނެ އެހެން އެއްވެސް މަގެއް ނެތުމުންނެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ޕީޖީ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ގާނޫނުގައި އޮތް 25 އަހަރުގެ ދެ ޖަލުހުކުމް އެކު ޖުމްލަވާ 50 އަހަރުގެ ބޮޑު ޖަލު ހުކުމް 25 އަހަރަށް ކޮށައިއަޅާލިއެވެ. އަދި ފައިސާއިން ކުރާ ޖޫރިމަނާވެސް އެއް މިލިޔަން ރުފިޔާއަށް ދަމާ ތިރިކުރިއެވެ. މި ހުކުމްތައް އަބުޗާގެ މައްޗަށް އިއްވީ 19 މެއި 2025 ގައެވެ. ނަމަވެސް އެއީ ފެށުމެވެ. އޭގެ އެންމެ އަހަރެއްހާ ދުވަސް ފަހުން އަބުޗާ ޖަލުގެ ތޭރިތަކުން ނިކުމެއްޖެ އެވެ. އަބުޗާގެ އާއިލާއާއި ރައްޓެހިންގެ ގާތަށް މިނިވަންކަމާއެކު ހިނގާފައި ދިޔަ މަންޒަރަކީ މުޅި އިންސާފުގެ ނިޒާމަށް ކުރި ހުތުރު މަލާމާތެކެވެ.

މި ހައިރާންކުރުވަނި މިނިވަންވުމާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ނަގަނީ ގާނޫނީ އުޒުރުތަކުގެ އައްޑަނައެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނާ ގޮތުގައި އަބުޗާގެ ހުކުމް މައާފެއް ނުކުރެއެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު، ބާކީ އޮތް ޖަލު ހުކުމް މުޖުތަމައުގައި ހުރެގެން ތަންފީޒުކުރާ ގޮތަށެވެ. ނަމަވެސް، މީގެ ކުރިން އަށް ފަހަރަށް ހައްޔަރުކޮށްފައިވާ އަބުޗާފަދަ މީހަކަށް މިފަދަ 'ރަހުމަތެއް' ލިބެންވީ ސަބަބެއް ނުވިސްނެއެވެ. މި ހިތްދަތި ހަގީގަތާއި  ދިވެހި ގައުމުވަނީ ކުރިމަތިލާފައެވެ. މިއާއެކު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން މީޑިއާތަކަށް އަރާވަޑައިގެން 'މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދޭނެ އެއްވެސް ލުޔެއް، އަދި ދޭނެ އެއްވެސް މައާފެއް ނޯންނާނެ!' ކަމަށް ވިދާޅުވެ ދެއްކެވި ދެކޮޅުނުޖެހޭ ވާހަކަތަކަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުން ފިޔަވައި ދެން ކޮން އެއްޗެއް ހެއްޔެވެ؟ ކަރުތެރެއިން ނާރުނަގާފައި، ލޭއަންނަވަރަށް ދައްކާ ސިޔާސީ ވާހަކަތަކާއި، ބޮޑެތި ކުށްވެރިން މުޖުތަމައަށް ދޫވުމުގެ އަމަލީ ހަރަކާތާ ދެމެދު އޮތީ އުޑާއި ބިމުގެ ފަރަގެކެވެ.

އަބުޗާގެ މިނިވަންވުމުގެ ހާދިސާއިން ފެނިގެންދަނީ ވަކި ބަޔަކަށް އިންސާފުގެ ތިލަފަތް ބާރުގަދަ މީހުންގެ މައްޗަށް ލެނބިގެންދާ ގޮތުގެ ހިތާމަވެރި މަންޒަރެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި، އުމުރު ދުވަހުގެ ހުކުމް އަންނަ ބޮޑެތި ކުށްތަކުގައި އަދަބު ލުއިކޮށްދިނުމާއި، ޕެރޯލް ދިނުން ނުވަތަ ޕްލީ ޑީލް ހެދުން މަނާކޮށްފައި އޮންނަ ކަމަށް ކަމާބެހޭ ވަޒީރުން އިއްޔެވެސް ވިދާޅުވިއެވެ. ދެން އަބުޗާއަށް މި ހުރިހާ ދޮރުތަކެއް ހުޅުވިގެންދިޔައީ ކިހިނެއް ހެއްޔެވެ؟ އަބުޗާގެ މައްސަލައިގައި ޕީޖީ އޮފީހުން ކޯޓުގައި 'އާދޭސްދަންނަވައިގެން' ހުކުމުގެ ދެބައިކުޅަ އެއްބައި ކުޑަކޮށްދިނީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ ކުޑަ ކުށެއް ކޮށްގެން ޖަލު ގޮޅީގައި އޮތް އާދައިގެ ރައްޔިތުމީހާ މިފަދަ އިއުތިރާފުގެ އެއްބަސްވުމުގެ އިނާޔަތްތެރިކަން ނުލިބެނީ ކީއްވެ ހެއްޔެވެ؟ ބިލިއަނުން ވިޔަފާރިކުރާ ޑްރަގް ކިންގްޕިންއިން ނުވަތަ ޑްރަގު ލޯޑުންނަށް ގާނޫނުގެ ތެރެއިން ދޫތަކާއި ލުއިތައް ދައުލަތުގެ ނިޒާމުތެރެއިން ހޯދައިދޭ 'ހައިރާތު ފޮށްޓަކަށް' ބަދަލުވަނީ ނުފޫޒުގަދަ ކޮންމެވެސް ސިއްރެއް އޮތުމުންނެވެ.

