ބަނގުރަލާއެކު ހައްޔަރު ކުރި އިންޑިއާ ދެ މީހުން.-- ފޮޓޯ: ފުލުހުން
ބަނގުރާ ހުރި 906 ފުޅިއާއި 16 ޓައްޕާއެކު ދެ މީހަކު ހައްޔަރުކޮށްފި
5 އޮކްޓޯބަރ 2026 (ހޯމަ)   16:51
މާލޭގައި ބަނގުރާ އުފައްދައި ވިއްކާ، ވިޔަފާރި ކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕްރަވީން ސެންތިލްކުމާރް (30އ) އާއި, ކަންނަން އިރުލައްޕަން (23އ) އެވެ. މި ދެމީހުންނަކީ ވެސް އިންޑިއާ މީހުންނެވެ.

ފުލުހުން މިއަދު ބުނީ، ބަނގުރާ އުފައްދައި ވިއްކާ ވިޔަފާރި ކުރަމުން ދިޔަ އެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާލޭ މަގުމަތިން އެ މީހުން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކޮށްގެން ކަމަށެވެ. 

އެ ގެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް