ބޮޑު ބަދަލު ކަރުދާސް ހުށަހެޅުއްވި ފައްޔާޒު އިސްމާއީލް، އެ ބަދަލުތަކުގެ މައުލޫމާތު ދެއްވުމުގެ ތެރެއިން.--
ބޮޑު ބަދަލު: މުހިންމު ހުށަހެޅުންތަކެއް، ތާރީހީ ނިންމުމެއް
މުހައްމަދު ހަލީމް 6 އޮކްޓޯބަރ 2026 (އަންގާރަ)   07:24
ދިވެހިރާއްޖޭގައި އާ ގާނޫނުއަސާސީ އަކަށް އަމަލުކުރަންފެށިތާ ތަސައްރަފުފުދި 18 އަހަރުވީއެވެ. މިއާއެކު ވެރިކަން ހިންގުމުގެ ނިޒާމަށާއި ބާރުތައް ބެހިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމުގެ އަޑުތައް މިވަނީ ގަދަވެފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާތަނަށް ފެންމަތިވި އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހީ ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ 'ބޮޑު ބަދަލުގެ ކަރުދާސް' އެވެ. މިކަރުދާސް ހުށަހެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ ވެސް ތާއީދުއޮތް މި މަގުޗާޓަކީ ހަމައެކަނި ސިޔާސީ ސްލޯގަނެއް ނޫނެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ ހިންގުން، ގާނޫނު ހެދުން، އަދި އަދުލު އިންސާފުގެ ދާއިރާ މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް އެކުލަވާލާފައިވާ ފުރިހަމަ ރޯޑްމެޕެކެވެ.

ކޮންގްރެސްގެ ތާރީހީ ނިންމުން
އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ގައި ބޮޑު ބަދަލުގެ ކަރުދާސް ވަނީ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ހާޒިރުވިތިބި 563 މަންދޫބުންގެ ތެރެއިން  520 މަންދޫބުންގެ ވޯޓުންނެވެ. މި އިސްލާހީ އެޖެންޑާ ކޮންގްރެސްއަށް ހުށަހަޅުއްވިއިރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސަރުކާރު ހިންގާ ޕީއެންސީ އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ދައުލަތުގެ ބާރުތައް ހިފަހައްޓަމުންދާ ތުހުމަތާއެކުގައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ޗެކްސް އެންޑް ބެލެންސްގެ ނިޒާމު މުގުރާލާފައިވާ ކަމުގެ ކަންބޮޑުވުމާއެކުގައެވެ. ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި މިހާރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހަގީގީ އަޑު ވަނީ ކެނޑިފައެވެ. އެހެންކަމުން، މި ގަރާރު ފާސްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނެ ސިޔާސީ އަސާސް ކަމުގައި ވަނީ ކޮންގްރެސްގެ މަންދޫބުން ކަނޑައަޅާފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ހާއްސަ މަޖިލިސް މަސައްކަތް ކުރާނެ ގޮތް
މި ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ގެ ބާރުތައް ދެ މަގާމަކަށް ވަކިކޮށް، ބަހާލުމެވެ. ނުވަތަ މަސްހުނި ނިޒާމެއް ތައާރަފުކުރުމެވެ. މި ބަދަލާ އެކު، ސަރުކާރުގެ ވެރިޔާ ނުވަތަ ބޮޑުވަޒީރު އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް، ދައުލަތުގެ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކިކުރުމުގެ ބާރު ދެނީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް ހިމެނޭ ގޮތަށް އަލަށް އުފައްދާ 'ހާއްސަ މަޖިލީހަކަށެވެ.' މި އެކުލަވާލާ ހާއްސަ މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަ ކޮންމެ ބަދަލެއް ފާސްކުރުމާއި، މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމާއި، އެ ކޮމިޝަންތަކަށް މެންބަރުން އައްޔަންކުރުމުގެ ބާރު ހިންގާނެއެވެ. އަދި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަނަމަ، ރައްޔިތުންގެ ސީދާ ފެންނަ ނުފެންނަ ވޯޓެއް ނެގުން ބޮޑުބަދަލުގެ ސިޔާސަތުގައި މަޖުބޫރުކުރެއެވެ.