މި ބޮޑު ސިއްރުގެ ފަރުދާ ކަހާލަ ދޭންވާނެއެވެ. ފުލުހުންނާއި، ކަރެކްޝަނުންއެވެ. ކިއެއްތ؟ އޭސީސީންނެވެ. އަބުޗާ މިނިވަންކުމުގެ ފަހަތުގައި ތިބި އޮފިޝަލުންނައި، މީހުންގެ އަސްލު ސޫރަ ރައްޔިތުންނަށް ދައްކާލަން ވާނެއެވެ. ޕެރޯލް ބޯޑުގެ މެންބަރުންނެވެ. މި ލުއިތައް ދިނުމުގެ ލިޔުމުގައި ސޮއިކުރި އެންމެހާ ފަރާތްތަކެވެ. ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ މިފަދަ ބޮޑު ނިންމުމެއް ނިންމި މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގެންވާނެއެވެ. ހާމަކުރަންވާނެއެވެ. 'ސިއްރު ބޯޑެއް' އޮވެގެން ކަންކަން ނިންމާނަމަ ދައުލަތުގެ ނިޒާމުތަކާމެދު އޮތް ރައްޔިތުންގެ އިތުބާރު މުޅިން ގެއްލިގެންދެއެވެ.

ބޮޑެތި ޑްރަގް ނެޓްވޯކްތަކަކީ މާލީ ނުފޫޒު ފޯރުވުމުގެ ގާބިލުކަމެއް ހުންނަ ބައެކެވެ. މިފަދަ ނުރައްކާތެރި ކުށްވެރިން ދޫކޮށްލަން ނިންމާ ސަރުކާރުގެ މުވައްޒަފުންނާއި ބޯޑު މެންބަރުންގެ މާލީ ހާލަތު އާންމުންނަށް މޮނިޓަރ ކުރެވޭނެ އޮންނަށްވާނއެވެ. ކޮރަޕްޝަނާއި ރިޝްވަތުގެ ހިޔަނިން ގައުމީ ނިޒާމު ސަލާމަތްކުރުމަށެވެ. އެހެންކަމުން އަބުޗާ ދޫކޮށްލުމަށް ނިންމި އެންމެންގެ ބޭންކް އެކައުންޓްތަކާއި، މާލީ ތަފްސީލުތައް ރައްޔިތުންނަށް ތިލަކޮށްދިނުމަކީ މިނިސްޓަރު އިހުސާނަށް ލާޒިމު ކަމެކެވެ. އަދި މިއީ، ހައްގު ގޮތުގައި އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތުތަކެކެވެ.

މިއަދު ދިވެހި ރައްޔިތުން ތިބީ ހޭލައެވެ. ޓީވީ ކެމެރާތަކުގެ ކުރިމަތީގައި އިހުސާނު ފަދަ ވަޒީރުން ދައްކަވާ ފޮނި ވާހަކަތައް އަޑުއަހާށެވެ. ލިޔެފައިވާ ރީތި ގާނޫނުތަކުން މުޖުތަމައަށް ރައްކާތެރިކަމެއް ނުލިބޭކަމުގެ މާޔޫސްކަމުގައެވެ. އަބުޗާ ފަދަ ނުރައްކާތެރި ކުށްވެރިން ޖަލުގެ ތޭރިތަކުން ދޫވެ، މަގުމައްޗަށް ނިކުތުމަކީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫނެވެ. އެއީ މުޅި ގައުމުގެ ސަލާމަތާއި، ޒުވާން ޖީލުގެ މުސްތަގުބަލާއި، އަދުލުއިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރަށް ކުރިމަތިވާ ބޮޑު ގައުމީ ނުރައްކަލެކެވެ. ރައްޔިތުން މިއަދު އެދެނީ ސިޔާސީ މީޑިއާ ސްޓަންޓްތަކެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ކުށްވެރިޔާއަށް ހައްގު އަދަބު ލިބުމެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެފައިވާ ދެފުށް ފެންނަ ހަގީގީ އަމަލީ މާހައުލެކެވެ.

ޒިންމާއުފުލަން ހުރީ މިނިސްޓަރު އިހުސާނެވެ. އިސްތިއުފާ އަދިވެސް ނުދެއްވާ ހުންނެވީ ކީއްވެ ހެއްޔެވެ؟

ކޮމެންޓް