
"ބަލާބަލަ އިބްރާހިމާ،" ބްރިޖާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އަހުމަދު ވާހަކަދައްކަން ފެށިއެވެ. "މި ބްރިޖު ފެނުނީމާ ހިތަށް އަރަނީ ރައީސް މުއިއްޒު ދެއްކެވި ބޮޑެތި ވާހަކަތައް. މީ ދިވެހީންގެ ރާއްޖޭ ކިޔައިގެން ކެނޑި ފޮނި ބައިސާ. ގައުމުގެ މިސްރާބު ރަނގަޅު ކުރަން ވީ ވައުދުތަކަށް. މިއަށް ވީ ކިހިނެއް؟ ހުރިހާ ދާއިރާއަކުންވެސް މިއަދު ފެންނަނީ ބޮޑު އޮޅުވާލުން ގަޑެއް."
އިބްރާހީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކަނޑުގެ ބާނިތަކަށް ބަލާލިއެވެ. "ތިޔައީ ހަމަ ހަގީގަތެއް އަހަންމަދާ. 'އެންމެ ފުރަތަމަ ގައުމު' މިވެސް އަނގައިން ވެއްޓުނު ސޮންޏެއް. އާންމު ރައްޔިތުމީހާގެ ޖީބަށް ކުރާ އަސަރުން އެކަނިވެސް ސިޔާސަތުތައް ކަމުނުދާކަން އެންމެނަސް އެބަ އެނގޭ. އިގުތިސޯދީ މިނިވަންކަމުގެ ވާހަކަ ދައްކާއިރު ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ އަތްފޯރާ ފަށަށްވުރެ މަތީގައި. ހަރުގަނޑަކަށް އަރައިގެންވެސް އަތްނުފޯރާ ހިސަބުގަ. މަހު މުސާރައިން ދެކޮޅެއް ނުޖެހޭ."
"އާނ، ތީވާ ތެދެއް،" އަހުމަދު ބުންޏެވެ. "އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނަމުގައި ކޮންމެ ދުވަހަކު ކުއްލި ނިންމުންތައް އެބަ ނިންމާ. މި ހީވަނީ ބަނާނާ ރިޕަބްލިކް ހެން. މީގެ ސަބަބުން ކުދި ވިޔަފާރިތައް މިއަދު ވަނީ ބޮޑު އަނދަވަޅެއްގެ ތުންފަތުގައި. ބޭރު ފައިސާގެ ރިޒާވަކީ ހުސް ތިޖޫރިއެއް. ޒަރޫރީ ބޭސްފަރުވާއަށް ބޭނުންވާ މުހިންމު ބޭހެއް ބާޒާރަކު ނެތް. ދުރުރާސްތާގެ ހަރުދަނާ ރޭވުމެއް ނެތް. ދުވަހުން ދުވަހަށް ނިންމާ ކަންކަމުން ގައުމުގެ މާލީ ބިންގާ މިވަނީ ބަލިކަށިވެ، ހަލާކުވެފަ".
ފެރީގެ ދުވެލި ބާރުވަމުންދިޔައެވެ. ދެމީހުންގެ ޒުވާބުގެ ރާގުވެސް ދިޔައީ ވަރުގަދަވަމުންނެވެ. މިފަހަރު އިބްރާހީމް ފާހަގަކުރީ ހާރިޖީ ސިޔާސަތެވެ. "އަހަންމަދާ! ނިކަން ހާރިޖީ ދާއިރާއަށް ބަލާބަލަ. ދިވެހީންނޭ އިސްވާނީ ކިޔައިގެންވެސް ހާވަނީ ހަޑިއެއް. އަހަރުމެންގެ ގާތް އެކުވެރިންނާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތްތަކުގެ ހިތި މިއަދު މި ފެންނަނީ. ކޮބާ؟ އިންޑިއާ. އިންޑިއާ އައުޓުވެއްޖެ. މި މިޙުންނަށް ޑިޕްލޮމެޓިކް ބަސްމަގެއް؛ ޑިޕްލޮމަސީއެއް ނޭނގޭ. މިހާރު ދުނިޔޭގައި ދިވެހިންނަށް އިތުބާރުކުރާ ބަޔަކު ނެތް. އަހަރުމެން މިތިބީ ދުނިޔޭގެ ކުރިމަތީގައި އެކަހެރިވެފައި. ވަގުތީ މަންފާއަށް ހާރިޖީ ސިޔާސަތާ ކުޅެނީ. އެއްފަހަރު ތުރިކީއޭ ބުނާނެ، އަނެއްފަހަރު ސައުދީއޭ ކިޔާނެ، ޗައިނާއާ މާކައިރިވެދާނެ، އިންޑިއާއަށް ބުލީކޮށްފާނެ. މީން އެއްވެސް ކަމަކުން ލިބުނު ފައިދާއެއް ނެތް."