ފްރާންސް ފަދަ ގައުމުތަކުގައި މިފަދަ ސެމީ-ޕްރެޒިޑެންޝަލް ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގަމުންދެއެވެ. ފަރަންސޭސިވިލާތުގައި ރައީސަކު ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. އަދި ބޮޑުވަޒީރަކު އައްޔަނުކުރަނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހުރިހާ ބާރެއް ޖަމާކޮށް، ހުދުމުހުތާރު ވެރިކަމެއް ކުރުން ހުއްޓުވުމެވެ. ނަމަވެސް، ސިޔާސީ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ ވެރިޔާއާއި ދައުލަތުގެ ވެރިޔާއަކީ ތަފާތު ދެ ހިޔާލެއްގެ ދެ ބޭފުޅުން ކަމަށްވާ ހާލަތްތަކުގައި ވެރިކަން ހިންގުން ހުއްޓުމަކަށް އައުމުގެ ނުރައްކާ އޮވެއެވެ. ރާއްޖެ ފަދަ ޕޮލަރައިޒްވެފައިވާ ސިޔާސީ މާހައުލެއްގައި މިފަދަ ބެލެންސްއެއް ހިފެހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު ބަދަލުކުރުން
މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު އާބާދީގެ ނިސްބަތުން މެންބަރުން އިތުރުވާ އިތުރުވުން ނިމުމަކަށް ގެނައުމެވެ. އޭގެ ސަބަބުން  ދައުލަތުގެ ހަރަދުތައް ހިތްފަސޭހަކަމެއް ލިބިގެންދާނެއެވެ. މި ބަދަލާއެކު، މެންބަރުން ހޮވާނީ އަތޮޅުތަކާއި ސިޓީތަކަށް ބަހާލައިގެން ކުރިއާލާ ކަނޑައެޅިފައިވާ ވަކި ލިމިޓެއްގެ ތެރެއިންނެވެ. އަދި މަޖިލިސް ދެ ގޭގެ ނިޒާމަކަށް ބަދަލުކުރުމަށް ވަނީ ހުށަހަޅަފައެވެ. އެއީ ތިރިގެއާއި މަތިގެއެވެ. މަތިގެ އެކުލެވިގެންވާނީ ފަންނީ ދާއިރާތަކުގެ ތަޖުރިބާކާރުން ހިމަނައިގެންނެވެ. މީގެ އިތުރުން، ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި މަޖިލީހުގެ ވަކި އިންސައްތަ ގޮޑިއެއް އަންހެނުންނަށް ރިޒާވުކުރުމަށްވަނީ ހުށަހަޅާފައެވެ.

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އާއި ހައުސް އޮފް ލޯޑްސް އަދި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓިޓިވާއި ސެނެޓު ފަދަ ދެ ގޭގެ ނިޒާމުގެ ބޭނުމަކީ ގާނޫނުތައް ހެދުމުގައި އިތުރަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ފަންނީ ހިޔާލު ހޯދުމެވެ. މީގެ ސަބަބުން ކުއްލި ކުއްލިއަށް ގެންނަން އުޅޭ ނޭދެވޭ ގާނޫނީ ބަދަލުތައް ހުއްޓުވޭނެ އެވެ. ނަމަވެސް، ރާއްޖެ ފަދަ ކުޑަ އާބާދީއެއް އަދި އިގުތިސޯދީ ގޮތުން ނާޒުކު ގައުމެއްގައި ދެ ގޭގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެއް ހިންގުމަކީ އިދާރީ ހަރަދުތައް އިންތިހާއަށް ބޮޑުވާނެކަމެކެވެ. އަދި މިއީ، ގާނޫނުތައް ފާސްކުރުމުގައި އަންނާނެ ލަސްކަމެކެވެ.

