އުމުރަށް ޖަލަށް ހުކުމް ކުރި އަލީ ޝަޒީނު.--
ފަޅުރަށެއްގައި މަސްތުވާތަކެތި ރައްކާކޮށް، ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް
މަރްޔަމް މުޙައްމަދު 6 އޮކްޓޯބަރ 2026 (އަންގާރަ)   13:59
ގދ.އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ގަމުގައި މަސްތުވާތަކެތި ރައްކާކޮށް، އެތަކެތީގެ ވިޔަފާރި ކުރި މީހަކު 25 އަހަރަށް ޖަލަށްލައި 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ގަމުގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ޖަލަށްލީ ގދ. ގައްދޫ، އަލީ ޝަޒީނު، 37އ، އެވެ.

މި މައްސަލައިގައި ގދ. ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މި މައްސަލައިގައި ނިންމީ އޭނާގެ މައްޗަށް އުފުލި ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2021 އޮގަސްޓް 10 ގައެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2021 ސެޕްޓެމްބަރު 1 ގައެވެ.

ކޮމެންޓް