"ތިޔައީ ހަމަ އަހަރެންވެސް ބުނަން އުޅުނު ވާހަކައަކީ،" އަހުމަދު ކަންބޮޑުވުމާއެކު ބުންޏެވެ. "ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކޮޅަށް ނުޖެހުނު. އަދުމުދުން އެތައް ބިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ހިއްކި ރަސްމާލެވެސް ޔަހޫދީ އެޖަންޓަކަށް ވިއްކާލަނީ. ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތަކުގެ ލިސްޓު އޮޅުވާލައިފި. މެޑަމް ބޭނުން ބަޔަކަށް ބަހާލައިފި. ހައްގުވެރިން މަގުމަތިކޮށްފި. ހައްގު ތެދެއް ބުނަން! މި މަންޒަރު ބަލަން އަހަރެންގެ ހިތަށް އެހާ ފަސޭހައެއް ނޫން. އަދި ކޮބާ! ފާޑުކިޔައި ބަސްބުނުމުގެ މިނިވަންކަން އޮޅާލައިފި. ނޫސްވެރިކަމަށް ގާނޫނީ ހުރަސްތައް ކުރިމަތިކޮށްފި. މިއީ ހަރުދަނާ އިޖުތިމާއީ ކުރިއެރުމެއް ނޫން. އޮތީ ބިރުވެރިކަމާއި އަނިޔާވެރިކަން."
"އިބްރާހިމާ، އެކަން އެކަންޏެއް ނޫން!" އަހުމަދު ކުރިއަށްވުރެ ބާރަށް ބުންޏެވެ. "ކޮރަޕްޝަންގެ މީޓަރު އޮތީ އިންތިހާގައި. ބޮޑެތި މަޝްރޫއުތައްވެސް ދޫކޮށްލަނީ ފުރެންޑުންނަށް، ނޫނީ ގާތްމީހުންނަށް، އެވެސް ބިޑަކާ ނުލައި. މީނާގެ ވެރިކަމުގައި، ދެފުށް ނުފެންނަތާ ބޭރުފުށްވެސް ނުފެނޭ. ކައިރީގައި ތިބިމީހުންނާ އިސްކޮށް ޕާޓީގަ އުޅޭ ކުދިންކޮޅު ނާޖާއިޒު ފައިދާ ނަގަނީ އަމަށަކު ވަރަކަށް ނޫން. އެންމެ ދެރައީ މިފަދަ ކަންކަން ބަލަން ތިބޭ މުއައްސަސާތައްވެސް ސަރުކާރުން ހިސޯރުކޮށްފައި އޮންނާތީ. އޭސީސީންވެސް މައްސަލަތައް އޮއްބާލަނީ. ގާނޫނުގެ ދިގުއަތެއް ނުފޯރާ. މިއަށްވުރެ ހިޔާނާތްތެރި ދައުރެއް އަހުރެން ނުދެކެން."
އަހުމަދުގެ ވާހަކަތަކަށް އެއްބަސްވަމުން އިބްރާހީމް ބޯޖަހާލިއެވެ. "އެންމެ ދެރައީ ގައުމާއި ސަގާފަތާއި އިސްލާމީ ވަހުދަތުވެސް ސިޔާސީ ހަތިޔާރަކަށް ހަދާފައިވާތީ. ދީނީ އަދި ގައުމީ ޝިއާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދަނީ. ވަކި ބަޔަކީ ގައުމަށް ވަފާތެރި ބައެއް ނޫން ގޮތުގައި ދައްކައި މުޖުތަމައުގެ ބަދަހިކަން ނަގާލަނީ. ހަގީގީ ގައުމިއްޔަތަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަން. ކީއްކުރާނީ! މިހާރު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއް."
ދެ ރަހުމަތްތެރިން ފެރީން ފައިބައިގެން އެއްގަމަށް ހިނގައިގަތެވެ. އެ ދެ މީހުން ގަމުތެރެއަށް އަރައިގެން ދިޔައިރު ހިތުގައި އުފެދިފައިވާ ސުވާލަކީ މުޅި ގައުމުގެވެސް ސުވާލެވެ. ގައުމުގެ ހަގީގީ މިސްރާބަކީ ކޮބައި ހެއްޔެވެ؟