އެމީހަކު ދިރިއުޅޭ ތަނަކަށް ވޯޓުލުން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމީހަކު ރަށްވެހިވެފައިވާ ނުވަތަ ދާއިމީ އެޑްރެސް އޮންނަ ރަށުގެ ބަދަލުގައި، އެމީހަކު ދިިރއުޅޭ ރަށެއްގައި ނުވަތަ ރެސިޑެންޝަލް އެޑުރެހުގައި ވޯޓުލެވޭ ގޮތަށް ވަނީ ބަދަލުގެ ކަރުދާހުގައި ފަރުމާކޮށްފައެވެ. މީގެ މަގުސަދަކީ ރަށުން ބޭރުގައި، ހާއްސަކޮށް މާލޭގައި ނުވަތަ ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހުންގެ އާންމު ދިރިއުޅުމަށް އަސަރުކުރާ ކައުންސިލްތަކުގެ ނިންމުންތަކަށް ބަސްކިޔުމުގެ ފުރުސަތު ދިނުމެވެ.

މިއީ ޒަމާނީ މައިގްރޭޝަނާއި، އަވަށުވެށީގެ ތަރައްގީއަށް ބަލާއިރު ބައިނަލްއަގުވާމީ ގޮތުން އޮސްޓްރޭލިއާ އަދި ކެނަޑާ ފަދަ ގައުމުތަކުގައި ވަރަށް ބޮޑަށް އަމަލީގޮތުން ބަލައިގަންނަ ޕްރެކްޓިކަލް ސިޔާސަތެކެވެ. މީހަކު ޓެކްސް ދައްކާ، ކުނި އުކާ، ހިދުމަތް ހޯދާ ތަނެއްގެ ކައުންސިލް ހޮވަން ވޯޓުލުމަކީ ހަގީގީ ރެޕްރެޒެންޓޭޝަނެކެވެ. ނަމަވެސް، އިލްމީ ގޮތުން އޮތް ބަހުސަކީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ޖަމާވެފައިވާއިރު، މި ބަދަލުގެ ސަބަބުން ކުދި ރަށްރަށުގެ ސިޔާސީ ބަރުދަން ނުވަތަ ޕޮލިޓިކަލް ވެއިޓު މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރެވެ. މާލޭގެ އާބާދީ ބޮޑުވުމުން މުޅި ރާއްޖޭގެ މިސްރާބު ކަނޑައެޅުމުގެ ބާރު މަދު ސިޓީތަކަކަށް ޖަމާވެދާނެއެވެ.

އިންތިހާބީ ބާރާއި، ރިކޯލް ވޯޓު ނެގުން
ބޮޑު ބަދަލު ކަރުދާހުގައި ހުށަހަޅާފައިމިވާ އިސްލާހުގައި ރައްޔިތުން އިންތިހުބުކުރާ މަންދޫބުން، މިސާލަކަށް، މަޖިލިސް މެންބަރުންނާއި ކައުންސިލަރުން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރާނަމަ ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގައިފިނަމަ، ދައުރު ހަމަވުމުގެ ކުރިން މަގާމުން ވަކިކުރުމުގެ ބާރު ނުވަތަ ރިކޯލް ވޯޓު ނެގުމުގެ އިހުތިޔާރު ރައްޔިތުންނަށް ދިނުމުގެ ސިޔާސަތު ހުށަހަޅާފައިވެއެވެ. ގާނޫނީ ހަމަތަކުން ބަލާއިރު، ދާއިރާއެއްގެ ވޯޓުލާ އާބާދީގެ ވަކި އިންސައްތައެއްގެ ސޮޔާއެކު މެންބަރަކު ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހެޅުމުން ދާއިރާއެއްގައި ރިކޯލް ވޯޓު ނަގަންޖެހޭނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިން ވަކިކުރެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓެއްގެ ޒަރީއާއިން ކަމަށް ހިޔާލު ހުށަހަޅާފައިވެއެވެ.

