
އެ ފިނި ރޭގެ ފުރަތަމަ އޯވަރުތަކުގައި ލިބުނު ފަސޭހަ ބޯޅަތަކަށް ތިބާ ހެއްލުނީމެވެ. އޭރު ދަނޑުގެ ވިނަގަނޑު އޮތީ އައު ކައިވެންޏަށް ނަލަހައްދާ ޒީނަތްތެރިކޮށްފައިވާ އަންހެން ކުއްޖެއް ފަދައިންނެވެ. ނަމަވެސް ޕިޗުގެ ހާލަތަށް އައި ބަދަލާއި، ބޯޅަ ސުޕިން ވަމުންދާ ގޮތާއި، ވައިގެ މިސްރާބު ބަދަލުވަމުން ދިޔަ މިސްރާބު ތިބާ ދެނެގަންނާކަށް ބޭނުމެއް ނުވިއެވެ. ސިޔާސީ މަސްރަހަކީ ވެސް ހަމަ މިފަދަ ކުޅިވަރެކެވެ. ކޮންމެ ނިންމުމަކީ މެޗެއްގެ 'ޕަވަރޕްލޭ' ފަދަ އެއްޗެކެވެ. ވަގުތުގެ ބޭނުން ހިފައިގެން ހަމައެކަނި 'މަ' މޮޅުވާން އުޅުމަކީ ޓީމު ރޫޅިދާފަދަ ކަމެކެވެ.
މެޗު ބެލުންތެރިންގެ ހަޅޭކުގެ އަޑަކީ ތިބާގެ މޮޅުކަމުން ތައުރީފެއްކަމަށް ހީވެދާނެއެވެ. ނަމަވެސް އެއީ ކުޅިވަރުގެ ޖޯޝެވެ. ތިބާގެ ކިބައިން ކުޅިވަރުގެ އަހުލާގު ގެއްލި، ބޭ މޮޅުވާން އުޅެފިނަމަ އެ އަތްޖެހުން ބަދަލުވެގެންދާނީ ފާޑުކިޔުމުގެ ހޫނު އަނގުރު އަލިފާނަށެވެ.
ބައެއް މީހުންނަށް ބެޓް ކުރަން ދަނޑަށް އެރުމުން ހީވަނީ ދުވަހަކުވެސް އައުޓުވެގެން ފައިބަން ނުޖެހޭނެ ކަމަށެވެ. ނުވިސްނާ ހުއްޓާ ފާސްޓް ބޯލަރެއްގެ ޔޯކާއަކުން ސްޓަމްޕްތައް ވިއްސައިގެން ހިނގައިދާނެއެވެ. ކިތަންމެ ވަރުގަދަ ބެޓުސްމަނަކުވެސް ޖެހޭނީ ދަނޑުން ފައިބައިގެން ދާށެވެ. މިގޮތަށް، ސިޔާސީ ބާރާއި ނުފޫޒަކީ ވެސް ހަމަ ކުއްލިއަކަށް ބަދަލުވެގެންދާނެ އެއްޗެކެވެ. ހިކުމަތްތެރި ކުޅުންތެރިޔަކީ ދަނޑުގައި ހޭދަކުރާ ކޮންމެ މިނެޓަކީވެސް އިދިކޮޅު ޓީމުގެ ފީލްޑުގައި އަތުރާފައިވާ ގޮތަށް ބަލައިގެން ކުޅުމަށް ޖާގަ ހޯދާ މީހާއެވެ.
ކޮންމެ އިންސާނަކީވެސް އެމީހެއްގެ ދިރިއުޅުމުގެ، ނުވަތަ މަސައްކަތުގެ މާހައުލުގައި އިނިންސެއް ކުޅެމުންދާ މީހެކެވެ. އެހެންކަމުން ބޯލަރުންގެ ބޯޅައުކުމުގެ ހުނަރަކީ ވެސް ތިބާ ދެނެގަންނަންޖެހޭ މުހިންމު ހުނަރެކެވެ. ސިޔާސީ ގޮންޖެހުންތަކަކީ ހަމަ އެފަދަ ބޯޅަތަކެވެ. ބައެއް ފަހަރު އަންނާނީ އިން-ސްވިން ބޯޅައެކެވެ. އަނެއްބައި ފަހަރު ގޫގްލީ ބޯޅައެކެވެ. ވިސްނުންތެރިކަމެއް ނެތި ހަމައެކަނި ބާރަށް ޖަހަން އުޅުމަކީ ހެދޭ ގޯހެކެވެ. އެފަދަ މީހާ، އުކާމީހާގެ އުކުޅުތަކުގެ ކުރިމަތީގައި ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާށެވެ.
