
އެވަގުތު، އަތިރިމަތިން ހިނގާފައި އައި ދަލޭކަ، އުމަރުބެއާ ދާދި ގާތުގައި ހުރި ޖޯއްޔެއްގައި އިށީނދެލިއެވެ. ދެމީހުންނަކީވެސް މި ރަށުގެ ހުރިހާ ޒަމާނެއް ދުށް، ސިޔާސީ އަދި އިޖުތިމާއީ އޮއިވަރު ރަނގަޅަށް ދަންނަ ދުވަސްވީ ދެމީހުންނެވެ.
"އުމަރުބޭ! ހާދަ ފުން ވިސްނުމެއްގަ؟ ފޯނަށް ގެއްލިފައި ތިޔައޮތީ ކަމަކާ މާބޮޑަށް ކަންބޮޑުވެގެންތަ؟" ދަލޭކަ އަހާލިއެވެ.
އުމަރުބެ ފުން ނޭވާއެއް ދޫކޮށްލަމުން ފޯނު ދައްކާލިއެވެ. "މި ބަލަނީ ޓެމޫ. މިއީ، ފިހާރަތަކަށްވުރެ މާ އަގުހެޔޮކޮށް، ފަސޭހައިން މުދާ ގެއާ ހިސާބަށް ގެނެސްދޭ ބައެއް. އެކަމަކު އަހަރެންގެ ހިތަށް އެރީ މިއީ ހަމައެކަނި މުދާ ގަންނަން އޮތް އެއްޗެއް ނޫނޭ. މިއީ މިހާރުގެ ސިޔާސީ މަސްރަހާވެސް ވަރަށް ގުޅޭ އެއްޗެކެވެ."
ދަލޭކަ ހައިރާންވެފައި އަހާލިއެވެ. "ސިޔާސީ ކަންކަމާ؟ ޓެމޫއާ ސިޔާސީ ކަންކަމާ އޮތީ ކޮން ގުޅުމެއް؟"
"ދަލޭކާއަށް ވިސްނައިދީފާނަން،" އުމަރުބެ ޖޯލީގައި ހަމަޖެހިލަމުން ބުންޏެވެ. "ޓެމޫއިން މިކުރާ ކަމަކީ އަގުހެޔޮ މުދަލާއި، ލޮލަށް ރީތި ކުލަކުލައިގެ އިޝްތިހާރުތައް ދައްކައިގެން މީހުންގެ ސަމާލުކަން ދަމައިގަންނަނީ. އެކަމަކު އެއިން ގަންނަ ގިނަ މުދަލުގެ ފެންވަރެއް ނުހުރޭ، ގިނަ ދުވަހަކު ނުހިފަހައްޓާ. ހަމަ އެގޮތަށް، ސަރުކާރުންވެސް ރައްޔިތުންގެ ތާއީދު ހޯދަން އެކުރަނީ ހަމަ އެކަހަލަ ކަމެއް. ކުލަގަދަ ވައުދުތަކާއި، ވަގުތީ އުފާވެރިކަން ދައްކައިގެން، ބަލިކަށިވަމުންދާ ރައްޔިތުންގެ ތާއީދު ގަންނަން އެއުޅެނީ."
ދަލޭކަ ބޯޖަހާލަމުން ފުން ނަޒަރަކުން އުމަރުބެއަށް ބަލާލިއެވެ. "އުމަރުބޭ، ތިޔައީ ހަމަ ތެދު ވާހަކައެއް. މިހާރު ރަށު ތެރޭގެ ހާލަތު ބަލާބަލަ. ތަކެތީގެ އަގު އުފުލި، ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ހިނގައްޖެ. ރައްޔިތުން ތިބީ މާޔޫސްވެ، ސަރުކާރަށް އޮތް އިތުބާރު ކެނޑި، ތާއީދު ބަލިކަށިވެފައި. ދެން ކުއްލިއަކަށް ކޮންމެވެސް ވަގުތީ ހަދިޔާއެއް ނުވަތަ އާ ވައުދެއް ދައްކާލަފާނެ، އެ ބަލިކަށިވަމުންދާ ތާއީދު އަލުން ގަނެވިދާނެ ކަމަށް ސަރުކާރުންހީކުރުމަކީ ހެދޭ ބޮޑު ގޯހެއް، ކުށްހީއެއް."
