
ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ހ.މާދޫގެއަށް ވަދެ، އެ ގޭގެ ދެ ފްލޯއެއް ބަލައިފާސްކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން ރެއިން ފެށިގެން ހިންގި އެ އޮޕަރޭޝަން މިއަދު ހެނދުނުވެސް ކުރިއަށް ގެންދިޔައެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފަ އެވެ. އެކި ބްރޭންޑުތަކުގެ ރާފުޅިތައް ވަކިކޮށްފައި ހުރިއިރު އެތަނުގައި ގިނަ އަދަދަކަށް ބަނގުރާ ހުއްޓެވެ.
އެ އޮޕަރޭޝަން ހިންގީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ. ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ. މި އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކާލާފައެވެ. އެތަނުގައި ހުރީ ބަނގުރަލުގެ އެކި ވައްތަރުގެ ކޭސްތައް އަތުރާލާފައެވެ.
ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގަ އެވެ. އެތަނުގައި ޕްރިންޓަރާއި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުއްޓެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