ރިކޯލް ވޯޓަކީ ސުވިޒަލޭންޑް އަދި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި، މިސާލަކަށް، ކެލިފޯނިއާފަދަ ތަންތާގައި ޕްރެކްޓިސްކުރާ ކަމެކެވެ. އަދި މިއީ، ސީދާ ނުވަތަ ޑައިރެކްޓް ޑިމޮކްރެސީ ވަރުގަދަކުރަން ބޭނުންކުރާ ވަސީލަތެކެވެ. މީގެ ސަބަބުން މެންބަރުން ހޮވުމަށްފަހު ފްލޯ ކްރޮސްކުރުމާއި، ޕާޓީ ބަދަލުކުރުންފަދަ ރައްޔިތުންގެ މަތިން ހަނދާންނެތޭ އުސޫލު ނިމުމަކަށް އަންނާނެ އެވެ. އޭރުން އަބަދުވެސް ދާއިރާގެ ރައްޔިތުންނަށް ޖަވާބުދާރީވާން މަޖުބޫރުވެއެވެ. ނަމަވެސް، މީގެ ނޭދެވޭ ބަހުސަކީ ސިޔާސީ ހަލަބޮލިކަން އަބަދުމެ އޮތުމެވެ. ބަލިވާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް މެންބަރުން ވަކިކުރަން ކެމްޕޭން ކުރަމުން ގެންދާނެ އެވެ. އަދި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި މެންބަރުން ފަސްޖެހެން ފަށާފާނެއެވެ. މެންބަރުންގެ މުޅި ދައުރު ގޮނޑި ދިފާއުކުރުމުގެ މަސައްކަތުގައި ހޭދަކުރަން ޖެހިދާނެއެވެ. ފަނޑިޔާރުން ވަކިކުރުން ރައްޔިތުންގެ ވޯޓަކަށް ދޫކޮށްލުމަކީ ޝަރުއީ ދާއިރާ އިންތިހާއަށް ސިޔާސީވުމުގެ ބިރު އޮތް ކަމެކެވެ.

ރާއްޖޭގައި ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހަށެވެ. މީގެ ސަބަބުން ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ޝަކުވާ ބޮޑެވެ. ބޮޑު ބަދަލު ކަރުދާހުގައި ހުށަހަޅާފައިވަނީ ފަނޑިޔާރަކު ވަކި މުއްދަތެއްނެތި މަގާމަށް އައްޔަންކުރުމަށެވެ. އަދި ވަކި މުއްދަތެއްވުމުން، މިސާލަކަށް 4 އަހަރު ނުވަތަ 6 އަހަރު ވުމުން އެ ފަނޑިޔާރަކު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ސީދާ ވޯޓެއްލުމެވެ. މިއީ ފަނޑިޔާރުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުމަށް ހުށަހެޅިފައިވާ ކަމެކެވެ.

ޖުޑީޝަލް ރިޓެންޝަން އިލެކްޝަން
ފަނޑިޔާރުން ވަކިކުރުމުގެ މި އުސޫލު އަމަލީގޮތުން އެންމެ ފުޅާކޮށް ބޭނުންކުރަނީ އެމެރިކާގެ ބައެއް ސްޓޭޓްތަކުގަ އެވެ. މި ވޯޓުލުން ކުރިއަށްދާ ގޮތަކީ، އިންތިހާބުގެ ބެލެޓް ކަރުދާހުގައި ފަނޑިޔާރުގެ ނަން ލިޔެފައި، 'މި ފަނޑިޔާރު މަގާމުގައި ބަހައްޓަން ފެނޭތޯ؟ އާނއެކޭ / ނޫނެކޭ' މިގޮތަށް ސުވާލުކުރެވެއެވެ. މީގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ނަމެއް ނޯންނާނެ އެވެ. ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ފަނޑިޔާރު މަގާމުގައި ދެމިހުންނާނެ އެވެ. ނުލިބިއްޖެނަމަ މަގާމުން ވަކިވާނެ އެވެ. މީގެ ނަތީޖާއަކީ ފަނޑިޔާރުން ސިޔާސީ މީހުންގެ މައްޗަށް ބަރޯސާވުން ކުޑަވެގެން ދިޔުމެވެ. އަދުލުވެރިކަމާއެކު ހުކުމްކުރުމަށް ބާރުއެޅުމެވެ. ނަމަވެސް، މީގެ ނޭދެވޭ އަސަރަކީ ފަނޑިޔާރުން މަގާމު ދިފާއުކުރުމަށްޓަކައި، ހައްގަށްވުރެ ވުރެ ބޮޑަށް އާންމު ރައްޔިތުންގެ މެދުގައި މަގުބޫލު ހުކުމްތައް ކުރަން ފެށުމުގެ ނުރައްކާ އޮތުމެވެ.