އޮޕޯނިސްޓުންނަށް ވިސްނާނުލެވި އޮތް ކަމަކީ، އަހަރުމެން މިތިބީ ހަމައެކަނި ދިފާއުގައި ނޫން ކަމެވެ. ސޯޝަލް މީޑިއާގައި ޓްރެންޑްވުމަކީ ޗެރިޓީ މެޗެއްކަހަލަ ކަމެކެވެ. އަސްލު މެޗު ފެށެނީ ހަގީގީ ވާދަވެރިކަމުގެ ތެރެއިންނެވެ. ކޮންމެ ބޯޅައަކަށް ފާރަވެރިވެގެން ހުންނަ އިރުގައެވެ. ސިޔާސީ އިލްމުގެ ނަޒަރަކުން ބަލާއިރު، ބާރަކީ ދާއިމީ އެއްޗެއް ނޫނެވެ. ވެރިކަން ހިންގުމުގެ އެންމެ މުހިންމު ފަލްސަފާއަކީ އަދި އެންމެ ބޮޑު ސިއްރަކީ އެކަންޒު ހޯދައި ދެނެގަތުމެވެ. ކްރިކެޓްގައި އަމްޕަޔަރުގެ ނިންމުމަށް އިހުތިރާމްކުރަންޖެހޭނެއެވެ. ހަމައެފަދައިން، ސިޔާސީ ދަނޑުގައި ރައްޔިތުންގެ ނިންމުމަށް މަރުހަބާ ކިޔަންވާނެއެވެ. އަދި ގާނޫނަށް ބޯލަބައި، ކިޔަމަން ވާންވާނެއެވެ.
ތިބާގެ ނާކާމިޔާބު ފޮރުވުމަށްޓަކައި، ފީލްޑު ކުށްވެރި ނުކުރާށެވެ. އެއީ ބަލިވުމުން ދެއްކޭ ބަހަނާތަކެކެވެ. ތިބާގެ އިނިންގްސް ނިމުމަކަށް އައީ ތިބާގެ އަމިއްލަ އިހުމާލުންނެވެ. ކުޅިވަރުގެ ރޫހާ ހިލާފަށް ކުޅެން އުޅުމަކީ ރެފްރީގެ 'ބޭން' އަތުވެދާނެ ކަމެކެވެ.
ދަނޑުމަތީގައި މިހާރު ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ތިބާގެ ކުޅުން ނިމި، ޕެވިލިއަނާ ދިމާލަށް ތިޔަ ހިނގައިގަތީއެވެ. ސްކޯ ބޯޑުން ފެންނަން ހުރީ ހަމައެކަނި ވަގުތީ އުފަލެކެވެ. މެޗެއް އަދި ނުނިމެއެވެ. ފުރަތަމަ އިނިންގްސްގެ ނަތީޖާއަށް ބޮޑާ ނުވާށެވެ. މުޅި މެޗު ކާމިޔާބުވީ ކަމަށް ހީނުކުރާށެވެ. އަހަރެމެންގެ އިނިންގްސް އޮތީ ކުރިއަށެވެ. އަދި އެ އިނިންގްސްގައި ބޯޅަ އުކާނެ ގޮތާއި، ދަނޑުގެ ކޮންމެ ދިމާލަކުން ރަން ނަގާނެ ގޮތުގެ ފުރިހަމަ ޗާޓެއް މިވަނީ އަހަރުމެން ކުރަހާފައެވެ. އެއީ ދަނޑުގެ ހަތަރުދިމާލަށް ބޯޅަ ޖަހާ ފޮނުވާލާނެ ހިކުމަތްތެރި ހުނަރުތަކެވެ.
ބަލަން ހުންނާށެވެ. އަހަރެމެންގެ އިނިންގްސް ފެށޭ ވަގުތަށެވެ. ދަނޑުގެ ހުރިހާ ދިމާލަކުން ފެންނާނީ އާ އުއްމީދެވެ. އާ ސްޓްރެޓެޖީއެވެ. ހިކުމަތްތެރިކަމާއެކު، ކާމިޔާބުގެ ބިންގާ އަޅަމުން ގޮސް، ފަހު ސިކުންތުގައި މެޗު އަބުރާލާނެ އުކުޅުތައް އަހަރުމެން ދައްކައިދޭނަމެވެ. ތިބާގެ ކުޅުން ނިމިއްޖެއެވެ؛ ސަޕޯޓަރުން ފޫހިވެއްޖެއެވެ. ދެން އޮތީ އަހަރުމެންގެ ކުޅުމެވެ. ސްކޯ ބޯޑަށް ބަލަން ހުންނާށެވެ!