ދަލޭކަ ރަށުގެ ފަޅުތެރެއަށް ވަންނަމުންއައި ޑިންގީއެއް ނަޒަރު ހިންގާލިއެވެ. "ހަމަ ތެދެއް އުމަރުބޭ. ބަލާބަލަ އަހަރެމެންގެ މި ކުޑަކުޑަ ރަށަށް. މި ސަރުކާރެއއ އައިފަހުން ތިން އަހަރުވަނީ، ރަށުގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ. ފެށިފައި ހުރި ބަނދަރުގެ މަސައްކަތް އޮތީ ހުއްޓިފައި، މަގުތައް ހެދުމުގެ ވާހަކަ ދެކެވުނު ގޮތަށް ކޮޅެއް ނުފެނުނު. ރަށުގެ ޒުވާނުން ތިބީ ކުރާނެ މަސައްކަތެއް ނެތި، މާޔޫސްވެފައި. ރަށަށް ބޭނުންވާ އަސާސީ ތަރައްގީގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށޭ، ހުސް ވައުދުން ފޮނިބޯކުރަން އުޅޭތީ މި ރަށު ރައްޔިތުން މިތިބީ ހިތްހަމަނުޖެހިފައި. މިފަދަ ހާލަތެއްގައި ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭ، ދައްކަނީ ހުއްވާހަކަ، ސިޔާސީ ދަޅަ."
"އާނ، ދަލޭކާ!" އުމަރުބެ ބުންޏެވެ. "ޓެމޫއިން ފައިސާ ދީފައި މުދާ ގަނެވިދާނެ. އެކަމަކު ރައްޔިތުންގެ ހިތްތަކާއި، އެމީހުންގެ ހަގީގީ ލޯތްބާއި އިތުބާރަކީ ފައިސާއަށް ނުވަތަ ވަގުތީ ސިޔާސީ އުކުޅުތަކަށް ގަނެވޭނެ އެއްޗެއް ނޫން. ރައީސް މުއިއްޒަށްވެސް، އަދި އެހެން ވެރިއަކަށްވެސް ރައްޔިތުންގެ ލޯބި ލިބޭނީ އިހުލާސްތެރިކަމާއެކު ރައްޔިތުންގެ ހާލަތު ބަދަލުކޮށްދީގެން. މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދައިދީގެން."
ދަލޭކަ އުޑުމައްޗަށް ބަލާލަމުން ބުންޏެވެ. "މިހާރުގެ ޒުވާނުންނަށް ޓެމޫގެ އަގުހެޔޮ މުދަލުގެ ސިއްރު ފަހުން އެނގޭ، ރައްޔިތުންނަށްވެސް މިއަދު ސިޔާސީ ކަންކަމުގެ ހަގީގަތް ވިސްނޭ. ރައްޔިތުންގެ ލޯތްބަކީ ބާޒާރުން ގަންނަން ލިބޭ މުދަލެއް ނޫންކަން ވެރިޔާއަށް އެނގެން އެބަޖެހޭ."
ޖޯލިފަތިން ތެދުވަމުން އުމަރުބެ ނިންމާލިއެވެ. "ހަމަޔަގީނުންވެސް، ވަގުތީ ގޮތުން މީހެއްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވިދާނެ. އެކަމަކު ބަލިކަށިވަމުންދާ ރައްޔިތުންގެ ތާއީދަކީ ޓެމޫއިން މުދާ ގަންނަހެން ރައީސް މުއިއްޒަށް ގަނެވޭނެ މުދަލެއް ނޫން. އެކަން ކުރެވޭނީ ހަމައެކަނި ތެދުވެރި ހިދުމަތުން."
ދެމީހުން ހިނގައިގަތީ ގަމުތެރެއަށް ވެރިވަމުންދިޔަ ރޭގަނޑުގެ ހަމަހިމޭން އަނދިރިކަމުގެ ތެރެއަށެވެ. އެދެމީހުން ދެއްކި ވާހަކައިއަކީ ކޮންމެ ރަށެއްގެ މަގުމަތީ ރޭޑިއޯއިން އިއްވަމުންދާ ޓޭޕެކެވެ.