އިދާރީ ފުށުއެރުން
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތައް ހަގީގީ މާނައިގައި ޒިންމާދާރު ކުރުވުމަށްޓަކައި، ވަކި ހާއްސަ އޯވަސައިޓް ކޮމިޝަނެއް އުފެއްދުމަށް މި ކަރުދާހުގައި ވަނީ ހުށަހަޅާފައެވެ. އަދި މިގޮތުން އުފައްދާ ކޮމިޝަނެއްގައި އާންމު ރައްޔިތުން ހިމެނުމަށްވެސް ވަނީ ހިމަނާފައި ވެއެވެ. މިނިވަން މުއައްސަސާތައް ބަލާނެ އިތުރު ކޮމިޝަނެއް އުފެއްދުމަކީ ނައިޖީރިއާ އަދި ކެންޔާ ފަދަ ގައުމުތަކުގައި އޮންނަ ފަދަ މުއައްސަސާތަކުގެ މައްޗަށް މުއައްސަސާތައް ބަރިޖަހާފާ ހުންނަ ފަދަ މަންޒަރެކެވެ. އަދި އެއީ، އިދާރީ ފުށުއެރުންތައް ވަރަށް ގިނައިން އުފެދިދާނޭ ކަމެކެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހިންގުމުގެ ހަރަދު ބޮޑުވެގެންދާނެއެވެ. އަދި ނިންމުންތައް ނިންމުމުގައި މުއައްސަސާތަކުގެ މެދުގައި އިހުތިސޯސާއި، ބާރުގެ ކޯޅުންތައް އުފެދެން ފަށާފާނެއެވެ.

ނިންމުން
އެމްޑީޕީގެ ކޮންގްރެސްއިން ފާސްކުރި ބޮޑު ބަދަލުގެ ކަރުދާހަކީ ދިވެހިރާއްޖޭގެ ގާނޫނީ އަދި ސިޔާސީ އޮނިގަނޑު ގެ މޫ ބަދަލުކޮށްލާނެ ފަދަ ވަރުގަދަ ހުށަހަޅުންތަކެކެވެ. ބާރުތައް ވަކިކުރުމާއި، ރައްޔިތުންނަށް ސީދާ ބާރުވެރިކަން ދިނުމާއި، މަޖިލީހުގެ ހަރަދުތައް ހިފެހެއްޓުމަކީ ޑިމޮކްރެސީގެ ރީތި ބެސްޓް ޕްރެކްޓިސްތަކެކެވެ. ނަމަވެސް، ރާއްޖޭގެ ކުޑަ އާބާދީއާއި އިގުތިސޯދީ ހާލަތަށް ބަލާއިރު މިއިން ކޮންމެ ކަމަކީ ފުންކޮށް ބަހުސްކޮށް ދިރާސާކުރަންޖެހޭ ކަންކަމެވެ. މި އިސްލާހުތައް ހަގީގަތަކަށް ވާނީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނެސްގެނެވެ. މީގެ ކާމިޔާބު ބިނާވެފައި އޮންނާނީ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ އިތުބާރާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެދުވެރިކަމުގެ މައްޗަށެވެ.

ކޮމެންޓް